ކުނި ނައްތާލުމުގެ މަސައްކަތަށް ތިލަފުށި ފަޅުން 15 ހެކްޓަރުގެ ބިން އެމްޓީސީސީ އިން ހިއްކައިފިއެވެ.

އެކަމާ ގުޅޭގޮތުން އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތިލަފުއްޓަކީ ރައްކާތެރި، ސާފު، ދިރިއުޅެވޭނެ ފަދަ މާހައުލަކަށް ހެދުމަށްޓަކައި ކުރެވޭ މަސައްކަތުގެ ދަށުން ކުނި މެނޭޖްކުރުމުގެ 158 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް މިހާރު ފަށާފައިވާ ކަމަށެވެ. އަދި މި ޕްރޮޖެކްޓަށް ބޭނުންވާ 15 ހެކްޓަރުގެ ބިން ހިއްކައި ނިންމާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެންވަޔަރްމެންޓް މިނުސްޓުރީއިން ކުރިން ހާމަކުރި ގޮތުގައި ރައްކާތެރި ގޮތުގައި ކުނި ނައްތާލުމުގެ މި ބޮޑު މަޝްރޫއަށް ސަރުކާރުގެ ބަޖެޓުން 105 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ މަސައްކަތުގެ ދަށުން ކުނި ނައްތާލުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން ހަވާލުކުރީ 240 ދުވަހުގެ ތެރޭގައި ނިންމަން އެމްޓީސީސީއާއެވެ.

ތިލަފުށީގެ ބިން ފިޔަވަހިތަކަކަށް ބަހާލައިން ތަރައްގީ ކުރުމަށް ހަމަޖެހިފައިވާކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ. އެގޮތުން ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މަސައްކަތް ނިމުމުން، ދުވާލަކު 500 ޓަނުގެ ކުނި ނައްތައިލެވޭނެއެވެ.

ތިލަފުށީގައި ކުނީގެ މައްސަލަ ހައްލުކުރަން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އެހީގައި 126 މިލިއަން ޑޮލަރުގެ މަޝްރޫއެއް ސަރުކާރުން ހިންގަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.