ޗާގޯސް، މޮރިޝަސްއާ ހަވާލު ކުރަން އދ. ގެ އާންމު މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް ރާއްޖޭން ތާއިދު ކުރަން ނިންމުމަކީ، މިހާރު ކުރިއަށްދާ ކަނޑުގެ ސަރަހައްދުގެ އިމުގެ މައްސަލައާ ތަފާތު ވަކި މައްސަލައެއް ކަމަށާއި އެކަމުގެ ސަބަބުން އިމުގެ މައްސަލައިގައި ދިވެހި ދައުލަތުގެ ސްޓޭންޑަށް އެއްވެސް ބަދަލެއް ނާންނާނެކަން ދިވެހި ސަރުކާރުން ހާމަކޮށްފިއެވެ.

"މި މައްސަލައަކީ ދިވެހިރާއްޖެ ފަދަ މަސްވެރިކަމަށް ބަރޯސާވާ ގައުމަކަށް މުހިންމު މައްސަލައަކަށް ވުމުން ދިވެހިރާއްޖެ ތަމްސީލުކުރުމަށްޓަކައި މި ދާއިރާއިން ފާހަގަކޮށްލެވޭ ތައުލީމާއި ތަޖުރިބާހުރި ބައިނަލްއަގުވާމީ ވަކީލުންނާއި ހައިޑްރޯގްރަފީ އަދި ޖިއޮލޮޖީ ދާއިރާގެ ޚަބީރުންގެ މައްޗަށް އެކުލެވޭ ޓީމެއް އައްޔަނުކުރެވުނެވެ. މި މައްސަލައިގައި ކަމާބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކާއި ގާނޫނީ އުސޫލުތަކާއި ނިންމުންތަކުގައިވާ ގޮތުގެ މަތިން ޓްރައިބިއުނަލްގައި ދިވެހިރާއްޖޭގެ މަޞްލަޙަތުތައް އެންމެ ފުރިހަމައަށް ވާނީ ދިފާއުކޮށްފައެވެ." ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި މިހާރު ކުރިއަށްދާ އަޑުއެހުންތަކުގައި ރާއްޖޭން އިމުގެ މައްސަލާގައި ސިޔާސަތު ބަދަލުކޮށް، އިމުގެ ބައެއް މޮރިޝަސްއަށް ދޫކޮށްލަން ނިންމީ ކަމަށް ތުހުމަތުވާން ފެށުމާއެކު، ސަރުކާރު ތެރެއިންނާއި ބޭރުން ބައެއް ސިޔާސީ ފަރާތްތަކުން ގެންދަނީ އެކަމަށް ފާޑު ވިދާޅުވަމުންނެވެ. އެވާހަކަތައް ދެކެވެން ފެށީ ޗާގޮސްގެ ރަށްތައް އިނގިރޭސި ވިލާތުން މޮރިޝަސްއާ ހަވާލުކުރަން އދ. އިން ނިންމި ނިންމުމަށް ވޯޓު ދޭނެކަން ރާއްޖޭން ހާމަކުރުމާ އެކުގައެވެ.

ޗާގޯސް މައްސަލައިގާ ފުށުއަރާ ކަނޑުގެ ސަރަހައްދު

އެކަމަކު، އެކަން އިތުރަށް ތަފްސީލުކޮށްދީ ރޭ ދަންވާރު ބަންޑާރަނައިބުގެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އދ.ގެ އާންމު މަޖިލީހުގައި ނަގާ ވޯޓަކާ ގުޅޭ ގޮތުން ނިންމި ނިންމުމާއި މިހާރު ޓްރައިބިއުނަލްގައި ކުރިޔަށްދާ އިމުގެ މައްސަލައާއި އެއްވެސް ފުށުއެރުމެއް ނެތް ކަމަށެވެ. އެއީ ވަކި ދެ މައްސަލަ ކަމަށެވެ.

އެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި އިމުގެ މައްސަލައިގައި ރާއްޖޭގެ ދިފާއު ބިނާވެގެން ވަނީ މައިގަނޑު ތިން ނުކުތާއެއްގެ މައްޗަށެވެ. އެއީ:

  • މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގައި ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ހިކި ދިޔާގައި ފެންނަ ބްލެންހެމް ރީފުން ފެށިގެން ކަމުގައި އޮތަސް، ބައިނަލްއަގުވާމީ ކޯޓުތަކުން މިފަދަ މައްސަލަތަކުގައި މިހާތަނަށް ނިންމާފައިވާ ނިންމުންތަކަށް ރިޢާޔަތްކޮށް އެއީ ބޭސް ޕޮއިންޓްއެއް ކަމަށް ބަލައިގެން ނުވާނެކަން. އެ ސަރަހައްދު ބައިކުރުމަށް ދިވެހިރާއްޖެއިން މަސައްކަތްކޮށް ކާމިޔާބުވެއްޖެ ނަމަ ދިވެހިރާއްޖެއަށް 4,687 އަކަކިލޯމީޓަރުގެ އިތުރު ސަރަޙައްދެއް ލިބޭނެތީ އެސަރަޙައްދު ބައިކުރަން މޮރިޝަސް އިން ހުށަހަޅާފައިވާ ގޮތަށް އިއުތިރާޒްކުރުން.
  • ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީއެލްސީއެސް) އަކީ އައުޓަ ކޮންޓިނެންޓަލް ޝެލްފްގެ ލިމިޓް ކަނޑައެޅުމަށް ހާއްސަކޮށް އުފައްދާފައިވާ ކޮމިޝަނެއް ކަމަށް ވާތީ އާއި މި މައްސަލަ މިހާރު ބަލަމުންދާ ޓްރައިބިއުނަލްގެ ސްޕެޝަލް ޗެމްބަރަކީ އައުޓަ ކޮންޓިނެންޓަލް ޝެލްފްއާގުޅޭ މައްސަލަތައް ބެލުމަށް ސައިންޓިފިކް އެކްސްޕަޓުން ހިމެނޭ ގޮތަށް އެކުލަވާލެވިފައިވާ ޗެމްބަރެއްކަމުގައި ނުވާތީ، ދިވެހިރާއްޖޭގެ ފަރާތުން ސީއެލްސީއެސް އަށް 2010 ވަނަ އަހަރު ހުށަހަޅާފައިވާ ހުށަހެޅުމާ އެއްގޮތަށް އެ ކޮމިޝަނުން އައުޓަ ކޮންޓިނެންޓަލް ޝެލްފްއާމެދު ގޮތެއް ކަނޑައެޅުމަކީ ދިވެހިރާއްޖެއަށް އެންމެ ފައިދާހުރި ގޮތް ކަމަށް މިހާތަނަށް ބެލިބެލުމުން ފާހަގަކުރެވޭތީ، އައުޓަ ކޮންޓިނެންޓަލް ޝެލްފްއާ ގުޅޭ ގޮތުން މޮރިޝަސްއިން ހުށަހަޅާފައިވާ ހުށަހެޅުން ބެލުމުގެ އިހުތިސޯސް ޓްރައިބިއުނަލްގެ ސްޕެޝަލް ޗެމްބަރަށް ލިބިފައިނުވާކަމަށް ހުށަހެޅުން.
  • ރާއްޖޭން ހުށަހަޅާ ހުށަހެޅުން ބަލައިނުގަނެ، އައުޓަ ކޮންޓިނެންޓަލް ޝެލްފާ ގުޅޭ މައްސަލަ ބެލޭނެ ކަމަށް ޓްރައިބިއުނަލް އިން ނިންމި ނަމަވެސް އައުޓަ ކޮންޓިނެންޓަލް ޝެލްފް ކަނޑައެޅުމުގެ ގޮތުން ހުށަހަޅަންޖެހޭ "ނެޗުރަލް ޕްރޮލޮންގޭޝަން" އާގުޅޭ ސައިންޓިފިކް އަދި ޓެކްނިކަލް ހެކިތައް މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިނުވާތީ، މޮރިޝަސްއަށް އައުޓަ ކޮންޓިނެންޓަލް ޝެލްފް ހައްގުނުވާ ބަޔާންކުރުން.

މައްސަލަ މިހާރު ގޮސް އޮތް ހިސާބު ސާފުކޮށްދެމުން ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އޯގަސްޓް 23، 2019 ގައި މޮރިޝަސްގެ ފަރާތުން ރާއްޖެއާ ދެކޮޅަށް ހުށަހެޅި މައްސަލަ ބަލައި ކަނޑުގެ ސަރަހައްދުގެ ބައުންޑަރީ ކަނޑައެޅުމުގެ އިހްތިސާސް ޓްރައިބިއުނަލަށް ލިބިގެންނުވާކަމަށް ރާއްޖޭން ފާހަގަކޮށްފައިވާނެ ކަމަށެވެ.

