ރާއްޖޭގެ ރައީސް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް ކުރިމަތިލައްވަން ނިންމަވާ ހިސާބުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އޭނާ އަށް އަނިޔާވެރި ނުވާނެ ކަމުގެ ޔަގީން ކަން އޮތް ކަމަށް ގާސިމްގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.

މި ސަރުކާރު ކޯލިޝަން އެކުގައި މި އަހަރުގެ ރިޔާސީ އިންތިހާބަށް ނުކުތުމަށް ރައީސް ސޯލިހް ޕާޓީތަކަށް ދައުވަތު ފޮނުވާފައި ވަނިކޮށް ޖޭޕީން ވަނީ އެ ދައުވަތު ގަބޫލުނުކޮށް ވަކިން އިންތިހާބުގައި ނުކުތުމަށް ނިންމައިފައެވެ. އަދި އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ކުރިމަތިލުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފައެވެ. ބޮޑަށް ބެލެވޭ ގޮތުގައި، ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ އެއް ބޭފުޅަކީ ގާސިމެވެ.

ގާސިމް ރިޔާސީ އިންތިހާބަށް ނުކުންނަވައިފި ނަމަ، ގާސިމަށް ތާއީދު ކުރައްވަން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނިންމަވައިފައެވެ. ނަޝީދު ގަބޫލު ކުރައްވާ ގޮތުގައި މި އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ސޯލިހަށް ކާމިޔާބު ކުރެއްވޭނެ ފޯމިއުލާއެއް ނެތެވެ.

ރައްޔިތުންގެ މަޖިލިހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ކަން ކުރެއްވި ރިޔާޒް "ވަގުތަށް" ވިދާޅުވީ ވޭތުވެދިޔަ ވެރިކަންތަކަށް ބަލާއިރު ގާސިމް ވެރިކަމަށް ކުރިމަތިލައްވަން ނިންމަވައި އެކަން އިއުލާން ކުރައްވާ ހިސާބުން އޭނާގެ ވިޔަފާރިތައް ހުއްޓުވައި، ޖެއްސުންކޮށް ދަތި ކުރުމުގެ ފިޔަވަޅުތައް އެޅި މަންޒަރު ފެނިފައިވާ ކަމަށެވެ.

އޭގެ ސަބަބުން ގާސިމަށް ބޮޑެތި ގެއްލުމާ ކުރިމަތިލާން ޖެހިވަޑައިގެންނެވި ކަމަށް ރިޔާޒް ވިދާޅުވިއެވެ. އެކަމަކު، ރައީސް ސޯލިހްއަކީ އެފަދަ ޖެއްސުމެއް ނޫނީ އުނދަގުލެއް ކުރައްވާނެ ބޭފުޅެއް ނޫން ކަމަށާއި އެމަނިކުފާނު، ގާސިމަށް އަނިޔާވެރި ނުވާނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަ ރައީސް ސޯލިހެއް އަނިޔާވެރިއެއް ނުވާނެ ގާސިމަކަށް. އަޅުގަނޑާ އެކީގައި މަޖިލިހުގައި ރައީސް ސޯލިހް 17 އަހަރު މަސައްކަތް ކުރެއްވި. އެފަދަ އެއްވެސް ކަމެއް ފާހަގަ ކުރެވިފައެއް ނުވޭ. އެހެންވެ، ގާސިމަށް ދެރައެއް ދޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ،" ރިޔާޒް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިޔާޒް ވާހަކަދައްކަވަނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ރިޔާޒް ވިދާޅުވި ގޮތުގައި ސިޔާސީ މަސްރަހު މިހާރު ބަދަލުވެފައިވާ ގޮތުން ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމުގެ އެންމެ ފުރުސަތު ބޮޑު ބޭފުޅަކީ ގާސިމެވެ.

އެއީ ގާސިމް ކުރިމަތިލައްވައިފި ނަމަ، އެމްޑީޕީގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު، ގާސިމަށް ލިބުމާއި އަދި ޕީޕީއެމްގެ ސިޔާސަތުތަކާ އެއްގޮތް ބަޔަކާ ކޯލިޝަން ހަދަން މަޝްވަރާ ކުރުމުގެ ފުރުސަތު އޮތް ކަން އެ ޕާޓީން ބުނަމުން އަންނާތީ ކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ.

"މި ހުރިހާ ކަމަކަށް ބަލާއިރު، މި ކާމިޔާބު (ރިޔާސީ އިންތިހާބު) ކުރުމުގެ އެންމެ ފުރުސަތު ބޮޑީ ގާސިމް ކަމަށް ބެލެވޭ. އަނެއްކާ ސަރުކާރާ މެދު ހިތްހަމަނުޖެހުންތަކެއް ހުރި ރައްޔިތުން ވެސް އެބަތިބި." މަޖިލިހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ކަން ކުރިން ކުރެއްވި ރިޔާޒް ވިދާޅުވިއެވެ.

