ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކައުންސިލް ބައްދަލުވުމެއް މިއަދު ބާއްވަން ނިންމައިފިއެވެ.

މިއީ ޖޭޕީގެ ހަތަރު ވަނަ ގައުމީ ކޮންފަރެންސުން އަލަށް އިންތިހާބު ކުރި ކައުންސިލް މެމްބަރުންނާއެކުގައި އެ ޕާޓީގެ ބައްދަލުވުމެއް ބާއްވާ ދެވަނަ ފަހަރެވެ.

މ. ކުނޫޒުގައި އޮންނަ މި ބައްދަލުވުން ފަށާނީ މިއަދު މެންދުރުފަހު އެކެއް ޖަހާއިރުއެވެ.

ކައުންސިލް ބައްދަލުވުމުގެ އެޖެންޑާގައި ހިމެނޭ ކަންކަމުގެ ތެރޭގައި ޖޭޕީގެ އަސާސީ ގަވައިދުގެ ދަށުން މެމްބަޝިޕް ކޮމިޓީ، ސުލޫކީ ކޮމިޓީ، އިސްތިއުނާފް ކޮމިޓީ، ކެމްޕެއިން އެންޑް އިލެކްޝަންސް ކޮމިޓީ، އެކްޓިވިޓީސް ކޮމިޓީ، އަދި ފަންޑް ރެއިޒިން ކޮމިޓީގެ މަގާމުތަކުގެ އިންތިހާބު ބޭއްވުނން ހިމެނެއެވެ.

މީގެއިތުރުން "އެހެނިހެން" ގެ ދަށުން އައިޓަމެއް ހިމަނާފައިވެއެވެ.

މިދިޔަ މަހުގެ ފަހުކޮޅު ބޭއްވި ޖޭޕީގެ ހަތަރު ވަނަ ގައުމީ ކޮންފަރެންސްގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ވަނީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ނެރެން ނުވަތަ އެ ޕާޓީ އިސްވެ އޮވެ، ކޯލިޝަން އުފެއްދުމާ ގުޅޭ ގޮތުން ހުށަހެޅި ގަރާރު ފާސްކޮށްފައެވެ.

އެ ގަރާރު ފާސް ކުރި ފަހުން ބޭއްވި ޖޭޕީގެ ފުރަތަމަ ކައުންސިލް ބައްދަލުވުމުގައި ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރުމަށް ރިޔާސީ ކެންޑިޑޭޓު ކަމުގެ އިތުރުން އެ އިންތިހާބުގައި ކޯލިޝަން ހެދުމުގެ ބާރު ގާސިމަށް ދޭން ހުށަހެޅި ގަރާރު ވެސް ފާސްކޮށްފައެވެ.

ގާސިމަށް މި ބާރު ދިނުމާ ގުޅިގެން ރިޔާސީ އިންތިހާބުގައި ޖޭޕީން ކެންޑިޑޭޓަކު ނެރޭނެތޯ ނުވަތަ އިސްވެ އޮވެ، ކޯލިޝަން ހަދާނެތޯ ނިންމުމުގެ ހުރިހާ ބާރެއް ލިބެނީ ގާސިމަށެވެ. އެކަމަކު، ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން ގަބޫލު ކުރައްވާ ގޮތުގައި އެފަދަ ބޮޑު ނިންމުމެއް ގާސިމް ނިންމަވާނީ އަންނަ ކައުންސިލާ މަޝްވަރާކޮށްފައެވެ.

ގައުމީ ކޮންފަރެންސުން ފާސް ކުރި ގަރާރު ކައުންސިލް ބައްދަލުވުމަށް އަދި ހުށައަޅާފައި ނުވާ އިރު، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް މީގެކުރިން ވިދާޅުވެފައި ވަނީ އެ ގަރާރު ކައުންސިލާ ހަމައަށް ގެންގޮސްދެއްވާނެ ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން، ގާސިމް ވަނީ އެކިއެކި ބޭފުޅުންނާ ބައްދަލު ކުރައްވައިފައެވެ. އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް ހިމެނިވަޑައިގަންނަވައެވެ. ގާސިމް އެންމެ ފަހުން ބައްދަލު ކުރެއްވީ ނައިބު ރައީސްއާ އެކީގައި ސަން އައިލެންޑްގައެވެ. އޭގެ ކުރިން އެމްއާރުއެމްގެ ރައީސް، އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން އާއި އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ރައީސް ސޯލިހް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ މަންދޫބުންނާ ބައްދަލު ކުރެއްވިއެވެ.

ގާސިމް ވަނީ 2008 ވަނަ އަހަރާއި 2013 ވަަނަ އަހަރުވެސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވައިފައެވެ. އަދި މިފަހަރުގެ ރިޔާސީ އިންތިހާބުގައި ގާސިމް ވާދަކުރައްވާނެ ކަމަށް އެ ޕާޓީގެ ލީޑަޝީޕްގެ ގިނަ ބޭފުޅުން ގަބޫލު ކުރައްވައެވެ. އެ ބޭފުޅުން ގަބޫލު ކުރައްވާ ގޮތުގައި މިފަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ އެންމެ ފުރުސަތު ބޮޑު ބޭފުޅަކީ ގާސިމެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    1800 ބައްދަލުވުން ބޭއްވިޔަސް އަހަރުމެން މިހާރު ތިޔާ ޕާރޓަީއަކުން ކުރާ ކަންތަކާ ނުވެސް ވިސްނަން . ހަމަ ޖެހިތަނަށް ޖެހޭނީ. ކިތައްމެ މީޓީންގް ބޭއްވިޔަސް ނުކެރޭނެ ސަރުކާރާ ކޯލިޝަން ނަހަދާހުންނާކަށް. އަސް ލު ރައްޔިތުން މާބޮޑު ކަމެއް ދައްކަން ކުރާކަމެއް. !

  2. ހނހ

    ސަޢުދަކީ ވަރަށް އަންހެންދުޅާ މީހެއް

  3. އަޙުމަދު

    ރައީސް ޔާމީން ޖަލުން ސަލާމަތްވެއްޖެ ނަމަ، ގާސިމް ދާނީ ތިންވަނަ އަށް ، ދެވަނަ ބުރަށް ދާނީ ރައީސް އިބްރާހިމް އާއި ރައީސް ޔާމީން ، މިހާލަތުގައި ޖޭޕީ، ނާޒިމް ޕާޓީ ، ރައީސް މައުމޫނުގެ ޕާޓީގެ ސަޕޯޓު ލިބިގެން ދާނީ ރައީސް އިބްރާހިމް އަށް، ދެވަނަ ބުރުގައި ރައީސް ޔާމީން އަށް މިއިން އެއްވެސް ފަރާތަކުން ތާއީދު ކުރާނެ ކަމަށް ނުފެނެއެވެ. މި ހާލަތުގައި ރައީސް ކަމަށް އަންނާނީ ރައީސް އިބްރާހިމް. ނަމަވެސް ރައީސް ޔާމީން ޖަލުން ސަލާމަތް ވެ އިންތިހާބުގައި ވާދަކުރެވޭ ގޮތް ނުވެއްޖެ ޙާލެއްގައި ދެވަނަބުރު އަށް ދާނީ ގާސިމް އާއި ރައީސް އިބްރާހިމް ، މިޙާލަތުގައި ޕީޕީއެމް، ރައީސް މައުމޫނު، ކާނަލްރިޓަޔާޑް ނާޒިމް ގެ ސަޕޯޓު ލިބިގެން ދާނީ ގާސިމް އަށް އެހެންކަމުން ދެވަނަބުރުން ގާސިމް އިންތިހާބު ކާމިޔާބު ކުރާނެ. ( ނޯޓު: މި ފޯމިއުލާއަކީ ގާސިމް ގެ ރަނިންމޭޓް އަކަށް ރައީސް ނަޝީދު ނުލައި ދިމާވުން ގާތް ފޯމިއުލާއެއް.) ރައީސް ނަޝީދު ރަނިންމޭޓް އަކަށް އިޚުތިޔާރުކޮށްގެން ގާސިމް އިންތިހާބުގައި ވާދަކުރައްވައިފިނަމަ، ޕީޕީއެމް، ރައީސް މައުމޫނު، އަދި ކާނަލްރިޓަޔާޑް ނާޒިމް ގެ ތާއީދު ގާސިމް އަށް ލިބޭނެ ކަމަށް ނުފެނެއެވެ.

  4. ރަން ރީނދޫ

    ތިޔައީ ބުރަދަނެއް ހުރި ޕާޓީއެއް ނޫން. ރައްޔިތުން ތިބޭ ކޮޅަކަށް ކޯލިޝަން ހެދީމަ،ހުރިހާ ފޮނިމީރުކަމެއް ގާސިމަށް. ގާސިމް އެދޭގޮތަށް ރައްޔިތުން ވޯޓް ދެނީކީނޫން. ރައްޔިތުންގެ 40 ޕަސެންޓް އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވޭ. މި 40 ޕަސެންޓް ވޯޓު ، ވަކި ކޮޅަކަށް ބުރަކޮއްލާ ބަޔަކީ.

  5. އިބްރާހިމް

    އަޅުގަނޑަށް ފެންނަގޮތުގައި އޮނަރަބަލް ޤާސިމް އަދިވެސް ގޮތެއް ނުނިންމަވައި މަޑުކުރެއްވުމަކީ އިބޫ ސާލިހު ސައިޒްވެ ކުޑަވެގެންދާނެކަމެކެވެ.