މާލެ ސަރަހައްދުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު ހޯދަން ސަރުކާރުގައި އެދިގެން އުޅޭތާ ދެ އަހަރުވާ އިރު، އެ މައުލޫމާތު ފޯރުކޮށްދީފައި ނުވާ ކަމަށް މާލެ ސިޓީ ކައުންސިލުގެ ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.

ޝުޖާއު އެގޮތަށް ވިދާޅުވެފައި ވަނީ ދާދި ފަހުން ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއާ ގުޅިވަޑައިގެންނެވި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ދެއްކެވި ވާހަކައަކަށް އިޝާރާތް ކުރައްވައެވެ.

މޫސަ ވިދާޅުވީ މާލެ ސިޓީގެ ދިރާސާއެއް ކުރި ނަމަ، ގަރާޖް އަދަދާއި ގަރާޖް ނެތި މަގުތައް މަތީ ވެހިކަލް މަރާމާތު ކުރާ އަދަދުތަކާއި ކުދި ކޮޓަރިތަކުގަ ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީންގެ ސައްހަ ރިޕޯޓު މާލެ ރައްޔަތުންނަށް ހާމަކޮށް ދެއްވަން ޖެހޭ ކަމަށެވެ.

އެ ވާހަކަ އަށް ރައްދު ދެއްވައި ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ސަރަހައްދުގައި ދުއްވާ ވެހިކަލްތަކުގެ ތަފްސީލް ކައުންސިލަށް ދިނުމަށް މި ސަރުކާރުގައި އާދޭސް ކުރާތާ ދެ އަހަރު ވާން ކައިރިވެފައިވާ ކަމަށެވެ. އަދި މާލެ ސަރަހައްދުގައި ދިރިއުޅޭ ބިދޭސީންގެ ރަޖިސްޓްރީއެއް ހެދޭނީ ކަމާބެހޭ ވުޒާރާ އިން ތަފްސީލް ދީގެން ކަމަށާއި އެކަމަށް ވެސް އެދިގެން އުޅޭތާ ދެ އަހަރުވަނީ ކަމަށް ވިދާޅުވިއެވެ.

ޝުޖާއު އެ އިޝާރާތް ކުރެއްވި ވުޒާރާއަކީ އިކޮނޮމިކް މިނިސްޓްރީއެވެ.

ޝުޖާއު ވިދާޅުވީ ގާނޫނުގައި ކައުންސިލުން ކުރުމަށް ލާޒިމް ކުރާ ގިނަ ކަންކަން ނުކުރެވި އޮތީ މި ސަރުކާޜުން އެއްބާރުލުން ނުދޭތީ ކަމަށެވެ.

"ފިޔަވަތި ފޯރަމް ބޭއްވިޔަސް މިކަމެއް ނުވޭ. ލާމަރުކަޒީ ގާނޫނު ސަރުކާރުން އޮޅާލާ އަންބޮނޑި އަށް ޖަހާލައިގެން ތިތިބީ މޫސަ، ކޮން ވާހަކައެއް ދައްކާކަށް،" ޝުޖާއު ވިދާޅުވިއެވެ.

މިދިޔަ ބުދަ ދުވަހުގެރޭ އިސްކަންދަރު މަގާއި ކޯރުކެނޑި މަގާއި ގުޅޭ ކަންމަތީގައި ހުރި ގަރާޖެއްގައި އާއި ބިދޭސީން ދިރިއުޅޭ ތަނެއްގައި ވަނީ ރޯވެ، އަނދައިފައެވެ. މި ހާދިސާގައި އެ ގޭގައި ދިރިއުޅުނު ބިދޭސީ 10 މީހަކު ވަނީ މަރުވެފައެވެ.

އެ ގޭގައި ކައްކާ ކެވޭ ގޮތަށް ވަކިން ހުންނަ 28 ކޮޓަރި ހުންނަ ކަމަށްވެއެވެ. އެ ގެއަކީ ވަރަށް ބޮޑަށް ތޮއްޖެހިފައިވާ ގެއެއް ކަން ވަނީ އެނގިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އހ

    ރީކޯ މޫސަ އަކީ އޭރު ހުންނަ ކޮޅަކަށް ދޮގު ހަދައިގެން ވިޔަސް ރައްދު ދޭ މީހެއް.
    މިހާރު ނުހިގާނެ ތިއެއް މީ 90 ގެ އަހަރު ތަކެއް ނޫންނެވެ

  2. Anonymous

    ތިހެންވެސް ބުނިނަމަތާ....

    އެކަމަކު ފައިސާ ފައިސާ ފައިސާ ކިޔާ އުޅޭވަރު ނޫސްކިޔާބަޔަކަށް ވިއްޔާ އެނގޭނެ.

    ކޮންމެހެން ބަހަނާ ދައްކާނެކަމެއްނެތް. ކުރަން ބޭނުންވާކަންތައް ކުރަމެންނުން ގަދަބާރުންވެސް.

    3
    1
  3. ސސ

    މި ޤައުމަކީ ބޯޑާކޮންޓުރޯލް އޮންނަ ޤައުމެއްހެން ހިޔެއްނުވޭ މާލޭ މަގުތަކުންވެސް، އެއް ޤައުމެއްގެ ބަޔަކު އެބައުޅޭ އެއްވެސް ހަމައެއްނެތި މިތަނަށް އެތެރެވެގެން، މިތަނަށް އެތެރެވާ ކޮންމެ މީހަކު އިތުރު 10 މީހުން އެބައެތެރެކުރޭ ! ކިހިނެއްތޯ އަދަދު ހޯދާނީ !