އެކަމަކު، ޖެނުއަރީ 28، 2021 ގައި މައްސަލަ ބަލަން ޓްރައިބިއުނަލުން ނިންމުމުން މިހާރު ކުރިއަށްދަނީ ދެ ގައުމުން ލިޔުމުން ޖަވާބުދާރީވުމުގެ މަރުހަލާއެވެ.

މިއަދު އޮންނަ މައްސަލައިގެ އެންމެ ފަހު އަޑުއެހުމަށް ފަހު އިތުރު ކަމެއް ސާފުކުރަން ނެތްނަމަ، ޒަމާންވެފައި އޮތް ކަނޑުގެ އިމުގެ މި މައްސަލައަށް ގޮތެއް ކަނޑައަޅާނެ ކަމަށާއި އާންމު އުސޫލެއްގެ ގޮތުން ދެ ގައުމުގެ މެދުގައި އޮންނަ ފުށުއަރާ ސަރަހައްދުގެ ބައި ކަނޑައަޅަނީ އިކުއިޑިސްޓެންސްގެ ހަމަހަމަ އުސޫލުން ކަމަށެވެ.

އެހެންކަމުން، މުއާހަދާގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ ބައުންޑަރީ ކަނޑައެޅި، ރާއްޖެއަށް އެ ސަރަހައްދުތަކުގެ މައްޗަށް ސިޔާދަތީ ހައްގުތައް ލިބިގެންދާނެ ކަމަށް އެ އޮފީހުގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ބަދަލުވެގެން މިއުޅެނީ ކޮން ކަމެއް؟

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް ނިންމާފައި ވަނީ ޗާގޯސް އިސްތިއުމާރު ކޮށްފައިވާ ކުރުން ނިމުމަކަށް ގެންނާށެވެ. އަދި، އެތަން ވީ އެންމެ އަވަހަކަށް މޮރިޝަސް އާއި ހަވާލުކުރުމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު. --- ފޮޓޯ: ރައީސް އޮފީސް

މިގޮތުން، އެ ނިންމުން ހަ މަސް ދުވަހުގެ ތެރޭގައި ތަންފީޒުކޮށް ޗާގޯސް މޮރިޝްސްއާ ހަވާލުކުރަން، މެއި 22، 2019 އދ. އިން ފާސްކުރި ގަރާރަށް 116 ގައުމުން ތާއީދުކުރިއެވެ. އެކަމަކު، އޭރު ރާއްޖޭން އައީ އެ ގަރާރާއި ދެކޮޅު ހަދަމުންނެވެ.

ބަދަލުވެގެން އުޅެނީ އެ ގަރާރާއިމެދު އޮތް ވިސްނުމެވެ. އެއީ، މޮރިޝަސް އިން އިނގިރޭސިވިލާތާއި ދެކޮޅަށް ކުރިޔަށް ގެންދާ މަސައްކަތެކެވެ. އަދި، ރާއްޖެއަކީ ޑީކޮލޮނައިޒޭޝަން ނުވަތަ އިސްތިއުމާރުތައް ނައްތާލުމަށް އަބަދުވެސް ތާއީދުކުރާ ގައުމެއް ކަމަށް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ދިވެހިރާއްޖެއިން ވެސް މޮރިޝަސްއާ އެއްކޮޅަށް މި އަހަރުގެ އދ.ގެ އާންމު މަޖިލީހުގައި ވޯޓުލާން ނިންމައި، އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސިޓީފުޅަކުން މޮރިޝަސްގެ ބޮޑުވަޒީރަށް އެންގެވިކަން، މިހާރު ޓްރައިބިއުނަލްގައި ހިނގަމުންދާ އަޑުއެހުމުގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ވަނީ ހާމަކުރައްވާފައެވެ. ނުތަނަވަސްކަން ބޮޑުވެފައިވަނީ އެ ނިންމީ، ރާއްޖޭގެ އިމުގެ މައްސަލައިގާ ވެސް ދޫދިނުމަށް ކަމަށް ބުނެއެވެ. އެކަމަކު، އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ އެކަން ދޮގުކޮށްފައެވެ.

"އދ.ގެ ޖެނަރަލް އެސެމްބްލީގައި ދިވެހިރާއްޖެއިން މޮރިޝަސް އާއި އެއްކޮޅަށް ވޯޓުލުމަކީ، ރާއްޖޭން މޮރިޝަސް އާއި ދެކޮޅަށް ޓްރައިބިއުނަލްގައި ވަކާލާތު ކުރަމުންދާ މައްސަލައިގައި ޖަވާބުދާރީ ވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަކަށް އެއްވެސް ބަދަލެއް ނުގެންނާނެއެވެ." ބަޔާނުގައި ވެއެވެ.

