ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ރާއްޖެއިން ބޭރުގައި ހުޅުވަން ނިންމައިފިއެވެ.

ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން ކްރޮސްރޯޑުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވަނީ އެ ބްރާންޗް ރާއްޖެއިން ބޭރުގައި ހުޅުވަން މަސައްކަތް ކުރާކަން ހާމަކޮށްފައެވެ.

ރޭގެ ރަސްމިއްޔާތުގައި ކާލް ވިދާޅުވީ ބޭންކުގެ ކުރިމަގަށް މިހާރު އާ އަމާޒުތަކެއް ހިފާފައިވާ ކަމަށެވެ.

އެގޮތުން ކުރިއަށް އޮތް 18 މަސް ތެރޭގައި ރާއްޖެއިން ބޭރުގައި ބޭންކެއް ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އެ ބްރާންޗު ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާ ގައުމެއް ކާލް ވިދާޅެއް ނުވެއެވެ.

އޭގެ އިތުރުން ބޭންކަށް 50 އަހަރު ފުރޭ އިރު ރާއްޖެއިން ބޭރުގައި ޖުމްލަ ދެ ބްރާންޗް ގާއިމުކުރަން މަސައްކަތް ކުރަމުންދާކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ރޭގެ ރަސްމިއްޔާތުގައި ކާލް ވަނީ ބީއެމްއެލްއިން ފާއިތުވި 40 އަހަރުގެ ތެރޭގައި ހިދުމަތް ހޯދި ކަސްޓަމަރުންނަށް ޝުކުރު އަދާކުރައްވައިފައެވެ.

އަދި ކުރިއަށް އޮތް ތަނުގައި ޑިޖިޓަލައިޒޭޝަންގެ ތެރެއިން ކަސްޓަމަރުންނަށް ފަސޭހައިން ހިދުމަތްތައް ލިބޭނެ ހިދުމަތްތައް ގާއިމުކުރުމާ ގުޅޭ ގޮތުން އޭނާ އަލިއަޅުއްވާލެއްވިއެވެ.

ބީއެމްއެލް ހުޅުވީ 1982ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އަދި ފާއިތުވި 40 އަހަރުގެ ތެރޭގައި ބޭންކުގެ ގިނަ ބްރާންޗުތަކެއް ރާއްޖޭގައި ވަނީ ހުޅުވައިފައެވެ.

ރޭގެ ހަފްލާގައި ވަނީ، ބޭންކް އޮފް މޯލްޑިވްސް ދެ ފައުންޑަރުންނަށާއި، އެބޭންކަށް ދިގުމުއްދަތަކަށް ޚިދުމަތްކޮށްދެއްވި ތިން ބޭފުޅަކަށް އެކަމުގެ އަގުވަޒަންކޮށް ހަނދާނީ ފިލާ އަރުވާފައެވެ. އެފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރައް

    އިންޑިއާ!