ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުންނަށް އަމާޒުކޮށްގެން" މެންޓަލް ފިޓްނެސް ފޯރ ހައި ޕާރފޯރމާރސް" ގެ ނަމުގައި ހޮނިހިރު ދުވަހުގެ ހަވީރު ބޭއްވި ވޯރކްޝޮޕް ކާމިޔާބުކަމާއި އެކު ނިންމާލައިފިއެވެ.

ޕެރެޑައިސް އައިލެންޑް ރިޒޯޓުގައި ކުރިޔަށް ގެންދިޔަ ވޯރކްޝޮޕަށް ހޫނު ތަރުހީބަށް ލިބިގެން ދިޔައިރު، ސިއްހީ ދާއިރާގައި މަސައްކަތް ކުރާ 90 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. ދެ ސެޝަންގައިވެސް، އެންމެ ބޮޑު އަހަމިއްޔަތުމަމެއް ދީފައިވަނީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ހިއްސާކޮށް، އެކަންތައްތަކާއި ކުރިމަތިލެވޭނެ އެކި ގޮތްގޮތާއި ބެހޭގޮތުން މައުލޫމާތު ދިނުމަށެވެ. ނަރުހުންނާއި ޑޮކްޓަރުން ވަނީ މި ވޯރކްޝޮޕްގައި، އެ ފަރާތްތަކަށް މަސައްކަތުގެ މާހައުލުގެ އިތުރުން އެންމެ ބޮޑަށް ވިސްނާ ފިކުރު ކުރާ ކަންތައްތަކުގެ ވާހަކަތައް ހިއްސާކޮށްފައެވެ.

ބައިވެރިންގެ ޝުއޫރުތަކަށް ފަހު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އަސްބާގެ ފައުންޑަރ އަދި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވަނީ ހުރިހާ ބައިވެރިންނަށް ޝުކުރު އަދާކުރައްވާ، ބައިވެރިންގެ އެދިލެއްވުމާއި އެއްގޮތަށް އެޖަމިއްޔާއިން ކުރިޔަށް އޮތްތަނުގައި އިތުރު ކަންތައްތައް އިންތިޒާމުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން، މިނިސްޓަރ ވިދާޅުވީ، ޖަމިއްޔާއެއްގެ ގޮތުގައި 2018 ވަނަ އަހަރު ރަޖިސްޓަރ ކުރި ކަމުގައި ވިޔަސް، އޭގެ ކުރިންވެސް ތަފާތު އެކި ނަންނަމުގައި މުޖްތަމައުގައި ހުރި މައްސަލަ ހައްލުކޮށްދެއްވުމަށް މަސައްކަތްކުރެއްވިކަމަށެވެ. މާޒީއަށް ނަޒަރު ހިންގައި މިނިސްޓަރ ވަނީ، މުޖްތަމައަށް ފައިދާ ހުރި ކަންކަން ކޮށްދިނުމަކީ އަބަދުވެސް ދެކޭ ހުވަފެނެއްކަން ފާހަގަކުރައްވައި، އަސްބާގެ ހިންގެވުމުގައި އެންމެ ކައިރިން މަސައްކަތް ކޮށްދޭ އަސްބާގެ ކޯފައުންޑަރ އަދި މަންމާފުޅު، ޙަދީޖާ އިބްރާހިމްއަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. އަދި، އަސްބާގެ މަސައްކަތްތައް ފުޅާކޮށް، ކުރިޔަށް އޮތްތަނުގައި އިތުރު ކަންތައްތައް އިންތިޒާމުކުރާނެކަމުގެ ޔަގީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ.

ހުރިހާ ބައިވެރިންވެސް ވަނީ، ސިއްހީ ހިދުމަތްތެރިންނަށް ހާއްސަކޮށް މިފަދަ ވޯރކްޝޮޕެއް ބޭއްވީތީ އެސޯސިއޭޝަން ފޯރ ސޯޝަލް ބެނިފިޓްސް އެންޑް އެއިޑްއަށް ހާއްސަ ޝުކުރު އަދާކޮށްފައެވެ. މި ވޯރްކްޝޮޕްގައި އަސްބާއާއި އެކު ރޯލް ޕްލަސް އިން ވަނީ ބައިވެރިވެފައެވެ. އަސްބާއިން އިންތިޒާމުކުރި މި އިވެންޓްގެ ސެޝަންތައް ނަންގަވައިދެއްވީ ރޯލް ޕްލަސްއިންނެވެ.