އަދި، އެގޮތަށް ވޯޓު ދިނުމަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތާއި ގުޅިފައިވާ މުހިއްމު ކަމެއް ކަމަށާއި އެއީ ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރެއް ކަމަށް ވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

"ޔޫއެން ޖެނެރަލް އެސެމްބްލީގައި ބަހުސްކުރެވޭ ވަކި ކަމެއްގައި ވަކި ގޮތަކަށް ވޯޓު ދިނުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތާ ގުޅިފައިވާ، ކަމެކެވެ. އަދި ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (މ) އަށް ބަލާއިރު، ޚާރިޖީ ސިޔާސަތު ކަނޑައެޅުމާއި، ހިންގުމާއި، އެ ސިޔާސަތު ހިނގާ ނުހިނގާ ގޮތް ބަލައި، ބޭރު ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކާ އެކު ގުޅުން ގާއިމުކޮށް ދެމެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރެކެވެ." އޭޖީގެ ބަޔާނުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ދިވެހި މުސްކުޅިން

    ފޯޅަވައްސަކީ ދިވެހި ރާއްޖޭގެ ޑ (ޑަވިޔަނި) އަތޮޅު އެެއީ ދެކުނަށްޕޮޅު އަތޮޅު މި އަތޮޅުގައި ހުރި ހުރިހާ ރަށްތަކަށް ބަލާއިރު ރާއްޖޭގެ ރަށްތަކުގެ ވެށީގެ ސިފަ ވަރަށް ސާފުކޮށް ފެނޭ އަދި އަޑީން މިރަށްތައް ހުރީ ރާއްޖޭގެ ރަށްތައް ހުރި ފަށަލުގައި ހަމަ އެގޮތަށް މަލިކު (މަލިކަތޮޅު) މި އަތޮޅާއި މިއަތޮޅާއި ކައިރީގައި ހުރި އެހެން އަތޮޅުތަކާއި ރަށްތައްވެއް އެއީ ދިވެހި ރާއްޖެގެ ރަށްތައް އެތަނުގައި ރާއްޖޭގެ އާމިނަ ކިޔާ މީހަކަށް ނިސްބަތްވާ ރަށެއްވެސް އޮންނާނެ އެއީ އެ އާމިނަ އާއި އާމިނަގެ އާއިލާ އެރަށުގައި ފުރަތަމަ ވަޒަންވެރިވީ މިކަން ފެންނަން އެބަހުރި ރަށްތަކަށް ކިޔާފަ ހުރި ނަންތަކުން އަދި ރާއްޖެއަށް އެއްކޮށް ނިސްބަތްކޮށް ލަކްޝަދީބުވެސް ކިޔުނު ވަކި ހިސާބަކުން މަހަލްދީބު އަށް ބަދަލުވީ ލަކްޝަދީބުގެ މާނައަކީ ލައްކަ (ބައިވަރު) ރަށްތަކެއްގެ މައްޗަށް އޮތް ރާއްޖެއެއްކަން ބަޔާންވުން ވީމާ ބިމު އަޑީގެ އެއްފަށަފަލައެއްގާ ރާއްޖޭގެ ރަށްތައް ފަދައިން ހުރި ހުރިހާ ރަށެއް އެއީ ދިވެހިރާއްޖޭގެ މިލްކު ސިޔާދަތީ ބާރު ދެމިގެންދާނެ ރަށްތަކެއް، މި ރަށްތައް ކުރީ ޒަމާނުގެ ރަސްކަލުން ކޮންމެވެސް ސަބަބަކާހުރެ އެރައްތަކާމެދު ދޭންވާ ސަމާލުކަން ނުދެވި އެތައް ހިމާޔަތްކޮށް ބެލެހެއްޓުން އެގާބިލުކަން ނެތިގެން އެހެން ބައެއްގެ އަތްދަށަށް ދިޔަ ނުވަތަ ފޭރިގަތީ، ވީމާ މިގޮތަށް ހުރި ހުރިހާ ރައްތައް އަދު ޖީލުތަކުން އެބަޖެހޭ ރާއްޖޭގެ ބާރުދަށަށް ގެންނަން. މިކަން ކުރެވޭނެ މިއީ ސައިންޓިފިކް ހަގީގަތްތައް ގަބޫލުކުރާ ޖީލެއް ދުނިޔޭގައި އޮތް ތަހްޒީބީ ޒަމާނެއް. ޝުކުރިއްޔާ ! ބައިނަލް އަގުވާމީ ކޯޓްތަކަށް މި މައްސަލަތައް ވައްދައި މިކަން ސަރުކާރުގެ ޒިންމާއެއް މި ޒިންމާއަށް ފަސްނުޖެހޭ !

