ދޮގާއި މަކަރު ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަރުގެ ވެރިޔަކު މުޅި ދުނިޔޭގައި ވެސް ނެތް ކަމަށް ވިދާޅުވެ، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

އަދުރޭ އެގޮތަށް ވިދާޅުވީ ފަތުރުވެރިކަމަށް 50 އަހަރު ފުރުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގުޅުވައިގެން ރައީސް ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވަމުންނެވެ.

މިގޮތުން އެ ރަސްމިއްޔާތުގައި ވާހަކަދައްވަމުން ރައީސް ސޯލިހް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ މީގެ 12 އަހަރު ކުރިން އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ކަމަށެވެ. އަދި، މިއަދު ހުޅުވި އާ ރަންވޭ އަކީ ވެސް އެމްޑީޕީން ފެށި މަސައްކަތެއް ކަމަށް އެދުވަހުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވިއެވެ.

""މީގެ 12 ވަރަކަށް އަހަރު ކުރިން މަސައްކަތް ފެށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީ މިހާރު އެ އަންނަނީ ލޯމައްޗަށް ފާޅުވަމުން،" އެމަނިކުފާނު ވިދާޅުވިއެވެ.

އެއަށް ރައްދުދެއްވާ އަދުރޭ ވަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

"ވީއައިއޭގެ ތަރައްގީ ފެށީ ތިމަންނާ ވިހޭ ދުވަހުއޭ ނުބުނީ ކީއްވެބާ؟ އޭރުންވެސް މަވެތިކަމުގެ އަހުލުވެރިން ހަގީގަތް އެނގިތިބެވެސް ހަމަ ހީހީފާ އަތްޖަހާނެތާ" ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއަށް އަމާޒުކޮށް އަދުރޭ ވިދާޅުވިއެވެ.

ރައީސަށް އިޝާރާތް ކުރައްވައި އަދުރޭ ވިދާޅުވީ ދޮގާއި މަކަރާ އޮޅުވާލުމުގައި ރައީސް ސޯލިހުހާ ހުޝިޔާރު ވެރިޔަކު ދުނިޔޭގެ އެއްވެސްތަނަކުން އަތްފުނާ އެޅިޔަސް ނުފެންނާނެކަން ކަށަވަރު ކަމަށެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި އެޕާޓީން ވިސްނުން ގެންގުޅުނީ ބޭރުގެ ބަޔަކަށް އެއާޕޯޓު ދީގެން ތަރައްގީ ކުރާށެވެ. އެގޮތުން އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް ދީގެން އެއާޕޯޓު ހިންގާފައިވެއެވެ. އެކަމަކު، އެކުންފުނިން އާ ރަންވޭއެއްގެ މަސައްކަތް ކޮށްފައެއް ނުވެއެވެ.

އެ އެއާޕޯޓު އަނބުރާ ހޯދުމަށް ފަހުގައި، އެތަން ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު ފެއްޓެވީ މިދިޔަ ސަރުކާރުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. އެމަނިކުފާނުގެ ޒައާމަތުގައި ވަނީ އާ ރަންވޭ އަޅާ ނިންމާ، އޭ380 ގެ މަތިންދާ ބޯޓުވެސް އެތަނަށް ޖައްސާފައެވެ.

އައު ރަންވޭގައި 2018 ވަނަ އަހަރު ޖެއްސި އިއްތިހާދު އެއާލައިންސްގެ އޭ380 - ވަގުތު އިމޭޖަސް

އާ ރަންވޭ ހުޅުވުމަށް 2018 ވަނަ އަހަރުގެ ސެޕްޓެމްބަރ 19 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ޔާމީން ވިދާޅުވީ "މުޅި މި ސަރަޙައްދުގައި އޮތް އެންމެ ވަރުގަދަ ކޯޑް F ގެ ރަންވޭ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ޤާއިމުކޮށް ނިންމީ. އެހެންވީމާ، މިއީ އަޅުގަނޑުމެންގެ އެއަރޕޯޓް. މިއީ އަޅުގަނޑުމެންގެ ރަންވޭ. މިއީ އަޅުގަނޑުމެންގެ ޝަރަފު. މިއީ އަޅުގަނޑުމެންގެ ޕްރައިޑް." ކަމަށެވެ.

އެޝަރަފާއިއެކު ޔާމީންގެ އަމާޒަކަށްވީ ރާއްޖެއަށް އަހަރަކު ލިބޭ އާމްދަނީ 2023 ވަނަ އަހަރާއި ހަމައަށް ދާއިރު 20 ބިލިއަން ރުފިޔާ އިން 82 ބިލިއަން ރުފިޔާ އަށް އިތުރު ކުރުމެވެ. އެއީ ރާއްޖޭގެ ދަރަނި ދައްކާ ހަލާސްކޮށް، ރާއްޖެއަށް ލިބޭ އާމްދަނީއަކުން ރާއްޖެގެ ހުރިހާ ހަރަދެއްކޮށް ބަޖެޓް ސާޕްލަސް ކުރެވޭނެ ވަރުގެ އަދަދެކެވެ.

