ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕްރޮޕެޝަނަލް ސްޕީކާސް އެސޯސިއޭޝަނެއް މޯލްޑިވްސްޕްރޮޕެޝަނަލް ސްޕީކާސް އެސޯސިއޭޝަން (އެމްޕީއެސްއޭ)ގެ ނަމުގައި އުފައްދައިފިއެވެ.

މި އެސޯސިއޭޝަން އުފެއްދުން އިފްތިތާހްކުރުމަށް ހާއްސަ ޖަލްސާއެއް ބާއްވާ އެ އެސޯސިއޭޝަނުގެ މަގާމުތައް ހޮވާފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގައެވެ. އެ ޖަލްސާގައި އެ އެސޯސިއޭޝަނުގެ ރައީސްކަމަށް އިންތިހާބުކޮށްފައި ވަނީ ޔުނިވާސަލް ފައުންޑޭޝަނުގެ ރައީސް އިޔާޒް އެވެ.

އެ އެސޯސިއޭޝަނުގެ ގްރޯތު އެންޑް މެމްބަޝިޕް އެފެއާޒްގެ ނައިބް ރައީސަކަށް އިންތިހާބުކޮށްފައި ވަނީ ލަކްސް ރިސޯޓްސް އެންޑް ހޮޓެލްސްގެ ޓްރެއިނިން، ޑިވެލޮޕްމަންޓް އެންޑް ކޮލިޓީގެ ރީޖަނަލް ޑައިރެކްޓަރު ހުސެއިން އަފީފު އެވެ.

ޕަބްލިކް ރިލޭޝަންސްގެ ނައިބް ރައީސަކަށް އިންތިހާބުކުރީ ދިރާގުގެ ކަސްޓަމާ ސާވިސަސް ޑިރެކްޓަރު އަދި ކުރީގެ މަޝްހޫރު ޓީވީ ޕްރެޒެންޑަރު މަސްއޫދު އަލީ އެވެ. ޖެނެރަލް ސެކްރެޓަރީއަކަށް ހޮވުނީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ ލީޑާޝިޕް އެންޑް އޯގަނައިޒޭޝަން، ޖެނެރަލް މެނޭޖަރު އާދަމް ނަސީރު ހުސެއިން އެވެ. ހަޒާންދާރަކީ، އެމް.އޭ.ސީ.އެލް ގެ ލީޑާޝިޕް އެންޑް އޯގަނައިޒޭޝަން، މެނޭޖަރު މައީޝާ އާސިފެވެ.

އެގްޒެކްޓވް ކޮމެޓީގެ ތިން މެމްބަރުންނަށް އިންތިހާބުވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ސްޕޯކްސްޕާސަން އަދި ކުރީގެ ނޫސްވެރިޔާ މުހައްމަދު ނާސިހް އާއި، އެޗްޑީސީގެ ލާނިން އެންޑް ޑިވެލޮޕްމަންޓް މެނޭޖަރު އައިމިނަތު އިރާޝާ އަދި މެންޓަލް ހެލްތު އެޑްވޮކޭޓް ހައްވާ ލީޝާ އެވެ.

މަހަކު އެއް ފަހަރު ޕަބްލިކް ސްޕީކިންގެ ވާޗުއަލް ނުވަތަ ފިޒިކަލް އިވެންޓެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

އަދި ރާއްޖޭގެ ފުރަތަމަ ޕްރޮފެޝަނަލް ޕަބްލިކް ސްޕީކިން ކޮންފަރެންސް އަންނަ އަހަރު ބާއްވާނެކަންވެސް ވަނީ އިއުލާންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހަންމަދުު

    ކޮންކަމެއް ކުރާ ބައެއްކަމެއްވެސް ނޭގުނު. ފުރިހަމަ ޚަބަރެއް!

  2. އަލިމުތް

    ރާއްޖޭގަ ދެން ހަދަންވީ ޕްރޮފެޝަނަލް ފޮޑިޖަހާ އެސޯސިއޭށަނެއް. އޭރަށް އެކަން ވެސް ނިމުނީ! ކުރާނެ ނުކުރާނެ ކަމެއް ނޭނގިގެން އުޅޭ ބައެއް ހެން ހީވަނީ!