ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ސްމާޓް ސިޓީ ބްރޭންޑް ކަމަށްވާ "ސްމާޓްކޮމް" އިން ޑިޖިޓަލް ޕްލެޓްފޯމްތަކަށް ހާއްސަކޮށްގެން ބާއްވާ ސްމާޓްކޮމް ފެއާ 27 ބައިވެރިންނާއިއެކު މިއަދު ހަވީރު ފަށައިފިއެވެ.

ސެންޓްރަލް ޕާކްގައި އޮތް ރަސްމިއްޔާތެއްގައި ސްމާޓް ކޮމް ފެއާ ފައްޓަވާ ދެއްވީ ދިރާގުގެ ސީއީއޯ އިސްމާއީލް ރަޝީދު އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ އެމްޑީ އަހުމަދު އާތިފް ވިދާޅުވީ އެޗްޑީސީއަކީ ހައުސިން މަސައްކަތަށް ހާއްސަކޮށް އުފެއްދި ކުންފުންޏެއް ކަމުގައި ވީނަމަވެސް މި ސަރުކާރުން އެޗްޑީސީގެ މަސައްކަތް ޑައިވާސިފައިކޮށް އިންފްރާސްޓަރްޗާއި ގުޅުން ހުރި އެކިއެކި މަސައްކަތްތައް އެ ކޯޕަރޭޝަންގެ މެންޓޭޑް ތެރޭގައި ހިމަނައިގެން ކުރަމުންދާ ކަމަށެވެ.

އެޗްޑީސީގެ ސްމާޓް ކޮމް ފެއާގެ ތެރެއިން
—- ފޮޓޯ: ވަގުތު

ޑިޖިޓަލް ރާއްޖެއަކަށް ދިއުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވަމުން އާތިފް ވިދާޅުވީ އެޗްޑީސީގެ ފަރާތުން މާލޭ ސަރަހައްދުގެ އާބާދީއަށް ސީދާގޮތުގައި އާއި ނުސީދާގޮތުގައި މަންފާ ލިބޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

"އެންމެ ފްރަތަމަ އެޗްޑީސީއިން ސްމާޓް ސިޓީއެއް ޑިވެލޮޕްކުރުމަށްޓަކައި އިންފްރާސްޓަކްޗާގެ މަސައްކަތައް ނުކުތްއިރު ގޮންޖެހުންތަކަކާއި ދިމާވި. ހާއްސަކޮށް ހައުސިން މަސައްކަތް ނޫން ކަމަށް ނިކުންނަ އިރު އެ އިތުބާރު އަޅުގަނޑަމެންނަށް ލިބިފައި ނެތް. ނަމަވެސް މި ވަގުތު ރާއްޖޭގެ ކުންފުނިތަކާއި އެއްވަރަށް އެޗްޑީސީއަށް ވަނީ އިތުބާރު ގާއިމް ކުރެވިފައި." އާތިފް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިރާގުގެ ސީއީއޯ އިސްމާއީލް ރަޝީދު ވިދާޅުވީ ސްމާޓް ސިޓީއެއްގެ ބޭނުމަކީ ރައްޔިތުންނަށް ލިބިދޭ އެކި ހިދުމަތްތައް ލިބުމުގައި ފަސޭހަތައް ފޯރުކޮށް ދިނުން ކަމަށެވެ.

އެޗްޑީސީގެ ސްމާޓް ކޮމް ފެއާގެ ތެރެއިން
—- ފޮޓޯ: ވަގުތު

ދިރާގަކީ ޑިޖިޓަލައިޒޭޝަން އެނޭބަލް ކުރުމުގައި ފުޅާ ދާއިރާއެއްގައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެއް ކަނަށް ރަޝީދު ވިދާޅުވިއެވެ. ރާއްޖޭގެ 86 އިންސައްތަ ގޭބިސީތަކަށް ފައިބާ ބްރޮޑްބޭންޑްގެ ހިދުމަށް ދިރާގުން ފޯރުކޮށްދީފައިވާކަމަށް ވެސް ފާހަގަކުރެއްވެވި އެވެ.

ސްމާޓްކޮމް ފެއާ މިއަދު ހަވީރު 16:00 އިން 18:00 އަށް ކުރިއަށް ގެންގޮސްފައިވާއިރު، ރޭގަނޑު 20:00 އިން 22:00 އަށް ވެސް މި ފެއާ ކުރިއަށް ދާނެއެވެ.

މި ފެއާ ކުރިއަށް ދާނީ ހުޅުމާލެ ސެންޓްރަލް ޕާކްގައެވެ.

އެ ފެއާގައި ތަފާތު ހިދުމަތްތައް ދިނުމަށް ބޭނުންކުރާ އެޕްލިކޭޝަންތަކާއި އެނޫންވެސް ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުންކުރާގޮތާއި ބެހޭ މައުލޫމާތު ގާތުން ރައްޔިތުންނަށް ފޯރުކޮށްދެވިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީގެ ސްމާޓް ކޮމް ފެއާގެ ތެރެއިން
—- ފޮޓޯ: ވަގުތު

އެޗްޑީސީގެ ސްމާޓްކޮމް ބްރޭންޑުގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް، މީރާ، ދިރާގު، އުރީދޫ، ޕެންޝަން އޮފީސް، އާސަންދަ ކުންފުނި، އަމާނާ ތަކަފުލް، މީޑިއާނެޓް، މޯލްޑިވްސް ޕޯސްޓް ލިމިޓެޑް،އާރުއޯއެލް، ފަދަ ފަރާތްތައް އެ ފެއާގައި ބައިވެރިވެފައި ވެއެވެ.

އަދި އާއްމުކޮށް މީހުން ބޭނުންކުރާ އެޕްތައް ކަމަށްވާ ފަހިޕޭ، ފަސޭހަ ރީޗާރޖް، އަދި ޖޮބްސިކަލް ފަދަ ގިނަ ދިވެހިންގެ މެދުގައި މަޝްހޫރުކަން ހޯދައިފައިވާ ދިވެހި މޯބައިލް އެޕްލިކޭޝަންތައް ވެސް ބައިވެރިވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު