ދީބާޖާ އިންވެސްޓްމަންޓަށް ދައުލަތުން ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ޖެހުނު މައްސަލާގައި މާދަމާ ސުޕްރީމް ކޯޓުން ހުކުމް ކުރުމަށް ހަމަޖެހިއްޖެއެވެ.

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާއެކު 2010 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ހެދި އެއްބަސްވުން 2013 ގައި ސަރުކާރުން ބާތިލްކުރި މައްސަލައިގައި ގެއްލުމުގެ ބަދަލަށް 348 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކުރިއެވެ.

އެ ހުކުމް ހައި ކޯޓުން ބާތިލްކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުން 2019 ގައި ވަނީ ހައި ކޯޓުގެ ހުކުމް ބާތިލްކޮށް، ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓައިފައެވެ. ސިވިލް ކޯޓުގެ ހުކުމް އެގޮތަށް އައީ ދީބާޖާ އިން ގެއްލުމުގެ ބަދަލުގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ނަގައި ދިނުމަށް އެދިފައިވަނިކޮށެވެ.

ދީބާޖާއަށް ބޮޑު އަދަދެއް ބަދަލުގެ ގޮތުގައި ދޭން ހުކުމް ކުރުމާ ގުޅިގެން، މި ސަރުކާރުގައި ކޯޓުން ބޭރުގައި މައްސަލަތައް ހައްލު ކުރުމަށް ލަފާ ދިނުމަށް އުފައްދާފައި އޮންނަ ސެޓްލްމަންޓް ކޮމިޓީން ވަނީ ދީބާޖާއާ އެކު މަޝްވަރާކޮށް 174 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށް އެއްބަސްވެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ލަފައާ އެ ގޮތަށް ދީބާޖާއަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުމަށް ނިންމެވިއެވެ.

އެކަމަކު ފަހުން އެ ނިންމުން ބަދަލުކުރައްވައި އެ މައްސަލަ ރިވިއު ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން ބަންޑާރަ ނައިބަށް އެމަނިކުފާނު އެންގެވީ މިދިޔަ ޖެނުއަރީ މަހުގައެވެ.

މި މައްސަލައިގެ ދައުލަތުގެ ސްޓޭންޑް ބަދަލު ކުރީ ރައްޔިތުންގެ މަޖިލީހަށް މި މައްސަލަ އައިސް މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީއަށް ބަންޑާރަ ނައިބު ހާޒިރު ކުރުމަށް ފަހު އެ ކޮމިޓީން ވެސް އެ ގޮތަށް ލަފާ ދިނުމުންނެވެ.

މި މައްސަލަ އަލުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ސުޕްރީމް ކޯޓުން ނިންމީ ހައި ކޯޓުގެ ހުކުމަށް ރުޖޫއަވެ ދީބާޖާއިން ބޭނުންވާނަމަ އަލުން އިސްތިއުނާފް ޝަރީއަތް ސުޕްރީމް ކޯޓުގައި ބެލުމަށެވެ.

އެހެންވެ، ދީބާޖާއިން އަނެއްކާވެސް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ އަހަރު އެވެ. އެ މައްސަލާގެ އަޑުއެހުންތައް މިދިޔަ އަހަރުގެ ފަހުކޮޅު ނިންމާލާފައި ވާއިރު، އެ މައްސަލާގެ ހުކުމް އިއްވަން ހަމަޖައްސާފައިވަނީ މާދަމާ ހެނދުނެވެ.