ސައުދީ އަރަބިއްޔާގައި ހުންނަ ހައްޖު މިޝަނުން ހިދުމަތްތައް ނުލިބޭ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ދޮގެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެގޮތަށް ވިދާޅުވީ މާފަންނަ މެދު ދާާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ލިޔުމުން ކުރެއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބުގަ އެވެ.

އިބްރާހިމް ރަޝީދުގެ ސުވާލުގައި ބުނެފައިވާ ގޮތުގައި ސަރުކާރުން ބޮޑު ހަރަދެއް ކޮށް ހައްޖު މިޝަނެއް ގާއިމުކޮށް ހައްޖާޖީންނަށް އެހީވާން މާލެއިން ގިނަ ބަޔަޖު ފޮނުވި ނަމަވެސް އެ މީހުންގެ ފަރާތުން ހައްޖާޖީންނަށް އެހީތެރިކަން ނުލިބޭ ކަމަށާއި އަދި އެހީތެރިކަން ލިބެނީ ސައުދީގައި ހުންނަ ދިވެހި އެމްބަސީގެ ފަރާތުން އެކަނި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެހެން ކަމުން ހައްޖު މިޝަން ގާއިމު ކުރުމަށް މީހުން ނުފޮނުވައި އެމްބަސީގެ މުވައްޒަފުން މެދުވެރިކޮށް ހާޖީންގެ ކަންކަން ހަމަޖައްސާނަމަ ދައުލަތައް ހަަރަދު ކުޑަވާއިރު އެކަން އެގޮތަށް ނުކުރަނީ ކީއްގެގެންތޯ އިބްރާހިމް ރަޝީދު ސުވާލު ކުރެއްވި އެވެ.

އެ ސުވާލަށް އިސްލާމިކް މިނިސްޓަރު ދެއްވި ޖަވާބުގައި ބުނެފައިވާ ގޮތުގައި ރާއްޖެއިން ހައްޖަށްދާ މީހުން ބެލެހެއްޓުމާއި އެ މީހުންގެ ކަންކަން ބެލެހެއްޓުން ޒަމާނުއްސުރެ ކުރަމުން އައީ ޕިލިގްރަމް އޮފީސް ނުވަތަ ހައްޖު މިޝަންއިން ކަމަށެވެ. އެ އޮފީސް ގާއިމުކުރަނީ ހައްޖޫ މޫސުމަށް ކަމަށާއި ވީހާވެސް ކުރިން އެ މިޝަން ގާއިމުކުރަން ޖެހޭ ކަމަށާއި އަދި ހައްޖުގެ އެކި އިންތިޒާމްތަކާ ގުޅޭ ގޮތުން ސައުދީ އަރަބިއްޔާއިން ބާއްވާ އެކި ބައްދަލުވުންތަކުަގައި އެ މިޝަންއިން ބައިވެރިވާން ޖެހޭ ކަމަށެވެ.

އެހެން ނަމަވެސް އެ ކަންކަމަށް އެކަށީގެންވާ ބަޖެޓެއް ނުލިބޭތީ ހައްޖު މިޝަންގެ ހަރަކާތްތައް ހިންގޭ މިންވަރަކީ ހައްޖު މޫސުމަށް އެކަނި އޮފީސް ގާއިމު ކުރުން ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ހައްޖު މިޝަންއިން ގިނަ ހިދުމަތްތަކެއް ހައްޖާޖީންނަށް ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން ހައްޖާޖީން އެއާޕޯޓަށް އަންނަ އިރު ކުންފުނިތަކާއި ހައްޖާޖީންނަށް ދިމާވާ އެކި މައްސަލަތައް ހައްލުކުރުމާއި ހައްޖުވެރިން ވީހާ ވެސް އަވަހަކަށް މައްކާއަށް އެތެރެވުމަށް ކަންކަން އިންތިޒާމް ކުރުމާއި ހައްޖުވެރިން އެނބުރި މާލެ އަންނަ ވަގުތުތަކުގައި އެ ފަރާތްތަކަށް ބޭނުންވާ ހިދުމަތްތައް ދިނުމާއި ހައްޖުވެރިން ގެއްލުމުން ހޯދުމަށް އެހީތެރިވެ ދިނުމާއި އަދި ހައްޖުވެރިއަކު ނިޔާވެއްޖެނަމަ ޖަނާޒާގެ ކަންކަން ހިމެނެ އެވެ.

"އެހެންކަމުން ހާޖީންނާއި ޖަމާއަތްތަކަށް ހައްޖު މިޝަންގެ އެހީތެރިކަން ނުލިބޭ ކަމަށާއި އެ ހިދުމަތްތައް ފޯރުކޮށްދެނީ އެމްބަސީންކަމުގައި ބުނެ ދައްކާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމުގައި ދަންނަވަމެވެ." މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޭއިބްރާ

    ޙައްޖު މިށަނުން ކުރާކަމަށް އެވިދާޅުވި ކަންކަމަކީ ޙައްޖަށް މީހުން ގެންދާ ގުރޫޕް ތަކުގެ ޒިންމާއެއްކަމަށްވާތީ ހައްޖު އޮފީހުން އެފަދަކަމެއް ކުރަން ސައުދީގައި ބޮޑު ޚަރަދުކޮށްގެން އޮފީހެއް ބަހައްޓަން ޖެހޭބާ؟ އެކަމަކު ހައްޖު އޮފީހުގެ މަސައްކަތަށޭ ވިދާލުވެ ދާބަޔަކަށް ވަރށް މަޖާކުރެވި ދާ ނެ!