    22
  2. Anonymous

    ޗާގޯސް ހަވާލު ކުރުމުގެ ގަރާރާއި ރާއްޖޭގެ އިމުގެ މައްސަލައާ ގުޅުމެއް ނެތްނަމަ ގަރާރަކުން ކޯޗެއް ހަވާލުކުރަންއުޅޭ ވާހަކައެއްތަ ތިކިޔަނީ؟؟؟ފާއިތުވި ހުރިހާ ޒަމާނެއްގަވެސް އޮތްގޮތައް ބެހެއްޓީމަ ނިމުނީނޫންތަ؟؟؟

    22
  3. މާމި

    ގައްދާ ރުން

    8
    1
  4. މޮހޮރު

    ތިޔަބަނޑާރަ ނައިބަކީ މިޤައުމަށް ގައްދާރުވާ ހާއިނެއް ޗާގޯސްގެ ރައްތަކާ ދިވެހިންނާ ޑުޅުންއޮތްވަރު މިބީތާއަށް ނޭނެނީބާ ނޫނީ ރިސްވަތުގެ ހުތުރު ފައިސާ ހިފީނޫންބާ ސުޓޭންޑޭ ދެމައްސަލައެކޭ ކިޔާނިކަމެއްނެއް ޤައްދާރުންގެ ނިމުން ހިތހިވާނެ ހަނދާންކުރާތި

  5. އަމީދާ ލައުރެއްލާ

    ޗާގޯސް މޮރިޝަސް އަށް ލިބެންވީ ކޮންހަމައަކުންތޯ؟ މޮރިޝަސް އިން އެމީހުންނަށް ލިބެންޖެހޭނެކަމަށް ވަކާލާތުކުރާއިރު ރާއްޖެއަށް ކީއްވެ ވަކާލާތު ނުކުރެވެންވީ ރާއްޖެއަށް ލިބެންޖެހޭނެކަމަށް؟ މޮރިޝަސަ އަކާ ވާތަނެއްވެސް ނޫން. ޗާގޯސް އަކީ ރާއްޖެ!!

  6. ސޫއޫދު

    މީނަކިހާތެދުވެރިވާނޭ ރާއްޖެއާދެކޮޅައް ބޭރުކޯޓެއްގެ ވަކާލާތުކުރިމީހެއް އެއާރްޕޯޓްފޭރެން މިވަރުމީހާކު ގައުމުވެސްވިއްކާދިރުވާލާނެ ބައިގަނޑެއްމީ މިބައިގަނޑައްވޯޓްދިނިމުގުނަތީޖާ މިފެއްނަނީ

  7. މަބޭ

    ތިޔަތިބީ ގޮހުރުފުލައް ކާންދީފަ ދެން އެވެރިންބުނާހުރިހާގޮތެއް ހެދުންނޫންގޮތެއް މިސަރުކާރަކައްނޯންނާނެ

  8. އަހްމަދު

    ފާޑުފާދުގެ ޑިލްހަދާފައި އިތުރު ވާހަކަ ދައްކާނެކަމެއްނެތް! ފުރަތަމަ ޗާގޯސް ބަޔަކާހަވާލު ކުރެވެނީ ކިހިނެތްތޯ! އެތަން ބަޔަކާއި ޙަވާލުކުރަންޏާ ކުރަންޖެހޭނީ އިނގިރޭސިންނާ!

  9. ހުސެއިން

    ޮއިންޑިޔާގެ ޕަޕެޓުން ގައުމުގެ ގައްދާރުން، ރިފުއަތު ކަލެއާއި ކަލޭގެ ޓީމު އަދި މޯދީ ޕަޕެޓް ސޯލިހުގެ ވާހަކަ ކުރިއަށްއޮތް ޖީލައްރައްޔިތުން އަންގާނެ، ގައުމަށް ގައްދާރުވަގުން މިގައުމުގެ ޖަލަށްލެވޭނެއަދި، ނޫނީ ހަވަރަށްދެވޭނެކަން ހަނދާންކުރާތި!!!

