އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާއެކު 2010 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ހެދި އެއްބަސްވުން 2013 ގައި ސަރުކާރުން ބާތިލުކުރީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

އެ މައްސަލައިގާ މިއަދު މެންދުރު ފަހު 2 ޖެހީއިރު އޮތީ ހުކުމް ކުރުމެވެ. މިގޮތުން ސުޕްރީމް ކޯޓުން މިއަދު ނިންމާފައިވަނީ ދީބާޖާ އެއްބަސްވުން ބާތިލުކުރީ ގާނޫނާއި ހިލާފަށް ކަމަށެވެ. އަދި، ބަދަލުގެ މިންވަރު ވަޒަން ކުރުމަށް އަލުން ދަށު ކޯޓުގެ މަރުހަލާއަށް ހުށަހެޅުމަށް ވެސް އެކޯޓުގެ ހުކުމުގައި ވަނީ ނިންމާފައެވެ.

އެކޯޓުގައި މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން މިއަދު ހުކުމްކޮށްފައިވަނީ ދީބާޖާގެ އެއްބަސްވުން ސަރުކާރުން ބާތިލްކުރީ ގޯސްކޮށް ކަމަށް ވިޔަސް، އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ހުކުމް ކޮށްފައި އޮތީ ގޯސްކޮށް ކަމަށެވެ.

އެހެންވެ، އެކުންފުންޏަށް ލިބެންޖެހޭ ބަދަލުގެ މިންވަރާ މެދު ސިވިލް ކޯޓުން އަލުން ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓުން ވަނީ އަންގާފައެވެ.

ސުޕްރީމް ކޯޓުގައި ތިންވަނަ ފަހަރަށް މި މައްސަލަ ބެއްލެވީ، ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަލީ ރަޝީދެވެ.

ފަނޑިޔާރު އަލީ ރަޝީދު ވިދާޅުވީ ނޯޓިސް ދިނުމަކާ ނުލައި، ސަރުކާރުން އެއްބަސްވުން ބާތިލްކުރީ ބޮޑު ސަރަހައްދަކަށް ފެރީގެ ޚިދުމަތް ނުލިބޭތީ ކަމަށް ބުނެ ކަމަށް ވިޔަސް، ސަރުކާރުން ފޮނުވާފައިވާ ސިޓީތަކަށް ބަލާއިރު ބޮޑު ސަރަހައްދެއްގައި ހިދުމަތް ލިބެމުން ދިޔަކަން އެނގޭ ކަމަށެވެ.

ގެއްލުމުގެ ބަދަލު ދޭން ޖެހޭ ކަމަށް ފަނޑިޔާރު ރަޝީދު ބުރަވި ނަމަވެސް ގެއްލުމުގެ ބަދަލު ސިވިލް ކޯޓުން އަލުން ކަނޑައަޅަން ޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް ވަނީ ދީބާޖާއަށް ސަރުކާރުން ކޮށްދޭން ޖެހޭ ކަންކަމުގެ ތެރޭގައި 47 ބިމެއް ދޫކުރުމަށް ވެފައިވާ އެއްބަސްވުމާ ގުޅޭ ގޮތުން ފަނޑިޔާރު އަލީ ރަޝީދުގެ ރައުޔުގައި ހިމެނޭ ބައި ފިޔަވައި އެހެން ހުރިހާ ނުކުތާއަކަށް ތާއީދު ކުރެއްވުމެވެ.

ފަނޑިޔާރު ޑރ. މުހައްމަދު ވިދާޅުވީ ސަރުކާރުން ފޮނުވާފައި ސިޓީތަކަށް ބަލާއިރު، ފެރީގެ ހިދުމަތް މެދުކެނޑިފައި އޮތީ ބ. ފުޅަދޫ އާއި ފެހެންދޫގައި އެކަނި ކަމަށެވެ. އެއީ ނޯޓިހެއް ދިނުމެއް ނެތި އެއްބަސްވުން ބާތިލް ކުރެވޭނެ ހާލަތެއް ނޫން ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ފަނޑިޔާރު ވިދާޅުވި ގޮތުގައި ފެރީގެ ހިދުމަތާ މެދު ޝަކުވާތައް ހުއްޓަސް، އެކަންކަން ހައްލު ކުރެވޭނެ ގޮތްތައް އެއްބަސްވުމުގައި ހުއްޓެވެ.

