އދ. ދަނގެތީގެ ޖަމިއްޔަތުލް އަންވަރު އިން އިންތިޒާމުކޮށްގެން ބޭއްވި 1443 ވަނަ އަންވަރު ކަޕްގެ ޗެމްޕިއަންކަން އދ ފެންފުށީ ބްރަދާސް އެފްސީ އިން ހޯދައިފިއެވެ.

ފެންފުށީ ބްރަދާސްއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ދަ ކެރެކްޓާއާ ބައްދަލުކޮށް 0-3 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފެންފުށީ ބްރަދާސްގެ އާދަމް އާޒިމްއެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ:

  1. ހުސެއިން ޝިފާހް - ފެންފުށީ ބްރަދާސް
  2. އަސްލަމް އާދަމް - ފެންފުށީ ބްރަދާސް
  3. މަހުދީ މުހައްމަދު - ދަ ކެރެކްޓާ
  4. އާދަމް ފަހުމާން - ފަންނު އެފްސީ
  5. އިބްރާހިމް ރިޒުހާން - ދަ ޓީމް
އަންވަރު ފުޓްސަލް ކަޕް

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ފަންނު އެފްސީގެ އަހުމަދު ސުދައިސް ހޮވުނުއިރު، މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފަންނު އެފްސީގެ މުހައްމަދު ޝާއިންއެވެ. އަދި މުބާރާތުގެ ކިންގަކަށް ފެންފުށީ ބްރަދާސްގެ އާދަމް އާޒިމް ހޮވިފައިވާއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ ހަމަ އެޓީމުގެ ކޯޗު އިބްރާހިމް މުހައްމަދުއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފެންފުށީ ބްރަދާސްއަކީ ފެންފުށީގައި ފުޓްސަލް އާއި ފުޓުބޯޅަ ދިރުވައި އާލާ ކުރުމާއި، އަދި ޒުވާނުންނަށް ފުޓުބޯޅަ އާއި ފުޓްސަލް އިން ފުރުސަތު ދިނުމުގެ މަގްސަދުގައި 2018 ވަނަ އަހަރު އުފައްދާފައިވާ ކްލަބެކެވެ. އަދި މި ޓީމު ވަނީ އުފެދުނު ފަހުން ގިނަ މުބާރާތްތަކުގައި ބައިވެރިވެ ރަނގަޅު ކާމިޔާބީތަކެއް މިހާތަނަށް ހޯދާފައެވެ.