  10. އަހުމަދާ

    އިންޑިޔާއިން ބުނާހާގޮތް ތިހަދަނީ ކިހާވަރެއް ބަނޑުއަޅައިގެންބާ؟؟؟ ގައްދާރުން ވިސްނާތި ތިކަން ރައްޔިތުންބަލާނެ،

  11. ވަަަޠަން

    ރިފުއަތުމެން ސިކުޑިހަމަޖެހޭތަ އެބަ. ތިޔަނެރުނު ނޫސްބަޔާންގަ ވެސް ތިބުނަނީނު ފޯޅަވަހި މޮރިޝަސްގެ ތަނެއްގޮތުގަ ބަލައިގަތުމަށް ސަރުކާރުން އެއްބަސްވި ވާހަކަ. ދެން ފަހުން ކިހިނެއް ފޯޅަވަހި ނުވަތަ ފޯޅަވަހިން ބައެއް އެއީ ރާއްޖޭގެ ސަރަހައްދުގެ ބައެއްކަން ކަނޑައަޅަން ދައުވާއެއްވެސް ކުރެވޭނީ؟ އެދުވަހު ބުނެވެން އޮންނާނެ 2022 ވަނަ އަހަރު ދިވެހި ސަރުކާރުން ފޯޅަވަހި މޮރިޝަސްއަށް ދިނުމަށްރުހުން ދީފައޮތް ވާހަކަ. ގާނޫނީ ގޮތުން އޭގަ ބުރަދަން ހުންނާނެ. މިއަދު އިބޫމެން ރިފުއަތުމެން ޝާހިދުމެން ފައިސާކޮޅެއްގެ ދަހިވެތިކަމުގަ ގައުމުގެ މުސްތަގުބަލަށް ތިޔަ ޣައްދާރުވަނީ. ހީނުކުރާތި ރައްޔިތުން ތިކަމަށް މާފުދީގެން މަޑުން ތިބެދާނެކަމަށް.

  12. ހަލަން

    ބައެއް މީހުން އެބަބުނޭ ރައިސް މީހާ ކުރިކެޓްމެޗެއް ބަލަންށޭ ކިޔާފަ މޮރިސަސްއައްގޮސް ޓިސްޓިސް ބިލިއަން ޑޮލަރުން ވަނީ ނަގާފަކަމައް އެރައްތައް ދޭން އދ ވޯޓް ދޭނެކަމައް ތެދުދޮގެއްނޭންގެ ބާޒާރުމަތީގަ މޮގޮތައް ވާހަކަ ދެކެވޭކަމައްވަނީ

  13. ހުސޭނުބޭ

    މައްސަލައަކާ ގުޅުމެއް ނެތް. އެކަމަކު މޭޒުދަށުން ދަށުންދަމާ ކުޅެނީ. ކިހާވަރެއް ލިބިގެންތަ ތިވަރު ބޮޑު ކަމެއް އަޑިއަޑިން ތި ނިންމާލަނީ.

  14. Anonymous

    ކޮސޯވޯ މައްސަލާގަވެސް އޭރު ފައިސާގަޑެއް ކާލައިފި ބަޔަކު މިފަހަރުވެސް ފައިސާ ކާލަނީ !

  15. އަބްދޫ

    ރާއްޖޭގަ މިހުރި އޭޖި އަކީ ވަރަށް ތަންދޮރު ނުދަންނަ ސަހްސިއްޔަތެއްވެސް ނެތެ މިހެއް. އެކަންއެގެނީ މަޖިލީހަށް ގޮނުވާ ގާނޫނުއަސަސީއާ ހިލާފު ޑްރާފްޓް ތަކުން. ފޯޅުވަހީގެ ތަރީހް ވެސް އޭޖީ ނުދަނޭ. ދެކުނުގެ 4 އަތޮޅުގެ އެވެލާގެ ދަތުރު ފަތުރުވެސް އޭޖީ ނުދަނޭ. މިފަދަ މީހަކަށް އޭޖީ ކީމަ ލަދުގަނޭ،

  16. ޒޮލް ޖޮމް

    މީނާ ހައްޔަރު ކުރޭ މީމުޖްރިމެއް

    • ބަދަލުހިފާނަން

      އެއްމެ އިންޗިއެއް ގެއްލުނަސް ބަދަލުހިފާނަން

  17. ޣަރަޤު

    ގުޅުމެއް ނެތް ކަމަކާ ގުޅޭގޮތުން ދިވެހި ސަރުކާރާ ކޮން ބެހޭކަމެއްހެއްޔޭ ޤަރާރު ހަދާ ސިޓީ ދިނީ. ބައްޔެއްނު.