މި އަންނަ މަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލި މުއްދަތުގައި، 905 މީހަކާ ގުޅޭ ޝަކުވާ ހުށަހަޅާފައިވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު، އަދި ޕްރައިމަރީ އަށް ނެގި ފަސް މެމްބަރުންގެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ޕްރައިމަރީއަށް ހޮވި ފަސް މެންބަރުންގެ ކޮމިޓީން އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބްރޭ ވިދާޅުވީ ޕްރައިމަރީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލުމުން 905 މީހަކާއި ގުޅޭ ޝަކުވާ ހުށަހަޅާފައިވާ ކަމަށާއި އޭގެތެރޭގައި ނިޔާވެފަ ހުރި ބައެއް ފަރާތްތަކާއި ދާއިރާ ބަދަލުވެފައި ހުރި ފަރާތްތަކާ ގުޅޭ ޝަކުވާ ހިމެނޭ ކަމަށެވެ.

އިބުރޭ ވިދާޅުވީ، މި ޝަކުވާތައް ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށާއި އިންތިޚާބުގެ ސައްޙަކަން ކަށަވަރު ކުރަން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޝަކުވާތައް ބެލުމަށް އެކުލަވާލި ކޮމިޓީން މަސައްކަތް ކުރާނެ ކަމަށެވެ. އަދި އިންތިޚާބުގެ ދާއިމީ ލިސްޓް ނެރޭއިރު، މިފަރާތްތަކުގެ ޝަކުވާތަކާއި، ބަލަން ޖެހޭ އެހެނިހެން ކަންކަން ބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޝަކުވާތައް ބެލުމަށް އެކުލަވާލި ކޮމިޓީގެ ނަޒާހަތްތެރިކަމާއި ގުޅޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިބްރޭ ވިދާޅުވީ އެކޮމިޓީއިން ނިންމާ ކޮންމެ ކަމެއް ވަރަށް ހާމަކޮށް ނިންމަމުންދާ ކަމަށާއި ދެކެންޑިޑޭޓުން އެއްވެސް ތަފާތު ކުރުމެއް ނެތި ކޮމިޓީގެ ކަންތައް ކުރިޔަށް ގެންދާ ކަމަށެވެ.

އެމްޑީޕީއަކީ ސިޔާސީ ޕާޓީއަކަށް ވާތީ ކޮންމެ ބޭފުޅަކު ވެސް ކޮންމެވެސް އެއް ކެންޑިޑޭޓަކަށް ތާއީދު ކުރާނެ ކަމަށާއި ނަމަވެސް އެއީ ކޮމިޓީން ކުރަން ޖެހޭ މަސައްކަތް ވަކި ފަރާތަކަށް ޖެހުނީ ނޫން ކަމަށް އިބްރޭ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކޮމިޓީ ނެގުމުގައި އެއްވެސް ތަފާތެއް ނުކުރަން. މީގެ ކުރިންވެސް ކޮމިޓީ ނަގަމުންދާ ގޮތަށް ނަގަމުން މިގެންދަނީ. ނަމަވެސް ސިޔާސީ ޕާޓީއެއްވީމަ، ކޮންމެ ބޭފުޅަކު ވެސް ކޮންމެވެސް އެއް ބޭފުޅަކަށް ތާއީދު ކުރާނެ. އަޅުގަނޑުވެސް ކުރާނެ ދެން ތިބި މީހުން ވެސް ކުރާނެ، އެކަމަކު އަޅުގަނޑުމެން ކޮންމެ ވެސް މީހަކަށް ތާއީދު ކުރުމަކީ، މި ކޮމިޓީން ކުރަން ޖެހޭ މަސައްކަތް ވަކި ފަރާތަކަށް ޖެހުނީ ނޫން ކަންނޭނގެ" އިބްރޭ ވިދާޅުވިއެވެ.

އެމްޑީޕީން އާންމު ކުރި ވޯޓާސް ލިސްޓުގައިވާ ގޮތުން 57،714 މީހުންނަށް ވޯޓުލެވޭނެއެވެ. ޕްރައިމަރީގައި ވޯޓުލެވޭނީ މި މަހުގެ 18އާ ހަމައަށް ޕާޓީގެ މެމްބަރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ.

މި މަހުގެ 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޕްރައިމަރީގައި އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ނަޝީދު ވާދަކުރައްވާ އިރު، އެ ދެ ބޭފުޅުންގެ ކެންޑިޑޭސީ ވެސް ވަނީ ބަލައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު