އެމްއީއެސް ހިންގި އިމާރާތުގައި ހިންގަމުން ދިޔަ މަންދު ކޮލެޖު އަތުން އެތަން އަތުލުމުން އެޑިއުކޭޝަން މިނިސްޓްރީއިން މަންދު ކޮލެޖު ހިންގާ މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ބަދަލުގެ ގޮތުގައި ދޭން ޖެހޭ ފައިސާ ދިނުމުގައި އިހުމާލުވެފައިވާ ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.

މަންދު ކޮލެޖު ހިންގުމަށް ވެފައިވާ އެއްބަސްވުން ބާތިލު ކުރި މައްސަލައިގައި މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 19 ވަނަ ދުވަހު ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ، އެއްމަސް ތެރޭ 15 މިލިއަން ރުފިޔާ މަންދު ކޮލެޖު ހިންގާ ކުންފުންޏަށް ދައްކާ ނިންމުމަށެވެ.

އެކަމަކު، އެޑިއުކޭޝަން މިނިސްޓްރީން އެކުންފުންޏަށް ފައިސާ ދައްކާފައިވަނީ ޖެހިގެންއައި މެއިމަހުގެ 20 ވަނަ ދުވަހުއެވެ.

މަންދު ކޮލެޖުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި މާލޭ ހައި ކުންފުނިން ބުނެފައިވަނީ އެޑިއުކޭޝަނުން ފައިސާ ދެއްކީ އެފައިސާ ދެއްކުމަށް އޮތް މުއްދަތު ހަމަވިތާ އެއް ދުވަސް ފަހުން ކަމަށެވެ. އެހެންވެ، އެ ފައިސާ ދިނުމުގައި ސަރުކާރުން އިހުމާލުވެފައިވާ ކަމަށް ބުނެ، އެ ކޮލެޖުން ވަނީ މައްސަލަ ހުށަހަޅާފައެވެ.

މި މައްސަލައިގެ ހުކުމުގައި ސިވިލްކޯޓުން ރިޔާއަތްކޮށްފައިވަނީ، މާނަ ކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނުގެ 35 ވަނަ މާއްދާގެ ހ. އަށެވެ. މި މާއްދާގައި ބުނެފައިވަނީ ވަގުތު ނުވަތަ މުއްދަތު ވަކި ޤާނޫނެއްގެ ބޭނުމަށްޓަކައި، ބަލަންޖެހިއްޖެ ހިނދެއްގައި އެހެންގޮތަކަށް ކަނޑައަޅާފައި ނުވާނަމަ، ދެކަމެއްގެ ދޭތެރޭގައި ހިނގާ މުއްދަތަށް އިޝާރާތްކޮށްފައިވާނަމަ، އެ މުއްދަތު ގުނަންވާނީ އެ ދެކަމެއް ހިނގާ ދެ ދުވަސް ނުހިމަނައި ކަމަށެވެ.

މި މާއްދާގައި ބުނާގޮތުން މި މައްސަލައިގައި ފައިސާ ދެއްކުމަށް ހުކުމް ކުރި ދުވަސް ނުހިމަނައި ގުނާނަމަ 30 ދުވަސް ހަމަވާނީ މެއިމަހުގެ 19 ވަނަ ދުވަހަށެވެ. އެހެންކަމުން މި މާއްދާގައި ބުނާގޮތުން އެޑިއުކޭޝަން މިނިސްޓްރީއަށް މެއިމަހުގެ 20 ވަނަ ދުވަހު ފައިސާ ދެއްކުމުގެ ފުރުސަތު ލިބިދެއެވެ.

މަންދު ކޮލެޖުގެ އެއްބަސްވުން ބާތިލް ކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ފެބުރުއަރީ 28 ވަނަ ދުވަހު ހުކުމް ކުރުމާ އެކު އޭގެ ބަދަލެއްގެ ގޮތުގައި 18 މިލިއަން ރުފިޔާ ހޯދުމަށް މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް ވަނީ މައްސަލަ ހުށަހަޅާފައެވެ.

ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ސަރުކާރުން އެއްބަސްވީ، 15 މިލިއަން ރުފިޔާގެ ބަދަލެއް އެ ކުންފުންޏަށް ދިނުމަށެވެ. އެހެންވެ، ސިވިލް ކޯޓުން ހުކުމް ކުރީ އެއްމަސް ތެރޭ 15 މިލިއަން ރުފިޔާގެ ބަދަލު މަންދު ކޮލެޖް ހިންގާ ކުންފުންޏަށް ދައްކާ ނިންމުމަށެވެ.