ލައިޓެއް އަނދައިގެން އެކަމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ސުވާލު އަމާޒުވުމުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފިއެވެ.

މަހުލޫފް މިއަދު މަޖިލީހަށް ހާޒިރުކުރީ މާވަށުގެ ކުޅިވަރާ ބެހޭ ފެސެލިޓީތަކުގައި ހުރި މައްސަލަތަކާ ގުޅޭ ގޮތުން މާވަށު ދާއިރާގެ މެމްބަރު އަހުމަދު ސައީދު ސުވާލު ކުރެއްވުމަށް ހުށަހެޅުއްވުމުންނެވެ.

އަދި އެ ފުރުސަތުގެ ތެރެއިން މާވަށުގެ ފުޓްސަލް ދަނޑުގެ ލައިޓްތައް ހަލާކުވެ ލައިޓްތައް ނުދިއްލޭތީ އެކަން ހައްލުކޮށްދެވޭނީ ކޮން އިރަކުންތޯ ސައީދު އެއްސެވިއެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި މަހްލޫފް ވިދާޅުވީ ފުޓްސަލް ދަނޑާއި ވޮލީ ފަދަ ތަންތަނުގައި ހުންނަ ލައިޓްތަކުގެ މެއިންޓެނެންސްގެ މައްސަލަތަކަކީ ޔޫތު މިނިސްޓްރީގެ މައްސަލައެއް ނޫން ކަމަށެވެ. އަދި އެކަމުގެ ޒިންމާ މަތިކޮށްފައި އޮންނަނީ ކައުންސިލްތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިއީ ވަރަށް ކުދި ކުދި ކަންކަން ކަމަށާއި ނަމަވެސް އެފަދަ މައްސަލަތަކާ ގުޅިގެން އޭނާއަށް ވަރަށް ގިނައިން ސުވާލު އަމާޒުވަމުންދާ ކަމަށެވެ.

"ފުޓްސެލް ދަނޑުގައި ލައިޓް އަނދާފައި ހުރީމަ ނުކުޅެވި، ވޮލީ ކޯޓުގައި ލައިޓެއް ނެތިގެން ނުކުޅެވި މިނިސްޓަރާ ހެދި ހުންނަން ޖެހޭ ވިސްނުން އެބަ ޖެހޭ ހަގީގަތުގައި ނިމުމަކަށް ގެންނަން" މަހުލޫފް ވިދާޅުވި އެވެ.

އެހެންކަމުން މަޖިލިސް ވެސް ބައިވެރިވެގެން ކައުންސިލްތަކަށް ދޭ ބަޖެޓް އިތުރުކޮށްގެން ނަމަވެސް ލައިޓްތައް ރަނގަޅު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަކަލޭލީ

    އެހާ ވަރު ކަމެއް ވެސް ނުވަންޏާ ދެން ޖެހޭނީ ގެނެސްގެން އަހަން ދޯ.

  2. ސަމްސިއްޔާ

    ދެންކީއްކުރަންތަ ބައިހަދާފަ ދަނޑުތަކާ ކޯޓްތައް ހުޅުވަންދަނީ؟؟ މިނިސްޓަރު ނުދިޔައަސް އެކަންވާނެދޯ. ކުރެޑިޓް ނަގަންވީމަ ގިރުވާން ކޮޅަށް ޖަހާފަ މިނިސްޓަރު. ކަމަކާ ހަވާލުވާންވީމަ ކައުންސިލް.