މިދިޔަ އަހަރުގެ މޭމަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ބޮމުގެ ހަމަލާ އާއި ގުޅިގެން ބާއްވާ ޝަރީއަތް އޮބްޒާވްކުރުމުގެ ފުރުސަތަށް އެމަނިކުފާނު އެދިވަޑައިގެންފިއެވެ.

ރައީސް ނަޝީދުގެ ފަރާތްޕުޅުން ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލަށް ފޮނުއްވެވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ހަމަލާ އާއި ގުޅިގެން ޝަރީއަތް ހިންގޭ 10 މީހުންގެ ތެރެއިން ބައެއް މީހުންގެ ޝަރީއަތް އޮބްޒާވްކުރުމުގެ ފުރުސަތަށް އެދިވަޑައިގަންނަވާކަމަށެވެ.

އެފުރުސަތު ނަޝީދުގެ ހަތަރު ވަކީލަކަށް ފަހިކޮށްދިނުމަށް ވަނީ އެދިފައެވެ.

މި މައްސަލާގައި މިހާތަނަށް ދައުވާ އުފުލާފައި ވަނީ ތަހްނީމް އަހުމަދާއި މުޖާޒު އަހުމަދާއި އިސްހާގު އާއި ފަހުމީ އަލީ އަދި އަލީ ހައިޝަމްގެ މައްޗަށެވެ. މި މައްސަލާގައި ހިމެނޭ އަދުހަމް ވަނީ ކުށަށް އިއުތިރާފްވެފައެވެ.

ނަޝީދު އަވަހާރަކޮށްލަން އަދުހަމް ބޮމެއް ގޮއްވާލީ ރިމޯޓެއް މެދުވެރިކޮށެވެ. އެ ރިމޯޓް ހިފައިގެން އޭނާ ހުރީ އަތަމާ ޕެލެސް ގޯޅި ތެރޭގައެވެ. އަދި ބޮން ގޮއްވާލުމަށް ފަހު އަދުހަމް ވަނީ ވަނީ ވަރަށް ބާރަށް ދުވެ އެ ސަރަހައްދުން ފިލައިފައެވެ.

އަދުހަމް ވަނީ އޭނާގެ ކުށަށް އިއުތިރާފްވެ ދައުލަތާއެކު އެއްބަސްވުމެއް ހަދައިފައެވެ. އެއާއެކު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް 23 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

ނަޝީދަށް ދިން ހަމަލާގައި ހިމެނޭ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ކުރިއަށްދާ ސްޕީޑް ލަސްކަމަށް ބުނެ އެމަނިކުފާނުގެ ފަރާތްޕުޅުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ައެމްއެމް

    މިކަލޯ ދެން މިއުޅޭގޮތެއް ދޯ.! ﷲ އީ ހުރިހާކަމެއްވެސް މޮޅަށް ދެނަވޮޑިވެގެންވާ ފަރާތް.

  2. ދިވެހި ވަކީލު

    އޮބްޒާވަރުންނަށް ލާނީ އިނގިރޭސި ވިލާތު ވަކީލުން ، ރާއްޖޭގައި ކިޔަވައިގެން ތިބި ލޯޔަރުން ކުރާނެ މަސައްކަތެއް ނެތިފައި ތިބޭއިރު މަނިކުފާނުގެ ކޭސްތަކުގައި މިލިޔަނުން ދީފައި އިނގިރޭސި ލޯޔަރުން ލަނީ .. އަދިވެސް ދިވެހިންގެ ތެރެއިން ބަޔެއްމީހުން ބުނާނެ ރ.ނަޝީދަކީ ގައުމަށް ހެޔޮއެދޭ ، ގައުމުގައި ތިބި ތައުލީމީ ދަރިންނަށް ފުރުސަތު ހޯދައިދޭ ބޭފުޅެކޭ..

  3. ޗޭންޖް

    އިދިކޮޅުގެ "އިންޑިއާ އައުޓް" އާ ދެކޮޅަށް އެމްޑީޕީގެ "ބާކީ ނުވޭ" ކެމްޕެއިނެއް ފެށިނަމަވެސް އެއިން ދެން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއޭ ތިޔާއީ ފިރުއައުނު ވެސް އޭނާގެ އުއްމަތަށް ރަސޫލު ބޭކަލަކު ފޮނުއްވުމުން އެއާއި ދެކޮޅު ހަދަން ވެގެން އޭނާ ކަންކުރި ތިއަރީގެ ދަށުން އެމްޑީޕީން ކުރަމުން އަންނަ ކައްޕަޅި ކަންކަމުގެ ތެރޭން ހިމެނޭ އެންމެ ކައްޕަޅި ކަންކަމޭ އިންޑިއާ އައުޓް ދުނިޔޭގެ ރިކޯރޑް ފޮތުން ޖާގަހޯދައިފިއޭ އިންޑިއާ ސިފައިން ބާލާދުވަސް ގާތްވަނީއޭ ލިސްންގް ޓު ދަ ވިންޑް އޮފް ޗޭންޖް އިޓްސް އަ ވިންޑް އޮފް ޗޭންޖް...