އެއާޕޯޓްގައި ފަށާފައި ހުރި މަޝްރޫއުތައް ނިމި އާމްދަނީ އިތުރުވާން ފެށުމުން އޭޝިއާ ސަރަހައްދުގެ އެންމެ މުއްސަނދި އެންމެ ތަރައްގީ ވެފައި އޮތް ގައުމަށް ރާއްޖެ ހެދުމަކީ ދާދި ފަސޭހައިން ކުރެވެން އޮތް ކަމެއް ކަމަށް އެމަނިކުފާނު އޭރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މުޚުތާރު

    އަދުރޭ ބުނީ ވަރަށް ރަގަޅު ވާހަކައެއް! ދޮގުހެދުމުގައި ހައްދު ފަހަނަޅައިފައިވާ އިބޫ! ދޮގުހަދަމުންގޮސް އެންމެފަހުން އަމިއްލައަށް ބޭޒާރުވަނީ!

    18
    15
  2. މުހައްމަދު

    އަދުރޭ އަނގަ މަޑުންލައިގެން ހުރެބަލަ // އަހަރެމެން ޔާމީންއަށް ސަޕޯޓް ކުރިޔަސް އަދުރޭގެ ބަސްމަގާހެދި ފޫހިވޭ.. ޔާންމީންއަށްވެސް ނުލިބުނީތަ ތިޔައްވުރެއް ބަސްމަގު ރީތި މީހެއް.!

    23
    5
  3. ދިވެހި ޒުވާނުން

    އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި އެޕާޓީން ވިސްނުން ގެންގުޅުނީ ބޭރުގެ ބަޔަކަށް އެއާޕޯޓު ދީގެން ތަރައްގީ ކުރާށެވެ. އެގޮތުން އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް ދީގެން އެއާޕޯޓު ހިންގާފައިވެއެވެ. އެކަމަކު، ހަަމަ އެއާއެކު އެކުންފުނިން އާ ރަންވޭއެއްގެ މަސައްކަތް ކުރަން ފަށާފައި ވަނިކޮށް ދެން އައި ސަރުކާރުން ޖީއެމްއާރު އަތުން އެކަން ފޭރިގަތީ

    13
    20
  4. ހައްގު

    ބާކީ އޮތީ އަހަރެއް...

    16
    4
  5. ހޭރެވޭ

    ދުރުވިސްނޭ އިހްލާސްތެރި ވެރިއެއް ޔާމީން އެއީ

    20
    20
  6. މާނު

    ތި އަދުރޭގެ ސަބަބުން ޔާމިނައް އެތައްވޯޓެއްގެއްލޭނެ ޕީޕީއެމް އެތެރެއިންވެސް

    17
    9
  7. މުޙައްމަދު

    ވެރިކަމަށް އައިސްފިއްޔާ ތީ ހުސް އެކައްޗެއް. ސަހަލު އެކަތިވެސް ނެތް. ހުސް މީދާ ކައިފަ ހުންނަ އުނބު

    13
    9
  8. މުހައްމަ

    ބޮޫމައްކަރު އިޔަހޫދިއެއް.

  9. ހަސަން

    އެހެން ވިއްޔާ ބުރިޖު ދަރުމަވަންތަ ފޭސްޓޫ ހިޔާ ފުލެޓު އާ ރަންވޭ އެއަރ ޕޯޓު ތަރައްގީގެ މަސްރޫޢޫ މީދާކޭ އުބޭ ބުނާއިރު ތިބާގެ ލޮލަށް މިތަން ނުފެންނަނީބާ؟ މުހައްމަދުގެ ކޮމެންތުން ތިޔަބުނަން އުޅޭ އެއްޗެއް ސާފުނުވޭ!

  10. ނަމަ

    އައުގުރާނަ ގޮވަން ހަމަ ހުރިހާވަގުތަކުވެސް ދެވަނަ އެއް ނުވާ އަދުރޭ އައް ވެސް ބުނެވުނީތާ ތިޔަ

  11. އަލީ

    "އެއާޕޯޓްގައި ފަށާފައި ހުރި މަޝްރޫއުތައް ނިމި އާމްދަނީ އިތުރުވާން ފެށުމުން އޭޝިއާ ސަރަހައްދުގެ އެންމެ މުއްސަނދި އެންމެ ތަރައްގީ ވެފައި އޮތް ގައުމަށް ރާއްޖެ ހެދުމަކީ ދާދި ފަސޭހައިން ކުރެވެން އޮތް ކަމެއް ކަމަށް އެމަނިކުފާނު އޭރު ވިދާޅުވިއެވެ."
    ވެރިކަމަށް އެމްޑީޕީން އައިސް 5 އަހަރުނިމޭއިރުވެސް ތިކަމެއްނުވާނެ.