މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިގޮތަށް ވިދާޅުވީ އިންޑިއާގެ މުމްބާއީގައި ހުންނަ ޖަވާހިރްލާލް ނެހުރޫ ޕޯޓް ޓްރަސްޓް (ޖޭއެންޕީޓީ)އަށް މިއަދު ޒިޔާރަތްކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ މާލޭގެ ވިޔަފާރި ބަނދަރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށް ކަމަށެވެ. އަދި މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ މަސައްކަތް ކުރިޔަށް އޮތުމުން، ޖަވާހިރުލާލް ނެހުރޫ ޕޯޓް ޓްރަސްޓަށް ޒިޔާރަތްކުރެއްވުމުގެ ބޭނުންފުޅަކީ، އެ ބަނދަރުގެ ކަންކަން ހުރިގޮތް ބައްލަވައި މައުލޫމާތު ހޯއްދެވުން ކަމަށް ވިދާޅުވި އެވެ.

ރައީސް ވަނީ ޖަވާހިރުލާލް ނެހުރޫ ޕޯޓް ޓްރަސްޓަކީ ދުނިޔޭގައި އެންމެ ރަނގަޅަށް މެނޭޖްކުރާ އަދި އެންމެ ވަރުގަދަ އެއް ބަނދަރު ކަމަށް ވިދާޅުވިއެވެ.

އެޒިޔާރަތުގައި، ޖޭއެންޕީޓީގެ ޗެއާމަން ސަންޖޭ ސެތީ ވަނީ، ރައީސްއަށާއި އެމަނިކުފާނުގެ ވަފުދަށް، އެބަނދަރުގެ ތާރީޚާއި އެތަނުގައި ހުރި ވަޞީލަތްތަކާއި ބަނދަރުގެ މަސައްކަތްތައް ކުރިޔަށްދާގޮތުގެ މައުލޫމާތު ދެއްވާފައެވެ. އަދި ބަނދަރުގެ މަސައްކަތްތައް ހިނގާ މުހިއްމު ތަންތަަނަށް ރައީސް އާއި ވަފުދުގެ ބޭފުޅުންނާއި އެކު ސަންޖޭ ސެތީ ވަޑައިގެންނެވިއެވެ.

ނާވީ މުމްބާއީގައި ހުންނަ، ޖަވާހިރުލާލް ނެހުރޫ ޕޯޓް ޓްރަސްޓަކީ އިންޑިއާގެ ޕްރިމިއާ ކޮންޓެއިނާ ހޭންޑްލިން ބަނދަރެކެވެ. އިންޑިއާގެ މައިބަނދަރުތަކަށް ބަލާއިރު، އެބަނދަރުތަކަށް ބާލާ ކޮންޓެއިނަރ ކާގޯގެ %50 ހިއްސާކުރަނީ ޖޭއެންޕީޓީންނެވެ.

ދުނިޔޭގެ ކޮންޓެއިނާ ބަނދަރުތަކުގެ ތެރެއިން އެންމެ ރަނގަޅު 100 ބަނދަރުގެ ތެރޭގައި ހިމެނޭ މި ބަނދަރުން، ދުނިޔޭގެ 200 އަށްވުރެ ގިނަ ބަނދަރަށް މުދާ އުފުލައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިބްރާހިމް

    ކާލަން ތައްޔާރުވެގެން އެތިއްބެވީ.

    3
    1
  2. ކުޑަހަސަން

    އޭ ހަޔާތްކުޑް އިބޫ ގައުގެ ހުރިހާއެއްޗެއް ވިއްކައިހުސްކޮށް މިހާރު ވިޔާރި ބަދަރުވެސް ވިއްކައިލާންތޯ ތިޔައުޅުއްވަނީ! ނެގިފައިސާގަޑު މަދުވީތޯ! އާރަށު މައްސަލައިގައި ލަންޑަނުގައި ހުރެގެން ހެކިބަސްދިން މީހާގެ ބަޔާނުގައި އިބޫ ކިޔާ މީހަކަށްވެސް ފައިސާތަކެއް އަދީބުދިންކަމަށް އޭނަގެ ޑުރައިވަރުބުނި!