އެކަމަކު، ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ރައުޔުގައި ވަނީ މުޅިން ތަފާތުކޮށެވެ.

ގެއްލުމުގެ ބަދަލާ ގުޅޭގޮތުން ފަނޑިޔާރު މަހާޒް ވިދާޅުވީ އެއްބަސްވުމާ ޚިލާފްވިކަން ސާބިތުނުވާތީ ބަދަލު ނަގައިދެވެން ނެތް ކަމަށް ހައިކޯޓުން ނިންމި ނިންމުން ގޯސްވި ސަބަބެއް ދީބާޖާއަށް ނުދެއްކޭ ކަމަށެވެ.

ދީބާޖާ މައްސަލާގައި ކަން ހިނގި ގޮތް:

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާއެކު 2010 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ހެދި އެއްބަސްވުން 2013 ގައި ސަރުކާރުން ބާތިލްކުރި މައްސަލައިގައި ގެއްލުމުގެ ބަދަލަށް 348 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކުރިއެވެ.

އެ ހުކުމް ހައި ކޯޓުން ބާތިލްކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުން 2019 ގައި ވަނީ ހައި ކޯޓުގެ ހުކުމް ބާތިލްކޮށް، ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓައިފައެވެ. ސިވިލް ކޯޓުގެ ހުކުމް އެގޮތަށް އައީ ދީބާޖާ އިން ގެއްލުމުގެ ބަދަލުގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ނަގައި ދިނުމަށް އެދިފައިވަނިކޮށެވެ.

ދީބާޖާއަށް ބޮޑު އަދަދެއް ބަދަލުގެ ގޮތުގައި ދޭން ހުކުމް ކުރުމާ ގުޅިގެން، މި ސަރުކާރުގައި ކޯޓުން ބޭރުގައި މައްސަލަތައް ހައްލު ކުރުމަށް ލަފާ ދިނުމަށް އުފައްދާފައި އޮންނަ ސެޓްލްމަންޓް ކޮމިޓީން ވަނީ ދީބާޖާއާ އެކު މަޝްވަރާކޮށް 174 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށް އެއްބަސްވެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ލަފައާ އެ ގޮތަށް ދީބާޖާއަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުމަށް ނިންމެވިއެވެ.

އެކަމަކު، ފަހުން އެ ނިންމުން ބަދަލުކުރައްވައި އެ މައްސަލަ ރިވިއު ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން ބަންޑާރަ ނައިބަށް އެމަނިކުފާނު އެންގެވީ މިދިޔަ ޖެނުއަރީ މަހުގައެވެ.

މި މައްސަލައިގެ ދައުލަތުގެ ސްޓޭންޑް ބަދަލު ކުރީ ރައްޔިތުންގެ މަޖިލީހަށް މި މައްސަލަ އައިސް މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީއަށް ބަންޑާރަ ނައިބު ހާޒިރު ކުރުމަށް ފަހު އެ ކޮމިޓީން ވެސް އެ ގޮތަށް ލަފާ ދިނުމުންނެވެ.

މި މައްސަލަ އަލުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ސުޕްރީމް ކޯޓުން ނިންމީ ހައި ކޯޓުގެ ހުކުމަށް ރުޖޫއަވެ ދީބާޖާއިން ބޭނުންވާނަމަ އަލުން އިސްތިއުނާފް ޝަރީއަތް ސުޕްރީމް ކޯޓުގައި ބެލުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އާތީ

    ޜިޔާސީ އިންތިހާބަށް ފަންޑު ރެއިޒްކުރާނެ އެހެންގޮތެއް ހޯދަންވެއްޖެއެއްނު. އިންފްލޭޝަން ބޯމަތީ ވާދެމޭހެންްދެމި ރައްޔިތުންނަށް ނޭވާ ނުލެވިގެން އުޅޭއިރުވެސް ބައިތުލްމާލުގެ ތިލަވަތްގާވެސް އުފުރާލާގެން އެބަނަގާވިއްޔަ

