2023 ވަނަ އަހަރު ބާ ކައުންސިލުން ފޯރުކޮށްދޭ ހިދުމަތްތަކަށް އެކައުންސިލުން ނަގަން ހަމަޖެހިފައިވާ އަގުތައް އިއުލާނު ކޮށްފިއެވެ.

ބާ ކައުންސިލުން މިއަދު ކުރި އިއުލާނުގައި ބުނާގޮތުން ގާނޫނީ ފަންނުގެ ގާނޫނަށް ގެނައި ދެވަނަ އިސްލާހުގައި ބާ ކައުންސިލަށް ފައިސާ ހޯދޭނެ އިތުރު ގޮތްތަކެއް ބަޔާން ކޮށްފައިވެއެވެ. އެގޮތުން އެކައުންސިލް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި އަންނަ ޖެނުއަރީމަހު އެކަކުން ފެށިގެން އެކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ އަގު މިވަނީ ކަނޑައަޅާފައެވެ.

ގާނޫނީ ފަންނުގެ ގާނޫނު އިސްލާހުކޮށްފައިވާއިރު، ބާ ކައުންސިލުން މިއަދު ވަނީ އެ ކައުންސިލުން ހިދުމަތްތަކަށް ނަގަން ހަމަޖެހިފައިވާ ފީތަކަށް ބަލާލާއިރު:

- ލޯ ފާމް ރަޖިސްޓާ ކުރުމަށް އަދި އަހަރީ ފީއަށް 2000ރ.
- ގާނޫނީ ވަކީލު ކަމުގެ ހުއްދައަށް އެދޭއިރު 2000ރ.
- ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދައަށް އެދޭއިރު 2000ރ.
- ހައި ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދައަށް އެދޭއިރު 1500ރ.
- ޕަބްލިކް ނޯޓަރީގެ ހުއްދަ ދޫކުރުން އަދި އާ ކުރުން 2000ރ.
- ގާނޫނީ ވަކީލުކަމުގެ ހުއްދަ ގެއްލިގެން އަލުން ހެދުން 1000ރ.
- ސެޓްފިކެޓް އޮފް ގުޑްސްޓޭންޑިން 1000ރ.
- ލީގަލް ޕްރެކްޓިސް ރަޖިސްޓާ ކުރުމަށް އަދި އަހަރީ ފީ 1000ރ.
- އެކްސްކޯގެ އިންތިހާބުގެ އިދާރީ ފީ 5000ރ.
- ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާކަން އަންގައިދޭ ކާޑު ހެދުމަށް އަދި އާކުރުމަށް 500ރ.
- ގާނޫނީ ވަކީލުކަމުގެ ހުއްދަ ޓްރާންސްލޭޝަން 1000ރ.

ރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް ގެނައި ދެވަނަ އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވާފައިވަނީ މިއަހަރު އޮކްޓޯބަރު މަހުގައެވެ.

މި އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 24 ވަނަ ޖަލްސާއިން ފާސްކުރި މި ބިލުގެ މައިގަނޑު އިސްލާހު ތަކުގެ ތެރޭގައި ހިމެނެނީ، ގާނޫނީ ވަކީލުންގެ ސުލޫކީ މައްސަަލަތައް ބެލުމުގައި ބާކައުންސިލުން އަމަލުކުރާނެ ގޮތްތައް ކަނޑައެޅުމާއި، ބާކައުންސިލްގެ ބަޖެޓާއި، މާލީ ކަންކަން ބަލަހައްޓާނެ ގޮތް ކަނޑައަޅައި ބަޔާން ކުރުމާއި، ގާނޫނީ ވަކީލު ކަމުގެ ހުއްދައަށް އެދި ހުށައަޅާ ފަރާތްތަކުން ފުރިހަަމަކުރަންޖެހޭ ތަމްރީން ޕްރޮގްރާމާއި ގުޅޭ އިސްލާހު ތަކެވެ.

މިއިސްލާހުތަކުގައި ބުނާގޮތުން ބާ ކައުންސިލަށް ފައިސާ ހޯދޭނެ އިތުރު ހަތަރު ގޮތެއް އެބައޮތެވެ. އެގޮތުން ކައުންސިލަށް ވަކީލުން ދޭ ޗަންދާ އާއި ބާ ކައުންސިލުން ފޯރުކޮށްދޭ ހިދުމަތްތަކަށް ފީ ނަގައިގެންނާއި ބާ ކައުންސިލުން ހިންގާ ތަމްރީނު ޕްރޮގްރާމްތަކުންނާއި އެ ކައުންސިލުން އެހެނިހެން ހަރަކާތްތައް ހިންގައިގެން އާމްދަނީ ހޯދޭނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.

ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ކުރިން ވެސް ބާ ކައުންސިލުން ވަނީ އެ ކައުންސިލަށް ލިބޭ ބަޖެޓު ކުޑަކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ބާ ކައުންސިލް އާއި މާލެ ސިޓީ ކައުންސިލަކީ ވިޔަފާރި ކުރުމަށްޓަކައި ހަދާފަ އޮތް ޕްރައިވެޓް ދެކުންފުނިތަ؟ ރުފިޔާ ނަގައިގެން ނޫނީ އެއްވެސް ހިދުމަތެއް ދެވޭ ކަމަކަށްނުވޭ.

    6
    1
  2. ޢަބްދުލްޤާދިރު މުބާރިކް ޖީލާނީ

    ތިޔައީ ހަމަ ދިވެހިރައްޔިތުން ފެލާލުން ނޫންތޯ؟ ދައުލަތަށް ނުކުތާ ވަރަށް އަދި ދައުލަތުގެ މާލިއްޔަތާއި ނުބައްދަލު މިންވަރަށް، އެކި ނަން ނަމުގައި ކައުންސިލްތައް ހެދުމުގެ ނަތީޖާ މިފެންނަނީ ދެއްތޯ؟ މީގެކުރިން ވެސް ޤާނޫނީ ވަކީލުކަމުގެ ހުވައިކޮށްގެން ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދީގެން ދިވެހިރާއްޖޭގެ ޝަރްޢީ ކޯޓްތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތު ކުރަމުން ދިޔައީ . އެހެނަސް ޤައުމު ބަނގުރޫޓްވެފައިވާ ކަމަށް ފަންނީ މާހިރުން ވިދާޅުވަމުންދާ މިފަދަ ނާޒުކު ދަނޑިވަޅެއްގައި ލިބޭ މަދު ފައިސާކޮޅުން ދެކޮޅު ނުޖެހިގެން ބަނޑުފުރާނަ މުއްތި ނުކުރެވިގެން ނިކަމެތި ރައްޔިތުން އުޅޭއިރު، މިއީ ދެން ރައްޔިތުމީހާ ފެލާލުމޭ ހިތާމަޔާއެކު މިދަންނަވަނީ!

  3. އަހުމަދު

    އަދި އިތުރުކުރަންޖެހޭ ރަށު ކައުންސިލުތައް

    1
    2