އދ. ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ.

މި މަސައްކަތުގެ އެންމެ ފަހުގެ އަދާހަމަ ހާމަކުރަމުން އެމްޓީސީސީން ބުނީ އދ. ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ބަނދަރު ފުންކުރުމާއި ބިންހިއްކުމުގެ މަސައްކަތުގެ 52 ޕަސެންޓް ވަނީ ނިންމިފައި ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުމާއި 170 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 57 މީޓަރުގެ އެއްގަމު ތޮށިލުމާއި ނުވަ މީޓަރު ދިގު ނުވަ މީޓަރު ފުޅާ ރޭމްޕެއް ހެދުން ހިމެނެއެވެ.

އަދި 250 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ އިތުރުން ބަނދަތު ބައްތި ހަރުކުރުން ހިމެނެއެވެ.

ޕްލޭނިން މިނިސްޓްރީން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 150 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. މިއީ 9.61 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެމްޓީސީސީން އަންނަނީ ރާއްޖޭގެ ގިނަ ރަށްރަށުގެ ބަނދަރު ހެދުމާއި މަގުތައް ހެދުމުގެ އިތުރުން ބޮޑެތި އެހެން ޕްރޮޖެކްޓްތައް ވެސް ހިންގަމުންނެވެ.