ފާޅުގައި ދީނަށް ފުރައްސާރަކުރަމުން ދިޔަ މުހައްމަދު ރުސްތުމް މުޖުތަބާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއަށް ވެސް އޭނާ އިއުތިރާފުވެފައިވާތީ އެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.

ރުސްތުމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ދީނީ އެއްބައިވަންތަކަން ނަގާލަން މަސައްކަތް ކުރުމުގެ ކުށުގެ ދައުވާއާއި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ. ދެ ދައުވާއަށް ވެސް އޭނާ ވަނީ ޝަރީއަތުގައި އިއުތިރާފުވެފައެވެ.

އެ މައްސަލައިގާ މިއަދު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައި ވެސް އޭނާ ވަނީ އިއުތިރާފު ދަމަހައްޓާފައެވެ. އެހެންކަމުން ކޯޓުން ވަނީ ދެ މައްސަލަ ވެސް އޭނާގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅާފައެވެ. އެކަމަކު، މައްސަލައިގާ އޭނާގެ މައްޗަށް އަދި ހުކުމް ކޮށްފައެއް ނުވެއެވެ.

އިއުތިރާފުވުމާއެކު، ދީނީ އެއްބައިވަންތަކަން ނަގާލަން މަސައްކަތް ކުރިކަމުގެ ކުށުގެ ދައުވާއަށް 108 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ދައުލަތުން މިއަދުގެ އަޑުއެހުމުގައި ފާހަގަ ކުރިއެވެ. އަދި، އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގައި އޭނާއަށް އަންނާނީ 18 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ވެސް ދައުލަތުން ވިދާޅުވިއެވެ.

ދީނާއި ދެކޮޅަށް ކުރާ މަސައްކަތް ފާޅުގައި ފެއްޓީ ކަމަށް ބުނުމާއި ގުޅިގެން ރުސްތުމް ހައްޔަރުކުރީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހުއެވެ. އޭގެ ފަހުން، އޭނާ މިނިވަންވެފައިވަނީ ބަންދުގައި 185 ދުވަސް ހޭދަ ކުރުމަށް ފަހުއެވެ.

އެހެންވެ، އޭނާއަށް ދެ ދައުވާއ މަތިން 126 ދުވަހުގެ ޖަލު ހުކުމެއް އައި ނަމަވެސް އޭނާ ތަންފީޒު ކުރަން ޖެހޭ ހުކުމެއް ނޯންނާނެއެވެ.

ރުސްތުމް ވަނީ މީސްމީޑިއާގައި އިސްލާމް ދީނާއި، ކީރިތި ގުރުއާނާއި ބެހޭ ގޮތުން ވެސް ހަޑިހުތުރު ވާހަކަތައް ދައްކާފައެވެ.

މި މައްސަލައިގާ ދެން އޮންނަނީ އަދަބާއި ގުޅޭ ގޮތުން ވާހަކަދެއްކުމެވެ. މައްސަލައިގާ ހުކުމް ކުރާނީ އެއަށް ފަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މިހާރު

    ދެރަކަމެއް. ކޮބައިހޭ ގާނޫނު ހަދާމީހުން، ހަޑިހާވަނި

  2. Anonymous

    މި މުރުތައްދުގެ ހުކުމަކީ ގަތުލު ކުރުން