ރާއްޖެއަށް އައި މީހަކު ހަށިގަނޑުގެ އެތެރޭގައި ފޮރުވައިގެން އެތެރެ ކުރަން އުޅުނު ރަން ހިމެނޭ ދެ ބުލެޓު ދައުލަތަށް ނަގައި އޭނާ 60،000ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

އިންޑިއާގެ ނާޒިމް ނަމަކަށް ކިޔާ މީހަކު ރާއްޖެ އައީ މިދިޔަ ޖުލައި 17 ވަނަ ދުވަހުގެ ހެނދުނު އަށެއް ޖަހާކަން ހާއިރުއެވެ. އެމީހާގެ ހަށިގަނޑުގައި އެއްޗެހިތަކެއް ފޮރުވާފައި ހުރި ކަމަށް ޝައްކު ކުރެވިގެން އެމީހާ ވަނީ އެ ތަކެތި ނެގުމަށް އަމިއްލަ އަށް އެއްބަސްވެފައެވެ.

އަދި ހަމަ އެ ދުވަހު އޭނާ ބޮޑުކަމު ދިޔުމުން ބޭރުވި ދެ ބުލެޓްގައި ރަނާއި އެ ނޫން ވެސް މާއްދާތައް ހިމެނޭ މިކްސްޗަ ހުރި ކަމަށް ފިޒިކަލް ރިޕޯޓުން ވަނީ ދައްކައިފައެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން އުފުލީ ދިވެހިރާއްޖެއަށް ސިއްރުން މުދާ އެތެރެ ކުރުމުގެ ދައުވާއެވެ.

މި މައްސަލައިގައި ނާޒިމް ވަނީ ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް ހަދައިފައެވެ.

އެ އެއްބަސްވުމުގެ ދަށުން އޭނާ ކުށަށް އިއުތިރާފުވުމުން، ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު މިސްބާހު ހުކުމް ކުރެއްވީ އޭނާ 60،000ރ.އިން ޖޫރިމަނާ ކުރާށެވެ. އަދި އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދައްކަން އެންގެވިއެވެ.

ރަން ހިމެނޭ އެ ބުލެޓުތައް ކަސްޓަމްސްއަށް ނެގުމަށް ހުކުމުގައި އަންގާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު