ސަރުކާރުން ހުޅުމާލޭގައި ކުރިއަށްގެންދާ އިޖުތިމާޢީ ތަރައްޤީގެ މަޝްރޫޢުތަކުގެ ސައިޓްތަކަށް ނައިބު ރައީސް ފައިޞަލް ނަސީމް، ޒިޔާރަތްކުރައްވައި އެތަންތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވައިފިއެވެ.

މިއަދު މެންދުރުފަހު ނައިބު ރައީސް ހުޅުމާލެއަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނު ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާކުރަމުންދާ ފެމިލީ ކްލިނިކަށް ވަޑައިގެންފައެވެ. އަދި ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި "ވޯލްޑްކަޕް 2022" ގެ މެޗްތައް އާންމުންނަށް ބެލޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ހަމަޖެހިފައިވާ ތަންތަން އެމަނިކުފާނު ވަނީ ބައްލަވާލައްވާފައެވެ. ހަމަ އެއާއެކު، ހުޅުމާލެ ހޮސްޕިޓަލުގައި ބިނާކުރަމުންދާ މެންޓަލް ހެލްތް ސެންޓަރަށް އެމަނިކުފާނު ވަނީ ޒިޔާރަތްކުރައްވައިފައެވެ.

މީގެ އިތުރުން ނައިބު ރައީސް ވަނީ ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސް.ޓީ.އޯ) ގެ ހުޅުމާލެ ބްރާންޗަށް ދޫކޮށްފައިވާ ބިމުގެ ސަރަޙައްދަށާއި، ހުޅުމާލޭގައި ހުންނަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ ހުޅުމާލެ ސައިޓަށާއި، ހެވީ ވެހިކަލް ޕާކިންގ ސައިޓަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ.

އަދި އެމަނިކުފާނު ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓްތަކާއި އެންމެ ކައިރި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ބަސް ސްޓޭޝަންއަށް ޒިޔާރަތްކުރައްވައި އެތަނުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލައްވާފައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފެމިލީ ކްލިނިކް ހެދުމަށް ހުޅުމާލެ ހޮސްޕިޓަލަށް، ހިޔާ ޓަވަރު H16، ގްރައުންޑް ފްލޯއިން 3456.18 އަކަފޫޓު ހަވާލުކުރައްވާފައިވަނީ 7 ސެޕްޓެންބަރު 2022 ގައެވެ. މި ކްލިނިކު އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ހުޅުމާލެ ހޮސްޕިޓަލާއި އެޗް.ޑީ.ސީ.އިންނެވެ.

މި މަސައްކަތް ކުރިއަށްގެންދިއުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބައެއް މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ އާބާދީއަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތަކާއި ޞިއްޙީ ރައްކާތެރިކަން ފޯރުކޮށްދިނުމާއި، ޤައުމީ ޞިއްޙީ ސިޔާސަތުތަކާއި، ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ދުޅަހެޔޮ މާޙައުލެއް ޤާއިމުކުރުމެވެ.

އަދި ހުޅުމާލެ ހޮސްޕިޓަލުގައި ހުޅުވުމަށް ތައްޔާރުވަމުންދާ މެންޓަލް ހެލްތް ސެންޓަރު ހުޅުވުމުން މިހާރަށްވުރެ ފުޅާދާއިރާއެއްގައި މި ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު