ބިން ހެލުމެއްގެ އަސަރުކޮށް، އިމާރާތް ގުޑުން އެރުމުން، ހެލްތު މިނިސްޓްރީ ހުންނަ ރޯޝަނީ ބިލްޑިންގް ހުސްކޮށްފި އެވެ.

ބައެއް މުވައްޒަފުންނަށް އެނގުން ވާ ވަރަށް ގުޑުމުގެ އަސަރު ކުރުމުން އެއިމާރާތުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ތިބީ މިހާރު އިމާރާތުން ބޭރުގައެވެ. އެއީ ދިހަ ބުރީގެ އިމާރާތެކެވެ.

ބިންހެލުމުގެ އަސަރު ކުރި ކަމަށް ބައެއް މީހުން ބުނި ނަމަވެސް މޫސުމާ ބެހޭ އިދާރާ އިން ފުރަތަމަ ވިދާޅުވީ އިންޑޮނީޝިއާ އަށް މިއަދު ބިންހެލުމެއް އައި ނަމަވެސް އެބިންހެލުމުގެ އަސަރު ރާއްޖެ އަށް ކުރާނެ ކަމަކަށް ނުބެލެވޭ ކަމަށެވެ.

ނަމަވެސް ދެންމެ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ މިއަދު ހެނދުނު 08:29 ކަންހާއިރު ރާއްޖެ އަށް ބިންހެލުމެއްގެ އަސަރު ކޮށްފައިވާ ކަމަށެވެ.

ރާއްޖެއަށް ކުރީ އިންޑޮނޭޝިއާގެސްމަތުރާގެ މެންޓަވާއީ ރަށްތައް ކައިރިން ކަނޑުގެ ދިހަ ކިލޯމީޓަރު އަޑިއަށް އައި ބިންހެލުމުގެ އަސަރެވެ. އެބިންހެލުމުގެ ބާރުމިން ފުރަތަމަ އިއުލާން ކުރީ 6.4 މެގްނެޓިއުޑްގައެވެ. ނަމަވެސް ފަހުން އިންޑޮނޭޝިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބިންހެލުމުގެ ބާރުމިން 5.9 މެގްނެޓިއުޑަށް ދައްކޮށްފައެވެ.

ހެލްތު މިނިސްޓްރީ މުވައްޒަފުންގެ އިތުރުން އެސަރަހައްދުގެ ބައެއް ގެތަކުން ވެސް މީހުން ވަނީ ބިންހެލުމުގެ އަސަރު ކުރުމުން މަގުތަކަށް ނިކުމެފައެވެ. ހެލްތު މިނިސްޓްރީގެ މުވައްޒަފުން އިމާރާތުން ބޭރަށް ނިކުމެ ގަޑިއެއްހައިއިރު ބޭރުގައި ތިއްބެވެ. ފަހުން އިމާރާތުގެ އެތެރެއަށް މުވައްޒަފުން ވަދެ މިހާރު ވަނީ އާއްމު ހާލަތުގައި މަސައްކަތް ފަށާފައެވެ.

ބިން ހެލުމުގެ ސަބަބުން ހެލްތު މިނިސްޓްރީ އިމާރާތައް އެއްވެސް އަސަރެއް ކުރިތޯ ބެލުމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން ހަރަކާތްތެރިވިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ބިންހެލުމުގެ ސަބަބުން އެއިމާރާތައް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަހ

    ކޮން ގިރިއަކައްބާ ތިއެރީ.

  2. އަލީ

    ބިންހެލުމުގެ އަސަރުކުރީ ހެލްތަށް އެކަނިތަ ؟؟؟؟