އެއްގަމުއުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ޢަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ޓްރާންސްޕޯޓް މިނިސްޓްރީން އިއުލާން ކޮށްފިއެވެ. މިމަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެއް ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އަންހެން ދިހަ އެގްޒަމިނަރުން އަދި ފިރިހެން ދިހަ އެގްޒަމިނަރުން ހޯދަން އިއުލާން ކޮށްފައެވެ.

އެގްޒަމިނަރުންގެ ޝަރުތުތަކުގެ ގޮތުގައި އޮތީ އޭ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން، ނުވަތަ ބީ ކެޓަގަރީގެ ކޮންމެސް އެއް އުޅަނދެއް ދުއްވުމުގެ ލައިސަންސް އޮތުން ނުވަތަ ސީ ކެޓަގަރީގެ ކޮންމެސް އެއް އުޅަނދެއް ދުއްވުމުގެ ލައިސަންސް ލިބިފައި އޮތުން ނުވަތަ ހެވީ ވެހިކަލް ކެޓަގަރީގެ ތެރެއިން ކޮންމެވެސް އެއް ކެޓަގަރީއެއް އޮޕަރޭޓް ކުރުމުގެ ހުއްދަ އޮތުމެވެ.

އޭގެ އިތުރުން ފާއިތުވި 3 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވަޔަލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުމާއި އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުމަކީ ވެސް ޝަރުތެކެވެ.

މީގެ އިތުރުން ލައިސަންސް ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން ފަސް އަހަރު ދުވަސް ވެފައިވާ، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސެއް އޮތުން އަދި ޢުމުރުން 50 އަހަރު ނުވާ މީހެއްކަމުގައިވުމަކީ ވެސް ޝަރުތެކެވެ. ޑްރައިވިންގ ސްކޫލެއްގަ އެއްވެސް ހައިޞިއްޔަތަކުން މަސައްކަތް ކޮށްފައި ނުވުން އަދި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައި ނުވުމަކީ ވެސް ޝަރުތެކެވެ.

އެގްޒަމިނިސްޓަރުންނަށް އުޖޫރައިގެ ގޮތުގައި ލިބޭނީ ޓެސްޓް ކުރާ ކޮންމެ A0, A1 ކެޓެގަރީގެ އުޅަނދަކަށް -/15 ރުފިޔާ އަދި އެހެނިހެން ކެޓެގަރީގެ ޓެސްޓް ކުރާ ކޮންމެ އުޅަނދަކަށް -/25 ރުފިޔާ އެވެ.

އެގްޒަމިނަރުން ހޮވުމުގައި ގިނަ ގިންތީގެ ލައިސަންސް ނުވަތަ އޮޕްރޭޓް ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

ވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)، ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. ޕޮލިސް ރިޕޯޓު (ދޫކުރި ތާރީޚުން ފެށިގެން 3 މަސް ނުވާ)، ކުށުގެ ރިކޯޑު ފޯމް އަދި ހެވީ ވެހިކަލް ކެޓަގަރީ އަށް ހުށަހަޅާ ނަމަ އޮޕަރޭޓިންގ ޕަރމިޓުގެ ކޮޕީ ހުށަހަޅަން ޖެހޭނެއެވެ.

އެގްޒަމިނިސްޓަރަކަށް ވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ބޭފުޅުން 13 އޮކްޓޫބަރ 2022 ވަނަ ދުވަހުގެ 14.00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އެދެއެވެ.