ތޮއްޑޫ ދާގަބާ ސަރަޙައްދު ސައިޓް މިއުޒިއަމެއްގެ ގޮތަށް ތަރައްޤީކުރުމަށް ބޭނުންވާ ކޮންސެޕްޓް ޑިޒައިން އަދި ތަފްޞީލީ ކުރެހުންތައް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފިއެވެ.

ހެރިޓޭޖް މިނިސްޓްރީން ކުރި އިއުލާނެއްގައި ވިދާޅުވެފައި ވަނީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ދޭ މަޢުލޫމާތާއި އެއްގޮތަށް އއ. ތޮއްޑޫ ދާގަބާ ސަރަޙައްދު ސައިޓް މިއުޒިއަމެއްގެ ގޮތަށް ތަރައްޤީކުރުމަށް ބޭނުންވާ ކޮންސެޕްޓް ޑިޒައިން އަދި ތަފްޞީލީ ކުރެހުންތައް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކަށް މިފުރުޞަތު ވަނީ ހުޅުވާލާފައެވެ.

މިމަސައްކަތުގެ މައުލޫމާތު ސާފުކުރުން އޮންނާނީ ޖުލައި 25 ގައެވެ. އަދި ބިޑް ހުށަހެޅުން އޮންނާނީ އަންނަ އޮގަސްޓް މަހުގެ 08 ވަނަ ދުވަހު އެވެ.

ތޮއްޑޫ ދާގަބާ / ފޮޓޯ:ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު
ތޮއްޑޫ ދާގަބާ / ފޮޓޯ:ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު

ދާގަބާތަކަކީ ބުދު ދީނާއި ހިންދީ ދިނުގެ މީހުން އަޅުކަން ކުރުމަށްޓަކައި ވަކި ގޮތަކަށް ހެދިފައިވާ ބިނާތަކެކެވެ. މިފަދަ ބިނާތައް ރާއްޖޭގެ އެކި ރަށްތަކުން ވަރަށް ގިނަ އަދަދަކަށް ފެނިފައި އެބަހުއްޓެވެ.

ތޮއްޑޫ މީހުން އިހުގައި މިތަނަށް ކިޔަނީ '' ބޮޑު ގާފުނި''އެވެ. ތާރީޚު ކޮމިޓީ އިން ޓީމެއް ފޮނުއްވައިގެން 1958 ވަނަ އަހަރުގައި ތޮއްޑޫ ދާގަބާ ކޮނެގެން ދިރާސާކުރެއްވުމުގެ މަސައްކަތް ފެއްޓެވިއެވެ. މިޓީމުން މިތަން ކޮންނެވުމަށްފަހު ނެގި ފޮޓޯތައް ޔުނިވަރސިޓީ އޮފް ސިލޯން ޕޭރަދަނިޔާގެ ޑޮކްޓަރު އެސް ޕަރަނަވިތާރާނަށް ފޮނުއްވައިގެން ދިރާސާކޮށްފައިވެއެވެ. ޑރ. އެސް. ޕަރަނަވިތާރަނާ އާ ޙަވާލާ ދެއްވައި ނަސީމާ މުހައްމަދު ވިދާޅުވެފައި ވަނީ މިތަނަކީ މާބޮޑު އިސްތޫޕާ އަކަށް ނުވި ނަމަވެސް މިއީ އާދަޔާ ޚިލާފު ގިނަ ކަންތައްތަކެއް ހުރި މުހިއްމު ތަނެއް ކަމުގައެވެ.

މިތަނުން ބުއްދާގެ ބުދަކާއި ދެ ކުރަނޑިއާއި ފީވެފައިވާ ދެ ފަތްކޮޅާއި މައުދަނުން ހަދާފައިވާ ކުޑަ ދަޅަކާއި ދެ ފައިސާ ފޮތީގެ އިތުރުން ރަން ބަޑިއެއްވެސް ފެނިފައިވާކަމަށް އެޗް. ސީ. ޕީ ބެލްގެ މޮނޮގްރާފްގައި ހާމަކުރައްވާފައިވެއެވެ. މީގެ އިތުރުން ޑރ. އެސް ޕަރަނަވިތާރަނަށް ޙަވާލާ ދެއްވާ ނަސީމާ މުހައްމަދު ވިދާޅުވެފައިވާ ގޮތުގައި މިތަނުން ނެގިފައިވާ ކުރަނޑިތަކަކީވެސް ކުދި އިސްތޫޕާތަކެއްގެ ގޮތަށް ހެދިފައިވާ އެއްޗިއްސެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހުވަދޫ އަލިބެއްޔާ

    މިކަމަކީ އިންޑިއާ އަޑީގައި އޮވެ ކުރާ ކަމަކާ ހާދަ ވައްތަރޭ..

  2. ޢަލީބެ

    ނައްތާލަން ޖެހޭ ތަނެއް،

    9
    1
  3. Anonymous

    ސަޤާފީ ތަރިކައޭ ކިޔާއިގެން ޝިރުކާއި ކުފުރު ހިމާޔަތް ކުރަން އުޅޭބަޔެއްތޯ ؟

    9
    1
  4. ކަލްޓް

    ފައްޅި ހިމާޔަތް ކުރުމަށް ރާވައިގެން ކުރާ ކަމެއްމީ. ޜައްޔިތުން ތެދުވަން ޖެހޭ!

  5. ކަހުރަބު

    މައްކާ ފަތަޙަ ކުރެއްވެވި ދުޗަހު ގެ ފުޅު އެތެރޭގައާއި ބޭރުގަ ހުރި 360 ބުދު ތަޅާ މުގުރާލި ކަމަށް ވަނީ އެކަމު ޑިމޮކްރަސީ މި ބުނަނީ ބުދު ހިމާޔަތް ކުރަން އަހުން އެކަހަލަ އަދި އެއްވެސް ކަހަލަ ޑިމޮކްރަސީ އެއް ބޭނުމެއް ނޫން