ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އާއި ބައްދަލުކުރި ކަމަށް ބުނެ މިއަދު މީސް މީޑިއާގައި ދައުރުވި ޚަބަރު ޖުމްހޫރީ ޕާޓީން ދޮގު ކޮށްފިއެވެ.

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރައްވާ މިނިސްޓަރ ނަހުލާ، މެޑަމް ފާތުން އާއި ބައްދަލުކޮށްފި ކަމަށް ބުނެ އެމްވީކްރައިސިސް އިން މިއަދު ހަވީރު ވަނީ މީސް މީޑިއާގައި ޕޯސްޓެއް ކޮށްފައެވެ.

ނަމަވެސް އެ ޚަބަރު ދޮގުކޮށް މިރޭ ޖުމްހޫރީ ޕާޓީގެ ތަރުޖަމާން އަލީ ސޯލިހް ވިދާޅުވީ މިނިސްޓަރ ނަހުލާ މިއަދު ހަވީރު ވަޑައިގެންނެވީ ޗީބޯ ރެސްޓޯރެންޓަށް ކަމަށެވެ.

ހުޅުމާލޭގައި ހުންނަ މިނިސްޓްރީގެ އޮފީހުން މިނިސްޓަރ ނަހުލާ މާލެ ވަޑައިގަތް މަގުމަތީގައި ޗީޕޯ ރެސްޓޯރެންޓަށް ވަނީ އާއިލާ ބޭފުޅުންކޮޅެއް އެ ރެސްޓޯރެންޓްގައި އެވަގުތު ތިއްބެވުމުން ކަމަށް އަލީ ސޯލިހް ވިދާޅުވިއެވެ. "އާއިލާ ބޭފުޅުންކޮޅެއް ޗީބޯގައި ތިއްބެވީމަ އެތަނަށް ވަޑައިގެން މަންޒަރު ތަސްވީރުކޮށް އެއިން ދޮގު ފެތުރުމަކީ ވަރަށް ނާތަހުޒީބު ކަމެއް." އަލީ ސޯލިހް ވިދާޅުވިއެވެ.

ޗީބޯ ރެސްޓޯރެންޓަކީ ބުރެވިމަގާއި ބޮޑުތަކުރުފާނުމަގު ގުޅޭ ކަންމަތިން ބުރެވިމަގުގެ އުތުރުފަރާތުގައި ހުންނަ ރެސްޓޯރެންޓެކެވެ. ރައީސް ޔާމީންގެ ގެކޮޅުކަމަށްވާ ދޫވެހި ހުންނަނީ ބުރެވިމަގާއި ބޮޑުތަކުރުފާނުމަގު ގުޅޭ ދެކުނު ފަރާތު ކަންމަތީގައެވެ.

މިނިސްޓަރ ނަހުލާ، މެޑަމް ފާތުން އާއި ބައްދަލުކުރި ޚަބަރު މީސް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވިއެވެ. މިނިސްޓަރ ނަހުލާ ވަނީ މިދިޔަ ހަފްތާގައި ރައީސް ސޯލިހް މަންދޫބުންގެ ގޮތުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ރައީސްގެ ކޮއްކޯފުޅު އަލީ ނިޔާޒް ވެސް ބައްދަލު ކުރައްވާފައެވެ.

ޕީޕީއެމް އިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނީ ރައީސް ޔާމީން ކަމަށް އެޕާޓީން ބުނި ނަމަވެސް އެމަނިކުފާނު ޖަލު ހުކުމެއްގައި ހުންނެވުމުން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިވަގުތައް ވަނީ ބަންދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދިވެހި ޒުވާނުން

    ތި ދެން މާ މުހިންމު ކަމެއްތޯ؟ އެމީހުން ބައްދަލު ކުރީއޭ ކިޔާފަ. ބުނަން ރައްޔިތުން ނިކަން ހޭލާ ތިބޭ އިބޫގެ ވެރިކަމަކީ ސީދާ ރަށްރަށަށް ތަރައްޤީ ގެނުވީ އަދި ގެނުވާދޭ ސަރުކާރު ހަމަ އެކަކުވެސް އިބޫނޫން މީހަކަށް ވޯޓް ނުދޭތި

    3
    9
  2. މަތަރަސް

    ބަލަ މިދެން ކާކުތަ؟ ބަލަ ޓްރާންސްޕޯޓް މިނިސްޓްރީ ނުހިންގިގެން އުޅޭއިރު ވރިކަން ކުރެވޭތަ؟ ބަލަ ގާސިމުފިނޭސް މިނިސްޓަރުކަމުގާ ބާރާ މަގާމާބޭނުންކުރީކިހާވަރަކައްތަ؟ މިނަހުލާ ގެމައްސަލަ އޭސީސީއައް ލާގެން އުޅޭއިރު މިކަންބެލުނުތަ؟ މިގައުމުހަލާކުކުރާމީހަކީ މިބުރުމާގާސިމު ރައްޔަތުންގެފައިސާއިން ބަލިވީމާބޭސްކުރަނީ ކޮބައި ތިޔަމުއްސަދިކަން ކޮވެޑުގާވެސް ފައިދާވީ މިގާސިމައް؟

    4
    2