ޖޭޕީން ވަކިން ވާދަކުރަން ނިންމުމާ ގުޅިގެން ރައީސް ސޯލިހަށް ތާއީދު ކުރައްވާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ވަނީ ޖޭޕީގެ ސްލޮޓްތަކުގައި ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަކި ކުރަން ގޮވާލައްވައިފައެވެ. ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ޖޭޕީގެ މެމްބަރުން އެ މަގާމުތަކުން ވަކި ނުކުރެވޭނެ ކަމަށް ނަޝީދާއި ގާސިމް ވެސް އަންނަނީ ވިދާޅުވަމުންނެވެ.

އެއްވެސް ބޭފުޅަކު އިސްތިއުފާ ނުދޭތި، ނޫން ނަމަ ރައީސް އިސްތިއުފާ ދެއްވާ: ގާސިމް

ނައިބު ރައީސް ފައިސަލް ނަސީމް، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ، ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް، ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އަދި ކޮންޓްރޯލާ ހަނަފީ އަކީ ޖޭޕީގެ މެމްބަރުންނެވެ. އެ ބޭފުޅުންގެ އިތުރުން ކުންފުނިތަކުގެ ވެރިންނާޢި ސްޓޭޓު މިނިސްޓަރުންނާއި މިނިސްޓަރުންގެ ނައިބުން ފަދަ ސިޔާސީ މަގާމުތަކުގައި ޖޭޕީގެ ބޭފުޅުން އެބަތިއްބެވިއެވެ.

ރިޔާޒް ވިދާޅުވީ މަޖިލިހުގެ މެމްބަރުންނަކީ ހިތަށް އެރިހާ އެއްޗެއް ވިދާޅުވާން ތިއްބެވި ބޭފުޅުން ނޫން ކަމަށާއި އެ ބޭފުޅުން ވެސް ކުރިއަށް އޮތް ތަނުގައި ޖޭޕީއާ ވެސް ގުޅިގެން މަސައްކަތް ކުރަން ޖެހިދާނެ ކަމަށެވެ. އެ މަންޒަރު ރިޔާސީ އިންތިހާބުގައި ހަމަ ފެނިދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ ސަރުކާރު ހިންގަން ދަތި އުނދަގުލާ ކުރިމަތިކޮށް، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް އެއްބާރުލުން ނުލިބޭ ކަމުގައި ވާނަމަ، އެބޭފުޅަކު ވަކި ކުރެއްވުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ކުރެއްވީމަ ރަނގަޅު ވާނެ ކަމަށެވެ.

މި މައްސަލައިގައި ގާސިމް ވިދާޅުވީ މި އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހާ ހަމައަށް ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ޖޭޕީގެ ބޭފުޅުން ތިއްބެވުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އެހެންވެ، އެ ބޭފުޅުން މަގާމުތަކުން އިސްތިއުފާ ނުދެއްވުމަށް ވެސް ގާސިމް ވަނީ މީގެކުރިން ގޮވާލައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ލުޓޭރުންގެ ސަރުކާރު

    އަހަރެމެންނަ އިގޭ ތީ އިބުރާހިމާ ގާސިމާ އެކައްޗެކަން..ތިއެއްމެން އަނިޔާވެރިވަނީ ރޔާމީނަށް ތިއެއްމެންބޭނުންވެގެން އެދޭގޮތަށް ރޔާމީން ޖަލަށްލައިގެން އުޅެނީ..ތީ މިގައުމަށް ގައްދާރުވިބައެއް ތިއެއްމެނަ ވަކިނުވެވޭނެ ވަރަށް އިންޑިޔާ ހިމަރޯނުން ބަދެފަ ތި ބޭނީ..މި5މިދަނީ ގައުމު ފުޑެމުންމިދިޔައީ ޖޕއަށް ފެނުނުކަމެ އެ ބައޮތްތަ..ވެރިކަން ބޭނުންވީމަ އަނގަފުޅުތައް ހުޅުވުނީ..

    23
    6
  2. ހަރުފަ

    ހެހެހެހ ކުޑައިރުންފެށިގެން އިހައްދުވަހާޖެހެންދެން އެއްތަށިން ކާންދިންމީހާ އަތުގަ ދަތްއެޅި، ދެންކިހިނެއް 17 އަހަރުގަ އެއްކޮށް މަސައްކަތް ކުރިޔާކިޔާފަ އޭނަ އެގޭނީ!

