ޖަރީމާތައް ހުއްޓުވަން ކަސްޓަމްސްގެ ގާބިލްކަން އިތުރުކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ކަސްޓަމްސްގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިރޭ ބާއްވަމުން ގެންދާ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހް ވިދާޅުވީ ކަސްޓަމްސްގެ ޒިންމާތައް އަދާކުރުމުގެ ދާއިރާ އޮތީ ހިޔާލަށް ވެސް ނުގެނެވޭފަދަ ފުޅާމިނެއްގައި ކަމަށެވެ. ރާއްޖެ އަށް އަންނަ އަދި ރާއްޖެ އިން ފުރާ މީހުންނާއި އުޅަނދުތައް ފާސްކުރުމާއި އަދި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ވެސް ކަސްޓަމްސްގެ ޒިންމާއެއްކަން ހަނދާން ކޮށްދެއްވާ ރައީސް ވިދާޅުވޯ އިމްޕޯޓާއި އެކްސްޕޯޓްގެ ހުރިހާ ކަމެއް ބެލެހެއްޓުން ވެސް އޮތީ ކަސްޓަމްގެ ޒިންމާގެ ތެރޭގައި ކަމަށެވެ.

"ކަސްޓަމްސް އިން އުފަލަން ޖެހޭ ވަރަށް ގިނަ މަސްއޫލިއްޔަތުތައް އެބަހުރި. ކަސްޓަމްސް އަކީ ބޯޑަރުތަކުގެ ފާރަވެރިޔާ. ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖެ އިން ބޭރުކުރާ ކޮންމެ އެއްޗެއްގެ ގާނޫނީ ސައްހަކަން ކަށަވަރު ކުރުމުގެ ޒިންމާ އަދާކުރަނީ ކަސްޓަމްސް އިން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކަސްޓަމްސް އަށް ވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށެވެ. މަސްތުވާތަކެތި އެތެރެ ކުރުން ހުއްޓުވުމާއި ރާއްޖޭގައި މަސްތުވާތަކެތި ޓްރާންސިޓްކޮށް އެހެން ގައުމުތަކަށް އެތަކެތި ފޮނުވަން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް އަދިވެސް ކުރަން ޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބައިނަލްއަޤުވާމީ ވިއުގަތައް ފުޅާވެފައި ވަނީ ކަންބޮޑުވާން ޖެހޭ މިންވަރަށް. އަދި ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމާއި ބޭނުން ކުރުން ވެސް އިންތިހާއަށް އިތުރު. ގޮންޖެހުން ކިތަންމެ ބޮޑުނަމަވެސް މަސްތުވާތަކެތީގެ މައްސަލަ އަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ހައްލުކުރަން ބޭނުންވާ މައްސަލައެއް. އެހެންކަމުން މިކަމަށް ބޭނުންވާ ވަސީލަތްތައް ހަމަކުރަން ސަރުކާރުން ހާއްސަ މަސައްކަތްތަކެއް އެބަކުރަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ މުޅި މައްސަލަ ހައްލުކުރެވޭނީ ދައުލަތުގެ ހުރިހާ އިދާރާތަކެއް ގުޅިގެންނެވެ. މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް 2021 ވަނަ އަހަރު ހާއްސަ ބަޖެޓެއް ހަމަޖެއްސިން ކަމަށާއި އޭގެ އިތުރުން މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތް އިތުރު ކުރުމަށް ކަސްޓަމްސް އަށް ވެސް ވަސީލަތްތައް އިތުރު ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރަމުން އަންނަ ކަންކަމުގެ ރަނގަޅު ނަތީޖާ ވެސް އަންނަނީ ފެންނަމުން. 2018 ވަނަ އަހަރުގެ ނޮވެމްބަރުން ފެށިގެން 180 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައި. މިއީ އޭގެ ކުރީ ފަސްއަހަރަށްވުރެ %32 އިތުރު އަދަދެއް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއާޕޯޓްގައި ކަސްޓަމްސް އޮފިސަރުންނަށް ދަތިވާ ކަންކަމަށް ހައްލެއް ގެނައުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. ވެލާނާ އެއާޕޯޓްގެ އާޓާމިނަލްގެ މަސައްކަތް ނިމުމުން ކަސްޓަމްސް އަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަދު ދުނިޔޭގެ އެއްގައުމު އަނެއްގައުމާއި މިއޮތީ ވަރަށް ބޮޑަށް ގުޅިފައެވެ. އެހެންވެ ބައިނަލްއަޤުވާމީ މުޖުތަމައުގައި ހިނގާ ކޮންމެ ރަނގަޅު ކަމަކާއި ގޯސްކަމެއްގެ އަސަރު ރާއްޖެއަށް ވެސް އަންނަނީ ކުރަމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މަނީ ލޯންޑަރިންގެ މައްސަލަ އަކީ ވެސް މިހާރު ހާއްސަ އިސްކަމެއް ދޭން ޖެހިފައިވާ މައްސަލައެއްކަން ރައީސް މިރޭ ފާހަގަ ކުރެއްވިއެވެ.

"ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުތައް މޮނިޓަރ ކުރުމުގެ ގާބިލްކަން އިތުރުކުރަން ޖެހޭ. އެގާބިލްކަން އިތުރު ކުރުމުން މަސްތުވާތަކެތި އެތެރެ ކުރުމާއި ޓެރަރިޒަމްގެ ކުށްތައް ހުއްޓުވޭނެ." ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެއްޗެކޭކިޔާބަލަ

    ޖަރީމާގެ އަޑީގަ ހުރީ ކަލޭ ކޮހާ. ކޮބާ އަލީ ވަހީދު އެކިޔާ ކަޅު ލާރި ގޯނި

  2. މޫސާ

    ސަރުކާރުގެ ހުރިހާ މުވައްސަސާއަކުން ވެސް ހިންގަނީ ޖަރީމާ އާ ކޮރަޕްޝަން. މިނޫންކަމެއް ނުކުރޭ.