އދ. ފެންފުށީގައި ހަލުވި ކަމާއި އެކުގައި ހުމާއި ރޯގާ ފެތުރެމުންދާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ފެންފުށީ ކައުންސިލްގެ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ އެ ރަށުގައި ހުމާއި ރޯގާ ވަރަށް ބާރަށް މިހާރު ފެތުރެމުންދާ ކަމަށެވެ.

އެ ބަލީގައި ތިން ދުވަސް ވަންދެން ހުން އައިސް ގައިގައި ރިއްސާ އަދި ހޮޑުލެވޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ. ތިން ދުވަސްވުމުން ބަލިން ފަސޭހަވާ ކަމަށް ވެސް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ، އެ ރޯގާ ބާރު ސިޕީޑްގައި ފެތުރެމުންދާ ކަމަށާއި ރަށުގެ ވަރަށް ގިނަ މީހުންނަށް ބަލި ޖެހިފައިވާ ކަމަށެވެ.

އެ ރޯގާ ހަލުވި މިނުގައި ފެތުރެމުންދާނީ ފިޔަވަޅުތައް އެޅުމަށް ރަށު ސިއްހީ މަރުކަކާއި އެކުގައި މަޝްވަރާ ކުރަމުންދާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

މިދިޔަ މަހު މުޅި ރާއްްޖޭގައިވެސް ޑެންގީ ހުމާއި، އަރިދަފުސް ރޯގާ އަދި ބޭރަށް ހިންގުން އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުންވެސް ދައްކާފައި ވެއެވެ.