ލ. ދަނބިދޫ އަދި ކަލައިދޫ ގުޅުވާލުމަށް ހަދާ ކޯޒްވޭގެ މަސައްކަތް ލަސްވެފައި ވާތީ ކަލައިދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައިވަނީ ނައިބު ރައީސް ފައިސަލް ނަސީމާއި އެކު މިއަދު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ބަންދަލުވުމެއްގަ އެވެ.

އެ ބައްދަލުވުމުގައި ކަލައިދޫގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވެވި އެވެ.

އެ ބައްދަލުވުމުގައި ކަލައިދޫ ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ދަނބިދޫ އަދި ކަލައިދޫ ގުޅުވާލުމަށް ހަދާ ކޯޒްވޭގެ މަސައްކަތާއި ކަލައިދޫ ބަނދަރުގެ މަސައްކަތް ނުފެށި ވުން ހިމެނެއެވެ.

އަދި ރަށްގިރާ ސަރަހައްދު ހިމާޔަތްކުރަން ބޭނުންވާކަމާއި ސްކޫލަށް މަލްޓިޕާޕަސް ހޯލެއްގެ މުހިންމުކަމާއި އަދި މި ނޫންވެސް ރަށުގެ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް މުހިންމުކަމާއި ގުޅޭގޮތުން ނައިބު ރައީސާއި މަޝްވަރާ ކުރެއްވިއެވެ.

އެ ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ތަރައްގީގެ މަޝްރޫއުތަކުގެ އެންމެފަހުގެ މައުލޫމާތުތައް ކައުންސިލު މެންބަރުންނާއި ހިއްސާކުރައްވާފައެވެ.

އެގޮތުން ކޯޒްވޭގެ މަސައްކަތުގެ އީ.އައި.އޭ ހެދުމުގެ މަސައްކަތް ކުރިޔަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.