އައްޑޫ ސިޓީ ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި މައްސަލައެއްގައި ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ހިތަދޫ ކޯޓުން އަމުރު ކޮށްފިއެވެ.

އައްޑޫގައި މީހަކަށް ހަމަލާދީ ޒަހަމްކޮށްފައި ވަނީ 16 ވަނަ ދުވަހުގެ ރޭ 22:02 ހާއިރުއެވެ. އެކަން ފުލުހުންނަށް ރިޕޯޓް ކުރުމާއެކު އެ ސަރަހައްދަށް ފުލުހުން ގޮސްފައި ވެއެވެ.

ފުލުހުން އެއިރު ވިދާޅުވިގޮތުގައި، އަނިޔާވި މީހާއަށް ހޮސްޕިޓަލްގައި ވަނީ ފަރުވާ ދީފައެވެ. އަދި އިތުރު ފަރުވާއަށް މާލެ ފޮނުވާލާފައިވާ ކަަމަށް ވެއެވެ.

އެ މައްސަލައިގައި ހަމަ އެރޭ 18 އަހަރުގެ ފިރިހެނަކު ހައްޔަރު ކުރިއެވެ.

ފުލުހުން މިއަދު ވިދާޅުވީ މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ރޭގެ ވަގުތެއްގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ނެރެފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.