އދ. ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމަސައްކަތް ކުރަމުން އަންނަ އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީއިން ބުނީ ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ބިންހިއްކުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުމާއި 170 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 57 މީޓަރުގެ އެއްގަމު ތޮށިލުމާއި ނުވަ މީޓަރު ދިގު ނުވަ މީޓަރު ފުޅާ ރޭމްޕެއް ހެދުން ހިމެނެއެވެ.

އަދި 250 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭމަންޓް ހެދުމުގެ އިތުރުން ބަނދަތު ބައްތި ހަރުކުރުން ހިމެނެއެވެ.

ޕްލޭނިން މިނިސްޓްރީން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 150 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. މިއީ 9.61 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެމްޓީސީސީން އަންނަނީ ރާއްޖޭގެ ގިނަ ރަށްރަށުގެ ބަނދަރު ހެދުމާއި މަގުތައް ހެދުމުގެ އިތުރުން ބޮޑެތި އެހެން ޕްރޮޖެކްޓްތައް ވެސް ހިންގަމުންނެވެ.