ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މަސައްކަތްތެރިން މި ގައުމުގެ ތަރައްގީގައި، މުހިންމު ދައުރެއް އަދާ ކުރައްވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ފައިސަލް މިގޮތަށް ވިދާޅުވީ ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ރިއާ އެޑްމިރަލް އެސް އެމް އަބްދުލް ކަލާމް އާޒާދާއި އެކު މިއަދު ހެނދުނު އޮތް ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

އެ ބައްދަލުކުރެއްވުމުގައި ނައިބް ރައީސް ފައިސަލް އާއި ބަންގްލަދޭޝްގެ ސަފީރު ވަނީ ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމާއި، ވިޔަފާރިއާއި، ސިއްހީ ދާއިރާއާއި، ފަތުރުވެރިކަމާއި، އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގެ ދާއިރާއިން ހުރި ފުރުސަތުތައްފަދަ ދެ ގައުމުން އިސްކަންދޭ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ބަންގްލަދޭޝްގެ ސަފީރު ވަނީ ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މަސައްކަތްތެރިންނަށް ސަރުކާރުން ފޯރުކޮށްދެއްވި އެހީތެރިކަމާއި ތަފާތުކުރުމެއްނެތި ވެކްސިންގެ ފޯރުކޮށްދެއްވުމަށް ކުރައްވާފައިވާ މަސައްކަތް ފާހަގަކުރައްވާފައެވެ.

އޭގެ އިތުރުން، ނައިބު ރައީސް ވަނީ ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މަސައްކަތްތެރިން ރާއްޖޭގެ ތަރައްގީގައި، އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ.

"މަސައްކަތުގެ މާހައުލުގައި މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭކަމެއް. އެކަމުގައި އަދިވެސް މަސައްކަތްތައް ކުރަންހުރި. ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް އިތުރުވަމުން އަންނައިރު މުސްތަޤްބަލުގައި އިތުރު މަސައްކަތްތެރިންނަށް ބޭނުންވާނެ." ނައިބު ރައީސް ވިދާޅުވިއެވެ.

ރާއްޖެއާ ބަންގްލަދޭޝްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 22 ސެޕްޓެންބަރު 1978 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގާދިރު

    މި ޤައުމު ހަލާކުގެ ތެރެޔަށް ވެއްޓިގެން މިދަނީ ތި ބަޔަކާހެދި އެއްވެސް ކަމެއްގަ ހަމައެއް ލަމައެއް ނެތް

  2. އަހަންމަދު

    ނައިބުރައީސްއަށް ތިޔަ ފެނިވަޑައިގަންނަވާ ބަގުލާދޭޝް މަސައްކަތެރިން އަދާކުރާ މުހިންމު ދައުރުގެ ތަފުސީލަކީކޮބާ؟ އަހަރުމެނަކަށް ތިމުހިއްމުދަުރެއް ނުފެނޭ!
    އެކަމަކު ހުއްދައެއްހޯދުމެއްނެތި/ޓެކުހެއްނުދައްކާ
    ބޭނުންވިޔަފާރިއެއް ކުރުމަށް އެބޭފުޅުންނަށް ސަރުކާރުން ފުރުސަތުދޭ!

  3. ނުރައްކާ

    ބަންގްލަދޭޝް މަސައްކަތު މީހުންގެ ވަރަށްބޮޑު އާބާދީއެއް މި ރާއްޖޭގަ އުޅެނީ އެމީހުންގެ ކަންތައް ބަލަހައްޓާނެ ބަޔަކު ނެތި. އެންބަސީއަކުން ނުބަލާ އަދި ދިވެހި ސަރުކާރަކުންވެސް ނުބަލާ.

    އެމީހުންނަކަށް މަދުވެގެން ދީނީ ނަސޭހަތެއްވެސް ނުދެވޭ. މިހާރު އެމީހުން ވެސް މަސްތުވާތަކެތީގެ ވަބާގަޖެހި ތަޅާމަރާތަން މިފެންނަނީ. ވަރަށް ނުރައްކާތެރި ހާލަތަކަށް ގޮސްދާނެ.

    ހޯމަ މިނިސްޓްރީ އަދި އިސްލާމިކް މިނިސްޓްރީ ވަރަށް ސަމާލު