އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް ނުވަތަ ޑަބްލިއުޑީސޣެ ބައި އިލެކްޝަން ތައްއަހަރަކު އެއް ފަހަރު ބޭއްވޭގޮތަށް ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެންނަން މަޖިލީހުން ފާސްކުރި ބިލު ތަސްދީގުކޮށްފި އެވެ.

އެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި މަހުގެ ދެވަނަ ދުވަހު އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ބިލު ތަސްދީގު ކުރެއްވުމުން ގާނޫނަށް އަލަށް ގެނައި އިސްލާހުތަކަށް މިއަދުން ފެށިގެން ވަނީ އަމަލުވެސް ކުރަން ފަށައިފަ އެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހާއެކު އަންހެނުންގެ ތަރައްގީގެ މަސައްކަތްކުރާ ކޮމިޓީގެ މެންބަރެއްގެ މަގާމު ހުސްވެއްޖެނަމަ، އެ މަގާމު ހުސްވާތާ ލަސްވެގެން އެއް އަހަރުގެ ތެރޭގައި އެ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރަން ޖެހޭނެ އެވެ. އެހެން ނަމަވެސް ކޮމިޓީގެ މެންބަރެއްގެ މަގާމު ހުސްވި އިރު، ކޮމިޓީގެ ދައުރުގައި އެއް އަހަރަށް ވުރެ ކުރު މުއްދަތެއް އޮތްނަމަ އެ ހުސްވި މަގާމަށް، އަލުން މެމްބަރަކު އިންތިހާބު ކުރަން ދެން ނުޖެހޭނެ އެވެ،

އެކަމަކު ކޮމިޓީގެ މެންބަރެއްގެ މަގާމު ހުސްވުމުގެ ސަބަބުން، އެކޮމިޓީގެ ބައްދަލުވުން ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަވާ ވަރަށް ކޮމިޓީގައި މެންބަރުން ނެތްނަމަ، އެ މަގާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެމަޤާމަށް މެންބަރަކު އިންތިހާބު ކުރަންޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ.

އަންހެންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުން އިސްތިއުފާ ދިނުމުގެ ސަބަބުން ބައި އިލެކްޝަންތައް ދޭތެރެ ދޭތެރެއިން ބާއްވަން ބަޖެޓު ނެތް ކަމަށް މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.