ރާއްޖޭގެ ސްކޫލްތަކުން ދަރިވަރުން ގޮވައިގެން ފީލްޑް ޓްރިޕް ނުވަތަ މައިދާނީ ދަތުރުތަކަށް ދިއުމުގެ ކުރިން އެޑިޔުކޭޝަން މިނިސްޓްރީގެ ހުއްދަ ހޯދުމަށް އެދި ހަތް ދުވަސް ކުރިން ފޯމު ހުށަހަޅަން އަންގައިފިއެވެ.

މިކަމާއި ބެހޭގޮތުން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ސްކޫލްތަކުން ދަރިވަރުން ގޮވައިގެން ފީލްޑް ޓްރިޕް ނުވަތަ މައިދާނީ ދަތުރުތަކަށް ދިއުމުގެ ކުރިން އަބަދުވެސް އެޑިއުކޭޝަން މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭ ކަމަށާއި މިހާރު މިހުއްދަ ހޯދުމަށް އެދި ހުށަހަޅާ ފޯމު ބަދަލުވެފައިވާ ކަމަށެވެ. އަދި މިފަދަ މައިދާނީ ދަތުރުތަކަށް ދިއުމުގެ ހަތް ދުވަސް ކުރިން މިނިސްޓްރީގެ ހުއްދަ ހޯދުމަށް ހުށަހަޅައި، ހުއްދަ ލިބިފައިވާ ކަން ޔަގީންކުރުމަށްވެސް އެމިނިސްޓްރީން ވަނީ އަންގާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދިންގޮތުގައި މީގެ ކުރިންވެސް މައިދާނީ ދަތުރުތަކަށް ބޭނުންވާ ހުއްދައަށް އެދި ފޯމު ހުށަހަޅަން ޖެހޭނެއެވެ. އެހެންނަމަވެސް ތައުލީމުގެ ޤާނޫނަށް އަމަލުކުރަން ފެށުމާއެކު ހުއްދައަށް އެދި ހުށަހަޅާ ފޯމަށް އިތުރު ބައިތަށް ހިމަނަން ޖެހުމުން އެފޯމު ބަދަލުވެފައިވާ ކަމަށާއި މައިދާނީ ދަތުރުތަކަށް ހުއްދައަށް އެދި ހުށަހަޅަންޖެހޭ ފޯމު ބަދަލުތަކާއެކީ މިހާރު ހުރިހާ ސްކޫލަކަށް ފޮނުވާފައިވާނެ ކަމަށް މިނިސްޓްރީއިން ވަނީ މައުލޫމާތުދީފައެވެ.

މިފަދަ މައިދާނީ ދަތުރުތަކަކީ ބެލެނެވެރިންނަށާއި، ސުކޫލުތަކުގެ އިތުރުން މިނިސްޓްރީއަށް ވެސް އިތުބާރު ހިފޭ އަދި ރައްކާތެރިކަން ކަށަވަރުކުރެވިގެން ރޭވޭ ދަތުރުތަކެއްކަން ޔަގީންކުރަންޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އެހެންކަމުން މައިދާނީ ދަތުރުތަކަށް ދިއުމުގެ ހަތް ދުވަސް ކުރިން މިނިސްޓްރީގެ ހުއްދަ ހޯދުމަށް ހުށަހަޅައި، ހުއްދަ ލިބިފައިވާ ކަން ޔަގީންކުރުމަށްވެސް އެމިނިސްޓްރީން ވަނީ އަންގާފައެވެ.

މީގެކުރިން ސްކޫލްތަކުން ބޭއްވި މައިދާނީ ދަތުރުތަކުގައި ބައެއްް ދަރިވަރުން މަރުވެ، ހިތާމަވެރި ބައެއް ހާދިސާތައް ހިނގާފައިވާތީ މިނިސްޓްރީގެ ހުއްދައާއެކު ދަތުރުތައް ހަމަޖެއްސުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަލްޖިބްރާ

    މިނިސްޓްރީގެ ހުއްދަ އޮތީވިއްޔާ އެއްވެސް ކަމެއް ދިމަލެއް ނުވާނެތަ ؟

    • ޑިވިށަން

      ހަމަ ވަކި ސްކޫލް ތަކަކަށް ޖެއްސުން ކުރަން

  2. Anonymous

    ނިމިގެން ދިޔަ އަހަރު މައިދާނީ ދަތުރުތަކުގައި ގެންދެވުނު ކުދިން އެނބުރި އައިސް ބަލިވެއުޅެން ޖެހިފައިވޭ. ބައެއް ކުދިން މައިދާނީ ދަތުރުގައި އުޅެނިކޮށް ވަރުބަލިވެ ހޭނެތިފައިވޭ. ބައެއް ކުދިންގެ ގައި މަދިރި ހަފައި ހުން އައިސްފައިވޭ. ބައެއް ކުދިންނަށް ބޭރަށް ހިންގުން ޖެހިފައިވޭ. މިކަންކަން ހިނގިކަން އެޑިޔުކޭޝަން މިނިސްޓްރީއަށް އެނގޭތަ؟ ފޯމެއް ފުރާލުމަކުން ނުފުދޭނެ. ކުޑަކުދިން ގޮވައިގެން މައިދާނީ ދަތުރުތަކުގައި ދާ ބައެއް ޓީޗަރުންނަކީ ކުފޫ ހަމަނުވާ ހޭނުޖެހޭ ތަންދޮރު ނުދަންނަ ބަޔެއް.

    2
    1
  3. އަހުމަދުކަލޯ

    މިނިސްޓްރީން ވެސް ތި ހުއްދަ ފޯމުގައި ސޮއި ކޮއްލާފައި ނިންމާނުލާ މިމީހުން ދާ ތަންތަނަށް ކުރިން އަންގާލާ ހަދާލަބަލަ މިސާލަކަށް ވަރަށް ގިނަ އިސްކޫލުން ދާނެ ވިލިމާލެއަށް ދާއިރު ފެރީ ޓަރމިނަލް އަށް އަންގާނުލާ ދެން އެތަން އޮންނަނީ ފުނިޖެހި ބޮޑު ކޭއޮސް ވެފައި އެހެން މީހުން އޮފީސްތަކަށް ގަޑިޖެހޭ ހަމަ މިހެން ހުޅުމާލެއަށް ބަސްތަކަށް އަނގާ ނުލާ...

  4. Anonymous

    މިފަދަ މައިދާނީ ދިރާސާ ދަތުރުގައި ދިއުމުގެ ކުރުން ބަސްތަކާއި ފެރީތަށް ކުރިޔާލާ ބުކިން ކޮށްގެން ދިއުމާއި، ޕޮލިހަށްވެސް އަންގާލައިގެން ދިއުން ރަގަޅު ކުދިންގެ ސަލާމަތާއި ރަތްކާތެރިކަމަށް ޓަކައި !