މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި ސަރުކާރުން ހަވާލުކޮށްފައިވާ ފެނާއި ނަރުދަމާ ގާއިމުކުރުމުގެ ހުރިހާ މަޝްރޫއުތައް އަންނަ އަހަރު އެއްކޮށް ނިންމާލާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ވިދާޅުވެއްޖެއެވެ.

ޝާހް މިގޮތަށް ވިދާޅުވީ އެމްޑަބްލިއުއެސްސީގެ 27 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކްރޮސްރޯޑްގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ޝާހް ވިދާޅުވީ އެމްޑަބްލިއުއެސްސީގެ އެންމެ މުހިންމު މަސައްކަތަކީ ފެނާއި ނަރުމަދާގެ ހިދުމަތް ފޯރުކޮށްދިނުން ކަމުގައި ވީނަމަވެސް އެ ކުންފުންޏަކީ ރާއްޖޭގެ ރަށްރަށުގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމްކޮށް އެ ހިދުމަތް ވެސް ފޯރު ކޮށްދެމުންދާ ކުންފުންޏެއް ކަމަށެވެ.

މި ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތުގެ ދަށުން އެ ކުންފުންޏައި ހަވާލުކޮށްގެން ކުރިއަށްގެންދާ 31 ރަށުގެ ތެރެއިން ހަތަރު ރަށެއްގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށް ވެސް ޝާހް ވިދާޅުވިއެވެ.

"މިހާރު ސަރުކާރުން ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން މި އަހަރު 20 މަޝްރޫއު ނިންމާނަން. އަދި 2023 ވަނަ އަހަރު ހުރިހާ މަޝްރޫތަކެއް ނިންމައި ސަރުކާރާއި ހަވާލު ކުރާނަން." ޝާހް ވިދާޅުވިއެވެ.

ޝާހް ވިދާޅުވީ މާލޭގެ ފެނުގެ ސެކިއުރިޓީ ހަރުދަނާ ކުރުމުގެ ގޮތުން އެ ކުންފުނީގެ ފެނުގެ ސްޓޯރޭޖް އިތުރުކުރުމަށް ބޭނުންވާ 13 ހާސް ކިއުބިކް މީޓަރުގެ ބޮޑު ދެ ތާނގީ ބެހެއްޓުމަށް ބިން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ކަމަށް ސަރުކާރަށް އޭނާ ވަނީ ޝުކުރު ދަންނަވާފައެވެ.

ރޭ ބެއްވި އެމްޑަބްލިއުއެސްސީގެ އަހަރީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ނައިބް ރައީސް ފައިސަލް ނަސީމު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޑަބްލިއުއެސްސީ ވުޖޫދަށް އައިސްފައިވަނީ 1995 ވަނަ އަހަރު މާލޭގެ އިތުރުވަމުން ދިޔަ އާބާދީއަށް ފެނާއި ނަރުދަމާގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނެ ފުރިހމަ މަގެއް ތަނަވަސްކޮށް ދިނުމަށްޓަކައެވެ.

ނަމަވެސް މިއަދު އެ ކުންފުންޏައް 27 އަހަރު ފުރިގެން ދިޔައިރު އެ ކުންފުންޏަކީ ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެއްގެ އިތުރުން ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އިންޖިނިއަރިން އަދި މެނުފެކްޗަރިންގެ މަސައްކަތް ކުރަމުންދާ އެއް ކުންފުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަ

    ދެން ނިންމީމަ ނިމުނީނު. މީހަކު ނިކިޔައޭ ނުނިންމާށެކޭ.

  2. އަހަންމާ

    ފްލެޓްތައްވެސް މޭމަހު ނިމޭނެޔޯ. މިއަދަކީ މޭމަހު 26..... އަނގައިން ނިންމަން ހިފާފައި ހުރިއްޔާ ދެތިން މިނިޓުންވެސް ނިންމައިލެވިދާނެ ދޯ؟

  3. ސަތަރި

    ނިންމާނީ އަނގައިން