މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ހުސްވެފައިވާ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

މެޑިކަލް ކައުންސިލްއިން މިއަދު ކުރި އިއުލާނެއްގައި ބުނީ މެމްބަރު ކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަގާމަށް ކުރިމަތި ލުމުގެ ފުރުސަަތު މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް އެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

މެމްބަރު ކަމުގައި ހުންނަވާ ބޭފުޅަކަށް އުސޫލުގެ ދަށުން ކޮންމެ ބައްދަލުވުމަކަށް ހާއްސަ އެލަވަންސްއެއް ލިބޭނެ އެވެ.

އެ މަގާމަށް ކުރިމަތި ލުމުގެ ޝަރުތުތަކުގެ ތެރޭގައި ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިން ތަމްރީން ކުރާ މަރުކަޒެއްގައި މަސައްކަތް ކުރާ ނުވަތަ މަސައްކަތްތެރިން ތަމްރީންކުރާތާ މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ލިބިފައިވުމާ އެކު މެޑިކަލް ނުވަތަ ޑެންޓަލްގެ ރޮނގުން ތަމްރީން ލިބިފައިވާ މީހަކަށް ވުން ހިމެނެ އެވެ.

އެ މަގާމަށް ކުރިމަތިލާ މެމްބަރުންނަށް މާކްސް ދިނުމުގައި ތައުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބަލާނެ އެވެ.

އެ މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މެޑިކަލް އަދި ޑެންޓަލް ޕްރެކްޓިޝަނަރުން ރަޖިސްޓްރީ ކުރުމާއި އަދި އެ މީހުންގެ ރަޖިސްޓްރީ ބާތިލުކުރުން ހިމެނެ އެވެ.

ހަމަ އެހެންމެ އެ މީހުންނަށް ލައިސަންސް ދޫކުރުމާއި ލައިސަންސް އާކޮށްދިނުމުގެ އިތުރުން ބާތިލުކުރުން ވެސް ހިމެނެ އެވެ.