މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް އަންހެނުންގެ ދުވަހާ ގުޅުވައިގެން އަންހެން ކުދިންނަށް ހާއްސަކޮށްގެން ކޯޑިންގ އަދި އިންޖިނިއަރިންގ ޕްރޮގްރާމެއް ފަށަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައްޔާރުވެއްޖެއެވެ.

ބީއެމްއެލް އިން މިފަދަ ޕްރޮގްރާމެއް ފަށަން ތައްޔާރުވެފައި ވަނީ އަހަރުގެ އަންހެނުންގެ ދުވަހުގެ ތީމްއާ ގުޅުވައިގެންނެވެ.

މި އަހަރުގެ އަންހެނުންގެ ދުވަހުގެ ތީމަކީ "ޑީޖިޓަލްއޯލް: އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ ފޯ ޖެންޑާ އީކުއަލިޓީ" އެވެ. ދިވެހިން ބުނާނަމަ މިއީ "މިންތީގެ ހަމަހަމަ ކަމަށްޓަކައި ޓެކްނޯލޮޖީ އާއި އިނޮވޭޝަން" އެވެ.

ބީއެމްއެލް އިން ބުނީ އެ ކުންފުނިން މިފަދަ ޕްރޮގްރާމެއް ތައާރަފްކުރުމުން ބޭނުމަކީ އީޖާދީ އަދި ޓެކްނޮލޮޖީގެ ދާއިރާގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުން ކަމަށެވެ.

މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ 12 އަހަރާއި 14 އަހަރުގެ އުމުރުފުރައިގެ އަންހެން ކުދިންނަށެވެ. މި ޕްރޮގްރާމުގައި ޖުމްލަ 30 ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ދޭނެއެވެ.

ބީއެމްއެލް އިން ބުނީ މި ޕްރޮގްރާމް ކުރިއަށް ގެންދާނީ ފޯލޫޕް ކޯޑިންގ އެކަޑަމީ އިން ކަމަށެވެ. އަދި މި ޕްރޮގްރާމުގައި ވިޝުއަލް ބްލޮކްސް ބޭނުންކޮށްގެން ގޭމް ޑިވެލޮޕްކުރުން، ޕައިތަން ބޭނުންކޮށްގެން އެޕް ޑިވެލޮޕްކުރުމާއި ބްލޫޓޫތް ކޮންޓްރޯލް ރޮބޮޓް ހެދުން ފަދަ ކަންކަން ދަސްކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

ބީއެމްއެލް އިން ބުނީ މި އަހަރުގެ އަންހެނުންގެ ދުވަހުގެ ތީމްގައިވާ ކަންކަން ހާސިލް ކުރުމަށްޓަކައި ކުޑަކުދިން މިދާއިރާއަށް ޝައުގުވެރިކަން އުފެއްދުމާއި ޓެކްނޮލޮޖީގެ ދާއިރާއިން އަންހެން ކުދިންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގައުމު

    ދެ ޖިންސު ހަމަހަމަ ކަމުގެ ވާހަކަ ދައްކާ އިރު ކޮން ހަމަހަމަ ކަމެއްތޯ މިހާރު މިފެންނަނީ. އަންހެނުންނަށް ހާއްސަ ކޯޑިންގ ޕްރޮގްރާމާ އަންހެނުންނަށް ހާއްސަ ލޯނާ. އޭއްޗެއް މީއްޗެއް. އަބަދު އަންހެނުންގެ ހައްގުތަކުގެ ވާހަކަ. ކޮބައިތޯ ފިރިހެނުންގެ ހައްގުތައް. މިހާރު ބަދިގޭގަ ކައްކާފަ އަނބިމީހާއަށް ކާންދޭން މިޖެހެނީ ފިރިމީހާއަށް. ކުދިންވެސް ބަލަން މިޖެހެނީ ފިރިމީހާއަށް.

  2. އަލީ

    ތިތަނުގެ ތެރޭގަ މިހާރުވެސް ހެކަރޒްގެ ކަންތައް މައިތިރި ނުވޭ. އަދިވެސް އިތުރަށް ކަސްޓަމަރުންނަށް ހޭ އަރުވާލަންތަ ބޭނުމީ

    3
    1
  3. އަހުމަދުު

    ހުރިހާ ކުޑަކުދިންނެ ނޫން، ހަމަ އެކަނި އަންހެން ކުޑަކުދިންދޯ؟ ގައުމުގައި ހުރިހާ އެންމެންނާ ހުރިހާ ޖިންސެއް ހަމަ ހަމަ އޯ، އެކަމަކު މިފެންނަނީ ކިހާ ހަމަހަމަ ކަން، މަގާމާ މައްސޫލިޔަތު ދޭން ޖެހޭނީ ގާބިލު މީހުންނަ، އަންހެން ފިރިހެން ބެލުމެއް ނެތި.