ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް ހައި ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް މުހައްމަދު ފައިސަލް ހަމަޖައްސައިފި އެވެ.

ފަނޑިޔާރުގެ މަޖިލީހުގައި ހައިކޯޓުގެ ފަރާތުން އެންމެ ފަހުން އިންނެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ. ކޮންމެ އަހަރަކު އެމަޖިލީހަށް އާ ފަނޑިޔާރުން އައްޔަން ކުރަން ޖެހޭނެއެވެ.

ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގައި އެންމެ ފަހުން ތިއްބެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދާއި ޑްރަގް ކޯޓުގެ ގާޒީ މުހުތާޒު ފަހުމީ އެވެ.

ޖުސީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި، ފަނޑިޔާރަކާގުޅޭ ޝަކުވާއެއް ބަލައި، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާ ނިންމުންތަކުގެ ތެރެއިން، ފަނޑިޔާރަކު މަޤާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާ ނިންމުންތައް ފިޔަވައި، އެނޫން ނިންމުންތައް އިސްތިއުނާފުކުރުމަށްޓަކައި، ކޮމިޝަނުން އެ ނިންމުމެއް ނިންމާތާ 10 ދުވަހުގެ ތެރޭގައި ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ހުށަހެޅިދާނެއެވެ.

ފަނޑިޔާރަކު މަޤާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ކޮމިޝަނުން ނިންމާ ނިންމުމެއް އެއްވެސް ގޮތަކުން އިސްތިއުނާފެއް ނުކުރެވޭނެކަމަށްވެސް ގާނޫނުގައި ބުނެފައިވެއެވެ.