    36
  2. ރަން ރީނދޫ

    މިއީ ނަޝީދު މަނީ ލޯންޑަރ ކުރާ އެއް ކުންފުނި. އެހެންވީމާ ކޮންމެހެން ވެސް ބަދަލު ދޭން ޖެހޭނެ.ކިރިޔާވެސް ގައުމަށް ލޯތްބެއް އޮތް ބަޔަކު މި މީހުންނަށް ދެން ވޯޓެއް ނުދޭނެ.

    34
  3. ކޮރަލް

    ދީބާޖާ އިން 2010 ން 2013 އަށް ކުރި ކަމެއް ކޮށްދިން ކަމެއް ބުނެ ބަލާށެވެ.

    18
    2
  4. ނޫރު

    ސަރުކާރު ގެ ފައިސާ ކޯޓްތައް މެދުވެރިކޮށް މިބަހަނީތަ. އަޅެފަހެ، ރައްޔިތުން ފައިސާ ބަހާލަން، ހަމަ އަސަރެއްވެސް ނުކުރޭތާ.

    19
  5. އަހްމަދު

    ފަނޑިޔާރު ޢަލީރަޝިދުއެއީ ތިޔަކޯޓަށް އެކަށީގެންވާ ފަނޑިޔާރެއްނޫން އަމުދުން ތިބާވަތުގެމައްސަލައެއްބައްލަވަން އެކަށީގެންވާފަނޑިޔާރެއްނޫން ރައްޔިތުންނައްޚިދުމަތެއްދިނުމަށް ހަވާލުވެއެޚިދުމަތްނުދެވޭނަމަ ރައްޔިތުންގެޓެކްސް ލާރިތިގޮތައްޚަރަދުކުރެވިގެންނުވާނެ

  6. ޙަނދުކޭތަ

    ހީވަނީ ދައުލަތުގެ ހަޒާނާ އަކީ ސޯލިހު ވިހޭ ދުވަހު ހިފައިގެން އައި އެއްޗެއްހެން އާއިލާ މީހުނާ ރައްޓެހިންނައް ބަހާއަރުވާއިރު

    3
    1
  7. އަލީ

    ދީބާޖާގެ އެއްބަސްވުން 2010ގައި ކުރެވުނީއިރު އެ އެއްބަސްވުމުގައި ދީބާޖާއަށް މަތިކޮށްފައިވާ ކަންކަން އެ ކުންފުންޏަށް ކުރެވެމުން ދިޔަތަ؟ އެއްބަސްވުމުގައިވާ ކަންކަން ނުކުރާނަމަ ސަރުކާރަށް އެ އެއްބަސްވުން އުވާލާކަށް ނުޖެހޭނެތަ؟ އެ އެއްބަސްވުން އުވާލުން ގާނޫނާ ޚިލާފުވީ ކޮން ހަމައަކުންބާ؟

  8. އަންގާ

    ކޮންަސަރެއްކުރާނީ ރައްޔިތުންގެ ލާރި މަގޭޖީބަކުންނޫންދަނީ ހެޔޮ ހުސްވިޔަސް ހުސްވީމަޖަހާނީ

  9. މުބީނު މާރނީ

    އެމް.ޑީ.ޕީ ގެ ބައިގަނޑަށް އަހަރުމެންގެ ޖީބަށް އަތް ނުބާނާ ހަމަ ނުތިބެވޭނެ. ގޮތްކުޑަ، ހަޔާތްކުޑަ، ލަދުކުޑަ، ނުތާހިރު ބައިގަނޑެއް! 2023 އަށް ކެމްޕޭނުގެ ލާރި މަގޭ ޖީބުން ނަގައިގެން ނުވާނެ އެމްޑީޕީ ގެ ބައިގަބޑު!! ދީބާޖާ އޭ ކިޔައިން ހަޒާނާ ލޫޓުވަނީ މި ބައިގަނޑު ކެމްޕޭން ކުރަން.

    4
    1