އދ.ދަނގެތި ދާއިރާގެ އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ރަޝީދު ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ ގުޅިވަޑައިގެންފިއެވެ.

ޖުމްހޫރީ ޕާޓީގެ އޮފީސް، މ. ކުނޫޒްގައި މިއަދު އޮތް ބައްދަލުމެއްގައި އަބްދުﷲ ރަޝީދު ޖޭޕީ އަށް ސޮއި ކުރެއްވި ފޯމް ހަވާލު ކުރެއްވީ އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއެވެ.

ދަނގެތި ދާއިރާގެ އެންމެ ނުފޫޒުގަދަ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ރަޝީދު ވަނީ އެ ދާއިރާގެ އެމްޑީޕީގެ ހަރަކާތްތަކުގައި ވަރަށް އިސްކޮށް މަސައްކަތް ކުރައްވައިފައެވެ. އަދި އެމްޑީޕީ ކުރިއެރުވުމަށް އޭނާ ވަނީ ވަރަށް ގިނަ މަސައްކަތްތަކެއް އޭރު ކުރައްވައިފައެވެ.

ދަނގެތި ދާއިރާގެ އެމްޑީޕީގެ ރައީސްގެ މަގާމުން އަބްދުﷲ ރަޝީދު އިސްތިއުފާ ދެއްވާފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް އަބްދުﷲ ރަޝީދު ފޮނުވި ސިޓީއެއްގައި ވިދާޅުވީ، އެމްޑީޕީއަކީ، ޑިމޮކްރަޓިކް އުސޫލުތަކާއި ހަމަތަކާއި، އެއްބައިވަންތަ ޕާޓީ އެއް ކަމަށާއި، ނަމަވެސް މިއަދު ޕާޓީ ތެރެއިން ޑިމޮކްރަޓިކް ހަމަތަކަށް ބީރަށްޓެހި ސިފަތަކެއް ފެންނަން ފަށާފައިވާ ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހް އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވުމާ އެކީ އާންމު މެމްބަރުން މެމްބަރުން ދައްކަވަމުން ގެންދެވި ތަސައްވުރަކީ ފުޅާ ކޯލިޝަނެއްގައި ނުކުމެވަޑައިގެން ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމުގެ ތަސައްވުރު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ނަމަވެސް މިއަދާ ހަމައަށް ހަރުދަނާ ސިޔާސީ ޕާޓީއަކުން އެމްޑީޕީގެ ކެންޑިޑޭޓާއެކު ރިޔާސީ އިންތިހާބަށް ނުކުންނެވުމަށް ބައިއަތު ހިއްޕަވާފައި ނުވާއިރު، ޕާޓީގެ ގިނަ އަދަދެއްގެ އާންމު މެމްބަރުން ޕާޓީއާ ފެއަށް ޖެހޭތަން ފެންނަމުން އަންނަ ކަމަށް ވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހެ

    ފެއަށް ޖެހޭނެ ޕާޓީތެތޭގަ ވެރިމަމާހެދި ހޭބުއްދި ފިލާފަހުރި މީހަކުހުރީމަ

  2. ޙަސަން

    ބޮޑުވަޒީރުއެހެރީ ކިޑުނީވިއްކާލާފަ ނަމަވެސް ވެރިކަމަށް އަންނަން ހިފާފަވިއްޔާ

  3. ރަތްރުނބާ

    މީނާ މިއީ ރައީސް ޔާމީނުގެ ފޫބުޑުގަ ހުރެފަ ވެރިކަން ފުރޮޅިލީމަ ދުވެފަ އެމް ޑީ ޕީއާއި ގުޅި މަޖިލިސް އިންތިޙާބުގަ ކާނަލް ނާޒިމްއަށް ދޯކާދީ ފައްޔާޒާ ސޯލިހަށް މިހާރު ދޯކާ އެދިނީ. ގާސިމަށް ދުވަހަކު ތީނާ ހެވެއް ނޭދޭނެ. ދެރައީ މިހިރިހާދުވަހު ހިތްމަތާއެކު މަސައްކަތްކުރި ދަނގެތީ ޖޭޕީގެ މެމްބަރުންގެ މައްޗަށް މީނާ ދެން ބަސްކިޔާނެކަން. މުޅި އާއިލާޔަކީވެސް މިހެން ދެއިރު ދެކުލައިން ފުށްޖަހައިގެން އުޅޭބައެއްކަން. ދަނގެތީ ރައްޔިތުންނަށް މީނާގެ މި ގޭމު މިހާރު އެނގޭ! ބަލައެއް ނުގަންނަން.