މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ މަހު 1.25 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

މީރާއިން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 24.6 އިންސައްތަ އިތުރު އަދަދެއް ކަމަށާއި އަދި މިއަހަރުގެ އޮކްޓޫބަރު ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 28.5 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިއަހަރުގެ މި މުއްދަތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީ، އިންކަމް ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓް، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އަދި އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ.

މިގޮތުން، އެއަރޕޯޓް ޓެކުހާއި ފީގެ ރޭޓަށް އައިސްފައިވާ ބަދަލުގެ ސަބަބުން، އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ ވަނީ އިތުރުވެފައިކަން މީރާއިން ވަނީ ފާހަގަ ކޮށްފައެވެ. ނަމަވެސް، ސެޕްޓެމްބަރ 2021 އާއި އަޅައިބަލާއިރު، ސެޕްޓެމްބަރ 2022 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 2.5 އިންސައްތަ ދަށްވެފައިވާކަން މީރާއިން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، މީރާއިން މައުލޫމާތު ދޭ ގޮތުގައި، މިއަހަރުގެ އޮކްޓޫބަރުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ، އާމްދަނީ އިތުރުވެފައިވަނީ ޓީ.ޖީ.އެސް.ޓީ، ޓޫރިޒަމް ލޭންޑް ރެންޓް، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ، އެއަރޕޯޓް ސަރވިސް ޗާޖް އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބުންނެވެ. ހަމައެހެންމެ، 2022 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކާ ދިމާވުމުގެ ސަބަބުން އޮކްޓޫބަރު މަހުގައި މި ސުންގަޑި އައިސްފައިވުން ކަމުގައި މީރާއިން މައުލޫމާތުދެއެވެ.

މިއަހަރުގެ އޮކްޓޫބަރުގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 57.4 އިންސައްތަ ނުވަތަ 716.47 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ 10.3 އިންސައްތަ ނުވަތަ 127.97 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 100.51 މިލިއަން ރުފިޔާ (%8.1)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 67.98 މިލިއަން ރުފިޔާ (%5.4)، އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 64.67 މިލިއަން ރުފިޔާ (%5.2) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 170.71 މިލިއަން ރުފިޔާ (%13.7) ލިބިފައިވެއެވެ.

އޮކްޓޫބަރު 2022 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 46.57 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް ވެސް މީރާއިން ވަނީ ބުނެފައެވެ.