ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ދެކުނާއި މެދު ތެރޭގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ބުނެފިއެވެ.

މެޓް އޮފީހުގެ އޮފިޝަލު ވިދާޅުވީ ކުރިއަށް ފަސް ދުވަހު ދެކުނާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ވިއްސާރަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި މެދު ރާއްޖެ ތެރެއަށް އެހާ ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުންޏެވެ.

"މިއަދާއި މާދަމާ މެދު ރާއްޖެ ތެރެއަށް ވަރަށް ބޮޑަށް ވިއްސާރަ ކުރާނެ ކަމަށް ދައްކަނީ. ހޯމަ ދުވަހުން ފެށިގެން މެދު ރާއްޖެ ތެރެއަށް މަޑުވާން ފަށާނެ. ވައި ވެސް މިހާރަށްވުރެ މަޑުވާން ފަށާނެ." އޮފިޝަލު ވިދާޅުވި އެވެ.

އުތުރު އަތޮޅުތަކަށް ބުދަ ބުރާސްފަތި ހިސާބުގައި ކުޑަކޮށް ވިއްސާރާވާނެ ކަމަށާއި ނަމަވެސް ވައި އެހާ ގަދަނުވާނެ ކަމަށް ވިދާޅުވިއެވެ. އަދި ކަނޑުވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު މެދުރާއްޖެ ތެރެއާއި ދެކުނު އަތޮޅުތަކަށް ވައި ގަދަވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ އިރު، ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ވިދާޅުވިއެވެ.