މ. މުލަކުގައި ފުލުހެއްގެ ސައިކަލުގައި ރޯ ކޮށްލައި އަންދާލައިފިއެވެ.

މުލަކު ކައުންސިލް މެމްބަރަކު "ވަގުތަށް" ވިދާޅުވީ ސައިކަލުގައި ރޯ ކޮށްލާފައި ވަނީ ރޭ ދަންވަރު 3:00 ހާއިރު ކަމަށެވެ. ސައިކަލުގައި ރޯ ކޮށްލީ ފުލުސް މީހާ ދިރިއުޅޭ ގޯތި ކައިރީގައި ބަހައްޓާފައި ހުއްޓާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ފުލުހަކީ މުލަކު އަންހެނަކާ ކައިވެނިކޮށްގެން އުޅޭ މީހެއް ކަމަށާއި އޭނާ މި ވަގުތު މަސައްކަތް ކުރަމުންދަނީ މުލީ ޕޮލިސް ސްޓޭޝަންގައި ކަމަށް މެމްބަރު ވިދާޅުވިއެވެ.

" ސައިކަލުގައި ރޯ ކޮށްލިއިރުގައި އެ ފުލުސް މީހާ ރަށަކު ނުވެސް ނެތް. ނޭނގެ ކީއްވެ ކަމެއް ކޮން ބައެއް ކަމެއް އެކަން ކުރީ. އެ ފުލުހަކީ އެންމެންނާ ގުޅޭ އެކުގައި އުޅޭ މީހެއް." ކައުންސިލް މެމްބަރަކު ވިދާޅުވިއެވެ.

ސައިކަލުގައި ރޯ ކޮށްލި މައްސަލަ ފުލުހުން މިހާރު ތަހުގީގް ކުރަމުންދާ އިރު، ފޮރެންސިކްސްގެ ޓީމެއް ވެސް އެ ރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށްވެއެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި މަސައްކަތް ކުރާ ފުލުހުންގެ ސައިކަލްތަކުގައި ދޭތެރެ ދޭތެރެއިން ހުޅު ޖަހައި އަންދާލައެވެ. އެ އަމަލުތައް ހިންގާ މީހުންނާއި މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް މީގެ ކުރިން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފަގުޑި

    ގޭންގުތަކުގެ އެހީގަ ވެރިކަމައް އައި ބައިގަނޑުގެ ބޮލަން ގޭންގުތައް އަރާތައް ތިހިރަ ފެންނަނީ.. ޕޮޕޮޕޯ....

    10
  2. Anonymous

    މިރާއްޖޭގައި އުޅޭ ހިނދުކޮޅު އަންނަ ޕާޓޭން ވެސް ކަމެއް ކުރާނީ ޢާންމުކޮށް ކަމެއް ދިމާވީމާ. ދެން ހަރުކަށި ފިޔަވަޅުއަޅަންޖެހޭނީ ބޮޑަށް މިވައްތަރުގެ ކަންތަކަށް ވުރެންވެސް ބޮޑަށް ޝިރުކުކުރާ މީހުންނާއި ލިވާތުކުރާ މީހުންނަށް. އެއީ ދީނީގޮތުން ތަކެއްޗަށް ގެއްލުންދިނުމަށް ވުރެ ފަހުން މިބުނި ދެބައިގެ ފާފަ ބޮޑުވާތީ

  3. ލޯޔަރ

    ފުލުހުންނާއި ސިފައިންނަށް ސީދާއަމާޒުކޮށްގެން މިހާރުހަމަލާތައްދެމުން އެގެންދަނީ…. ގިނަބޭފުޅުން ސަލާމަތީބާރުތަކާއި ކިތައްމެ ހިތްހަމަނުޖެހުނަސް ކަމެެއްދިމާވީމަ ތިބޭނީ އެމީހުން… ގޭންގުތަކެއްނޫން ، މިކުޑަކުޑަގައުމުގަ ގޭންުގުތައް ނުހުއްޓުވޭތީ ހަމަ އަޖައިބުވޭ… މިހެންމިކަން ހިނގާކަމަށް ވަނަޏާ ލާދީނީފިކުރާ ދެކޮޅައް ހަރުކަށިފިކުރު އުފެދުނުހެން ގޭންގުތަކާ ދެކޮޅަށް އެ ގޭންގުތައް ހުއްޓުވުމަށް އެހެން ފިކުރެއް އުފެދިދާނެކަމަށްފެނޭ… ސަރުކާރުން މިކަންކަމަށް ސީރިއަސް ފިޔަވަޅުތަކެއް އަޅައިދެއްވާ…

  4. ޅީބު

    .ގާނޫނު ތަންފީޒު ނުކުރެވެންޏާވާނީ ތިހެން..

  5. މިތުރާ.

    ފުލުސްމީހާ އާދައިގެމީހާ ސިޔާސީމީހާގެ ތަފާތުނުކޮށް އިންސާފު ގާއިމުކުރޭ، ސައިކަލް އަންދާލިމީހާ ހޯދާފަ، އޭނަގެ އަތުން 2ސައިކަލުގެ އަގާ އެކީ 2އަހަރުގެ ޖަލުހުކުމެއްކުރަންވީ ،