ވ. އާރަށް މައްސަލައިގައި 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް ވަރަށް އަވަހަށް އެނބުރި ވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޔާމީންގެ ފަރާތުން މި މެސެޖް ދެއްވީ އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.

ކްރިމިނަލް ކޯޓު ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ ރައީސް ޔާމީނަށް ތާއީދު ކުރައްވާ ރާއްޖޭގެ ހުރިހާ ރައްޔިތުން ސާބިތުކަމާއެކީގައި ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލުގެ ދިފާއުގައި އިހަށް ވުރެ ވަރުގަދަ އަށް ޖޯޝާއެކީގައި ނުކުތުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ.

"ފަހު ކަމަކަށް އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ ރައީސް ޔާމީންގެ މެސެޖެއް. އެމަނިކުފާނު ވިދާޅުވަނީ އެމަނިކުފާނަށް ތާއީދު ކުރައްވާ ރާއްޖޭގެ ހުރިހާ ރައްޔިތުން ސާބިތުކަމާ އެކީގައި ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލްގައި އިހަށް ވުރެ ވަރުގަދަ އަށް ޖޯޝާ އެކީގައި ނުކުމެ ވަޑައިގެން އެ މަސައްކަތް ކުރައްވާށޭ. ތިމަން މަނިކުފާނު ވަރަށް އަވަހަށް އެނބުރި ވަޑައިގަންނަވަމޭ،" ޖަމީލް ވިދާޅުވިއެވެ.

އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވި މައްސަލާގައި އިދިކޮޅު ލީޑަރު ޔާމީންގެ މައްޗަށް ހުކުމް އިއްވީ މިއަދު އިރުއޮއްސެން އުޅެނިކޮށެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް އިއްވެވި ހުކުމްގައި ވ. އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވި މައްސަލާގައި ޔާމީންގެ މައްޗަށް އިއްވީ ފަސް މިލިއަން ޑޮލަރުން (77 މިލިއަން ރުފިޔާ އިން) ޖޫރިމަނާކޮށް ހަތް އަހަރު ދުވަހަށް ޖަލަށް ލުމަށެވެ. އަދި ރިޝްވަތު ގަބޫލުކުރުމުގެ މައްސަލައިގައި އިއްވީ ހަތަރު އަހަރު ދުވަހަށް ޖަލަށް ލުމަށެވެ.

އެ މައްސަލާގައި ދައުލަތުން އެދުނީ 19 އަހަރުގެ ޖަލު ހުކުމަކަށެވެ. އެއީ ރިޝްވަތުގެ ކުށުގައި 8 އަހަރުގެ ޖަލު ހުކުމެއް އަދި މަނީ ލޯންޑްރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމާ އެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް އިއްވުމަށެވެ.

ޔާމީނަށް ރިޝްވަތު ދިންކަން ސާބިތުވި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް އިއްވީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

މީގެ ކުރިން ގއ. ވޮޑަމުލާ ކުއްޔަށް ދިން މައްސަލާގައި މަނީ ލޯންޑަރިން ކުށުގައި ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރު އިއްވިއެވެ. އެކަމަކު، މިދިޔަ އަހަރު ސުޕްރީމް ކޯޓުން ވަނީ ޔާމީންގެ ހުކުމް ބާތިލްކޮށް އެމަނިކުފާނު މިނިވަންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނަރީޝް(ޑެޕިއުޓީ މޭޔަރު ފުރޮމް މާލޭސިޓީ)

    ނޫން ނޫން/ މަކުނުފާނު އެނބުރި އަވަހައް ވަޑައިނުގަންނަވާތި! އަޅުގަނޑަށް ފުރުސަތު ދެއްވާ! އަޅުގަނޑަކީ ހަމައެކަނި ޗޮއިސް!

    8
    33
    • އެމެރިކާ

      މީދެން ކާކު ތަ ނަރީޝް އަށް ހެދިގެން؟ އެންމެނަށް ވެސް އިނގެޔޭ މިއީ ނަރީޝް އެއް ނޫންކަން. ބޭކާރު ގޮތުގަ ވަގުތު ހޭދަ ނުކޮށް ބަލަ. ގެޓް އަ ލައިފް!

  2. އަލްޖިބްރާ

    ދެން ކަލޭ އެބުރި އަންނާނެ ކަމެއް ނެތް !

    10
    34
  3. ޣާޞ

    ޖަމީލު މިފަހަރު ކުރިމަތިލައްވާނެ ވީމާ މަނިކުފާނު މަޑުން ޖަލުގަ އިދޭ

    8
    24
  4. Anonymous

    އިރާދަކުރެއްވިޔާ ﷲގެ ހެޔޮ ރަޙްމަތްފުޅާއިއެކު

    23
    4
  5. ޝާނީ

    ﷲގެ އިރާދަފުޅާއިއެކު😢

    13
    1