ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ދެކޮޅަށް އެއްވި އެއްވުމުގެ ތެރެއިން ހިނގައި ދިޔަ ހަމަނުޖެހުމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލްގެ މައްޗަށް އުފުލާފައިވާ ދައުވާ އަނބުރާ ގެންދެވުމަށް އިދިކޮޅުން ގޮވާލައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ އެ ހަމަނުޖެހުންތަކާ ގުޅިގެން ޖުމުލަ 18 މީހަކަށް ދައުވާ ކުރަން ނިންމާފައިވާ ކަމަށެވެ.

އޭގެ ތެރެއިން މުހައްމަދު އިސްމާއީލްގެ އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި، އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސް އެޅުމުގެ ދައުވާއެއް ވެސް ވަނީ އޭނާގެ މައްޗަށް މި މައްސަލައިގައި އުފުލައިފައެވެ.

ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ މުހައްމަދު އިސްމާއިލްގެ މައްޗަށް އުފުލާފައިވާއިރު، އެ ދުވަހު ހަމަނުޖެހުން ހިނގި ސަރަހައްދަށް އޭނާ ގޮސްފައެއް ނުވެއެވެ.

އެކަމާއި ގުޅިގެން އިދިކޮޅުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ޔޯގާ ހަމަނުޖެހުމާ ގުޅުވައިގެން ގިނަ ބައެއްގެ މައްޗަށް ޓެރަރިޒަމް ދައުވާ އުފުލާފައި ވަނީ، އިންޑިއާ ސަރުކާރުން އަންގާފައިވާ ގޮތަށް ބޭރު ދުނިޔެއަށް ކަމުގެ ހަގީގަތް އޮޅުވާލުމަށް ކަމަށެވެ. އަދި އެ ދުވަހުގެ ހަމަނުޖެހުމަކީ ވަރަށް ބޮޑަށް ޕްލޭން ކޮށްގެން ސަރުކާރުން ކުރުވާފައިވާ ކަމެއް ކަމަށް ބަޔާނުގައިވެއެވެ.

ޔޯގާ ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުމުގައި މުޙައްމަދު އިސްމާޢީލްގެ މައްޗަށް ޓެރެރިޒަމްގެ ދައުވާ އުފުލި ނަމަވެސް އޭނާ ގަލޮޅު ދަނޑަށް އެދުވަހު ވަދެފައިނުވާކަން އިދިކޮޅުގެ ބަޔާނުގައި ވެސް ވަނީ ފާހަގަ ކޮށްފައެވެ.

"އޭނާއަކީ އެ ހަމަނުޖެހުން ހިނގި އިރު އެތާ ހުރި މީހެއް ވެސް ނޫނެވެ. އެހެންކަމުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އެ ނިންމުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. އަދި އެ ނިންމުން އަނބުރާ ގެނައުމަށް ވެސް ގޮވާލަމެވެ" އިދިކޮޅުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މުހައްމަދު އިސްމާއީލުގެ އިތުރުން ޝައިޚް ފަޒްލޫން މުހައްމަދާއި އާދަމް ނިޝާންގެ މައްޗަށް ވެސް ދައުލަތުން ވަނީ ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރު ދިނުމުގެ ދައުވާ އުފުލާފައެވެ. އެ ދައުވާތައް ސާބިތުވެއްޖެނަމަ، 10 އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އެބޭފުޅުންނަށް އަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. 13ވގ

    ތީމާކުރިންވެސް ޖަލުގަ ބަހައްޓަން ޖެހޭމީހެއް ރައްޔިތުންގެ ފައިސާ ގޯނިގޯނީގަބެބިކަމައް އަމިއްލަޔައް އެއްބަސްވެފަވަނީ ޖަލުގަތިބެންޖެހޭމީހުން ދޫކޮއްލާފަތިބީމަ ދިމާވާމައްސަލަމީ އުންމީދުކުރަން އަވަހައްޖަލައްލާނެކަމައް