މާލޭގެ މަގުތައް އެންމެ ޒަމާނީ ފެންވަރަކަށް ހެދުމަށް ހިންގާ މަޝްރޫއުގެ ދަށުން އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށް އެ މަގުގެ ބައެއް ބަންދުކޮށްފިއެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އަމީނީ މަގުގައި ތާރުއެޅުމުގެ މަސައްކަތައް ބޮޑުތަކުރުފާނު މަގާއި އަމީނީ މަގު ގުޅޭ ހިސާބުން ފެށިގެން އިރުދޭމާ ހިނގުމާއި އަމީނީ މަގު ގުޅޭ ހިސާބަށް އަމީނީ މަގު ބަންދުކޮށްފައިވާ ކަމަށެވެ.

މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް" ގެ ދަށުން އަމީނީ މަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލު ކުރީ 210 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.

އެ މަގު ތަރައްގީ ކުރުމަށް ޕްލޭނިން މިނިސްޓްރީ އިން ވަނީ އާރްޑީސީއަށް ވަނީ 84 މިލިއަން ރުފިޔާ ދީފައެވެ.

މި މަޝްރޫއުގެ ތެރެއިން ކުރެވޭނެ މަސައްކަތް:

  • 1.79 ކިލޯމީޓަރު (މުޅި މަގު)ގައި ތާރު އަޅާނެ
  • - މަގުގެ ދުވާރު ހެދިގެން ދާނެ (ހިތްފަސޭހަ، ހިތްގައިމުވާނެ).
  • - ލޯފަން ބޭފުޅުންނަށް ހާއްސަ ބްރައިލް ބްލޮކް ބަހައްޓާނެ.
  • - ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް (ފުރޮޅުލީގޮނޑި)ބޭނުން ކުރާ ފަރާތްތަކަށް ހާއްސަކޮށް ފަސޭހައިން އުޅެވޭނެ.
  • - މަގުގެ ފެހިކަން ނުގެއްލޭނެ.
  • - ބަސްހުއްޓި، ޕާކިންގ ޒޯން، ބަމްޕަރުތަކާއި މަގުބައްތި އަދި މަގުމަތީގައި ނިޝާންތައް ހުންނާނެ.
  • - ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ގެނައުމަށް ޕަމްޕް ބަހައްޓާނެ.