އއ. އަތޮޅުގެ ތިން ރަށެއްގެ މަގު ބައްތިތައް ބެލެހެއްޓުމުގެ ގޮތުން އެރަށްރަށުގެ ކައުންސިލާ ސްޓެލްކޯއާ ދެމެދު ފަހުމުނާމާ އެއްގައި ސޮއިކޮށްފިއެވެ.

ތިން ރަށެއްގެ މަގުބައްތިތައް ބަލަހައްޓާ، މަރާމާތު ކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފައިވަނީ އެކަމަށްޓަކައި ސްޓެލްކޯގެ މައި އޮފީހުގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މިގޮތުން މަގުބައްތިތައް ބެލެހެއްޓުމަށް ސްޓެލްކޯއާއެކު އެއްބަސްވެފައިވަނީ:

  • އއ. ތޮއްޑޫ
  • އއ. ރަސްދޫ
  • އއ. އުކުޅަސް

 

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ތިން ރަށުގެ ކައުންސިލްގެ ރައީސުން ވެސް ވަނީ ކައުންސިލްތަކުން ރަށްރަށް ތަރައްގީ ކުރުމަށް ކުރާ މަސައްކަތުގައި ސްޓެލްކޯއިން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި، ރަށްރަށަށް ބޭނުންވާ ކަންތައްތައް ކުރުމުގައި އަބަދުވެސް ސްޓެލްކޯއިން އިސްނަގާ، މަސައްކަތް ކޮށްދެއްވާ ކަން ފާހަގަކޮށް ކުންފުނީގެ އިސްވެރިންނަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

ކައުންސިލްތަކުން ވަނީ ތަރައްގީއަށް މަސައްކަތް ކުރުމުގައި ހުރި ދަތިތައް ފާހަގަކޮށް، އެކަންކަމުން އަރައިގަތުމަށް ކުންފުނިތަކުގެ އެހީތެރިކަން ބޭނުންވާކަން ވެސް ފާހަގަކުރައްވާފައެވެ.

އެދުނީ ވައުދުތައް ދެމެހެއްޓުމަށް އިތުރު ދައުރަކަށް

މިއަދު އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ, މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސީދާ އިރުޝާދުގެ ދަށުން ފައްޓަވާފައިވާ މަސައްކަތެއް ކަމަށާއި މިފަދަ ހަރަކާތްތައް އިތުރު ކުރުމަށް އަދުގެ ސަރުކާރަށް އަދި އިތުރު ދައުރެއް ދޭން ޖެހޭ ކަމަށެވެ.

"ހަމަ ޔަގީނުން ވެސް ސްޓެލްކޯއިން އަޅުގަނޑުމެންގެ ކުންފުނިން މިދޭ ހިދުމަތްތަކުގައި އަޅުގަނޑުމެންގެ މައިގަނޑު އަމާޒަކަށް ހަދާފައިވާނީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ރައްޔިތުންނަށް ލުއިފަސޭހަ ވާނެ ގޮތެއްގައި ކޮށްދެވޭނެ ސިޔާސަތުތައް ބައްޓަންކުރުން. އެކަން ތަންފީޒުކުރުން" ޝަރީފް ވިދާޅުވިއެވެ.

އަދި، ސްޓެލްކޯއިން މިހާރު ޕައިލަޓް ޕްރޮޖެކްޓެއް ގޮތުގައި މާފުށީގެ ކުނި މެނޭޖު ކުރުމުގެ ކަންކަން ވެސް ކުރަމުންދާކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި އެފަދަ ތަޖުރިބާތަކުގެ އަލީގާ ކުންފުނީގެ ހިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން ހިދުމަތް ދިނުމުގައި އެއްވެސް ކުލަޔަކަށް ބެލުމެއް ނޯންނާނެ. ޕީޕީއެމްގެ ރައްޔިތެއްތޯ ނުވަތަ އެމްޑީޕީގެ ރައްޔިތެއްތޯ ބެލުމެއް ނޯންނާނެ. އަޅުގަނޑުމެން ހިދުމަތް ދޭނީ ދިވެހިރައްޔިތުންނަށް" ޝަރީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަތަރަސް

    ބަލަ އީސީ ސަރީފުދެކެ މިސަރުކާރާ އިންޑިޔާ ހާދަބިރެކޭގަންނަނީ ބަލަ ސުޓެލްކޯފުލެޓް އަމިއްލަޔައްކަރަންޓްލީ ދެންކޮބައި އެހެންފުލެޓްތައް އެއްވެސްކަމެއްނުވޭ އެތިބީބަލަން ހަމައީސީވަރެއްނެތް ޔާމީނައްސުކުރިއްޔާ؟؟