ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިން ދައުވާ ސާބިތުވެ އެމަނިކުފާނު 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް އިސްތިއުނާފު ކުރަން ނިންމާފައިވާކަމަށް، އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް އިއްވެވި ހުކުމްގައި ވ. އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވި މައްސަލާގައި ޔާމީންގެ މައްޗަށް އިއްވީ ފަސް މިލިއަން ޑޮލަރުން (77 މިލިއަން ރުފިޔާ އިން) ޖޫރިމަނާކޮށް ހަތް އަހަރު ދުވަހަށް ޖަލަށް ލުމަށެވެ. އަދި ރިޝްވަތު ގަބޫލުކުރުމުގެ މައްސަލައިގައި އިއްވީ ހަތަރު އަހަރު ދުވަހަށް ޖަލަށް ލުމަށެވެ.

ކްރިމިނަލް ކޯޓުގެ ބޭރުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ކްރިމިނަލް ކޯޓުން ޔާމީންއާ ދެކޮޅަށް ހުކުމް ކުރި ނަމަވެސް އިސްތިއުނާފީ މަރުހަލާތަކުގައި އެ ކުށް ބާތިލް ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެހެންވެ، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރައްވާނެ ކަމުގެ ޔަގީން ކަން ޖަމީލް ދެއްވިއެވެ.

ޖަމީލް ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ މައްޗަށް އިއްވާފައި ވަނީ ސިޔާސީ ދައުވާތަކެކެވެ. އެމަނިކުފާނުގެ މައްޗަށް ކުރި ދައުވާތަކަކީ ގާނޫނީ ގޮތުން ބުރަދަނެއް ނެތް ދައުވާތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަމުގައި ފަނޑިޔާރު ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިސްތިއުނާފް މަރުހަލާގެ ޝަރީއަތްތައް ކުރިއަށްދާ އިރު، ފަނޑިޔާރު ހެއްދެވި ގޯސްތައް ހާމަ ކުރައްވާނެ ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.

އެއް ކަމެއްގެ ގޮތުގައި ޖަމީލް ފާހަގަ ކުރެއްވީ ފަނޑިޔާރު ހުކުމް އިއްވެވި އިރު، ޔާމީން މަގާމުގެ ނުފޫޒު ފޯރުވުމަށް އިރުޝާދު ދެއްވި ގޮތެއް ހާމަކުރައްވާފައި ނުވާ ކަމަށެވެ. އަދި ދިފާއުން ހުށަހެޅި ހެކިތަކަށް ބާރު ނުދޭންވީ ސަބަބުތަކެއް ވެސް ހުކުމްގައި ކިޔައި ނުދެއްވުނު ކަމަށް ޖަމީލް ވިދާޅުވިއެވެ.

މީގެއިތުރުން ހިނގައިގެން މިއުޅޭ ކުށާ ޔާމީންއާ ދިމާވާނެ ގޮތެއް ނުފެނުނު ކަމަށް އޭނާ ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިސްޢާފް ސަލީމް

    ދައުލަތުން ހެކިދެއްކީ ދެ ފާސިގުންލައްވާ! އެއްވެސް ޝަރީޢަތެއްގައި މި ހެކި ޤަބޫލެއް ނުކުރެވޭނެ! ބާރުދޭ ހެއްކެތް ނެތް! އެކަމަށް ގެނައިމީހާ ބުނީ ތިމަން ދެނެހުރިކަމެއް ނޫނޭ ތިމަން ހުރީ ޗުއްޓީގައޭ! ދަޢުވާ ރައްދުވާ ޚަޞްމުގެ ދިފާޢީ އެއްވެސް ވާހަކައެއް ޙުކުމުގައި ރިޢާޔަތްނުކުރޭ! ސަރީޢަތްފށީ ބުނި ގަޑީގެ 3 ގަޑިފަހުން. ޙުކުމް ލިޔަން 1 ގަޑިޔޭބުނެ 6 ގަޑިނެގި! ރިޕޯޓްދެވުނީ އެއްދުވަސްފަހުން އެތައްމަސައްކަތަކުން. އިންޝާއަﷲ ރައީސް ޔާމީނަށް މަތީ ދެކޯޓުންވެސް ކާމިޔާބު ލިބޭނެ! އެކަމަކު ދެކޯޓުގެ ފަނޑިޔާރުން ވެރިންދެކެ ބިރުނުގެން މާތްﷲ އަށް ބިރުވެތިވެ ޙުކުމް ކޮށްފިއްޔާ!