    19
    4
  3. 4 ކެލެހާޑު

    ސޯލިހަކީ އަނިޔާވެރިވާން ކޮން ހައްގެއް އޮތް މީހެއްތޯ އޭނަވެސް އެއީ ސަރުކާރުގަ ގުލާނުކުރާ މީހެއް މުސާރަވެރިއެއް މުސާރަދެނީ ގާނޫނާ ޚިަލާފު ކަންކަން ކުރާކަށް ނޫން އެކަންކަން ބެލެޭނެ ދުވަސް ކައިރިވަނީ ސީސަލްއަށް ދިލްހަދާ ވިއްކާލި ބައި ބެލޭނެ

    15
    2
  4. ކޮވިޑް

    ތިކަން އެންގޭ އެމްޑީޕީގެ ސޯލިހު ފެކްޝަނުން ޖޭޕީގެ މަގާމު ތައް ކަންބަޅި އެއް ކަތިލާ އުސޫލު އެ ހަންދާން ކޮށްދިނީ.

    18
    2
  5. ޢިޔާބު

    ގާސިމު ގެ ބިރު
    މީހަކު އަނިޔާވެރިވެދާނެތީ ބިރުން
    އެހެންމީހަކު 2އަންބަށް މީހަކާ އިނދެފާނެތީ ބިރުން
    ކޮވިޑްގެ 2 އަހަރުން ބަލިވެދާނެތީ ބިރުން
    އެހެން މީހަކު މުއްސަނދި ވެދާނެތީ ބިރުން
    ތިމާއަށް ވެރިކަން ނުލިބިދާނެތީ ބިރުން

    24
    1
  6. ހުސޭނުބޭ

    ސޯލިބޭ ހުންނަނީ ދަށުވެފައި ދޯ

    18
    1
  7. ހަހަ

    މިގައުމައްޓަކާ ކަމެއް ކުރންޏާ ޖޭޕީ އެކިޔާ ހޮޙަޅަ ހަލާކުކޮއްލަން!!! .ރިޔާޒު ކަހަލަ ކޮރެޕްޓު ގުރޫޕްތައް ގޮސް ވަންނަނީ ތިހޮހަޅައަށް. !!!

    12
  8. ާދަލޭކް

    ތި ސޯލިހު ވެރިކަމަށް ފޫގަޅާއިގެން ހުރެ ބުނީ މަގޭ ވެރިކަމެއް ގަ ތިބޭޅުންގެ ދައުލަތުގެ ލޯ ލާރިއެއްގަވެސް އަށް ނުލާނަމޭ ޒީރޯ ޓޮލަރެންސޭ ބަލަ މިހާރު އެހެންތަ އެވަނީ ފައުޖު ފައުޖައް ލަޝްކަރު ގޮވައިގެން ދައުލަތުގެ ޚަޒާނާއިން އުދުހެނީ

    11
    1
  9. މުޖު ތަބަކް

    ކޮބާތޯ އިންޑިޔާގެ ރުހުން. ދިއްލީ އަށް ގާސިމް ވަޑައިގަންނަވަން ޖެހޭނެ އިންތިޚާބަށް ކުރިމަތި ލައްވަންޏާ. ހަމަ ގައިމުވެސް ނަޝީދެއް ޗައިނާ އާ އެއްގަލަށް އަރައިގެން މަސައްކަތެއް ނުކުރާނެ. ޓްރުތް އިޒް، ޖިއޯ ޕޮލިޓިކަލް ސިނޭރިއޯ ވިލް ޕްލޭ އަ ހިއުޖް ރޯލް އިން އަވަރ ޑޮމެސްޓިކް ޕޮލިޓިކްސް.

  10. ނަން

    ސޯލިހަށް ތިދިން އަނިޔާ ވިސްނަބަލަ، ތިހެން ހަދާކަށް ނުވާނެނޫން، ބަދަލުގެ ގޮތުގަޔާއި އެހެނިހެން ގޮތްގޮތުން ކިހާ އެހީއެއްވި ހަނދާން އެބަހުރިތަ

  11. ފަރުޙަތު

    . ރައްޔިތުން މަޖިލިހާ ހުރިހާ މިނިވަން މުވައްސަސާތަކެއް އޮތީ ސަރުކާރުގެ ބާރުގެ ދަށުގައި. ކުރިން ގޮތަށް ސަރުކާރު ވައްޓާލާކަށް އެއްވެސް މީހަކު ނޫޅޭ. އެކަމަކު ކިތައް ޢިލްމުވެރިން ޖަލުގައި އެބަތިބި. ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަމެއް ނެތް. ވަޒީފާގެ ފުރުޞަތެއް ނެތް. ހަމަހަމަކަމާ އިންސާފެއް ނެތް. ތަކެތީގެ އަގު ޚިދުމަތުގެ އަގު %200 ބޮޑު ވެއްޖެ. ސިޔާސީ މާޤާމުތަކުގެ ޢަދަދު 1500 އަށް ވުރެ ގިނަ ވެއްޖެ.