މިއަދު ރާއްޖޭގެ ވަރަށް ބޮޑު ސަރަހައްދަކަށް ވިއްސާރަކޮށް، 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ހުދު ސަލާމު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށެވެ. އެއީ މިއަދު ހެނދުނު 8:45 އިން މެންދުރު 2:00 އަށެވެ.

ސަމާލުގައި ބުނެފައި ވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރާ ކަމަށެވެ.

ވިލާގަނޑުގައި 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރަ ވަނީ ގަދަވެފައެވެ. މެޓް އޮފީހުން ބުނެފައިވާ ގޮތުގައި ކުރިއަށް ފަސް ދުވަހު ވިއްސާރަ ކުރާނެއެވެ.

ވިއްސާރައިގެން ލިބިދާނެ ގެއްލުމަށް ސަމާލުވެ، ކުރިއާލައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ޑިޒާސްޓާ މެނޭޖްމަންޓްއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކަނޑުދަތުރު ކުރާ ފަރާތްތަކުން ވެސް ފުރުމުގެ ކުރިން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.